ނެޝަނަލް ކެންސަރ ކޮންޓްރޯލް ޕްލޭން އިފްތިތާހްކޮށްފި

16 ފެބްރުއަރީ 2023
ގައިންގަޔަށް ނާރާބަލިތައް ކޮންޓްރޯލްކޮށް ޞިއްޙީ ދުޅަހޮޔޮކަން އިތުރުކުރުމަށް، މިހާރު ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށް ރޭވިފައިވާ މުހިއްމު ކަންކަމުގެ ތެރެއިން މިހާރު އެކުލަވާލެވިފައިވާ "ނެޝަނަލް ކެންސަރ ކޮންޓްރޯލް ޕްލޭން 2022-2026" މިއަދު މިނިސްޓަރ އޮފް ހެލްތު ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އަޙުމަދު ނަސީމު އިފްތިތާޙް ކޮށްދެއްވައިފިއެވެ.
 މިކަމަށްޓަކައި މިނިސްޓްރީ އޮފް ހެލްތުގައި މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްފައިވާ މަންދޫބު ޑރ. ނާޒްނީން އަންވަރުއަދި މިނިސްޓްރީ އޮފް ހެލްތު ގެ އިސްވެރިންނާއި، ކެންސަރަށް ފަރުވާ ދޭ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި، ސިއްޙީ ޚިދުމަތްތެރިން، އޮފިޝަލުން އަދި މިކަމާގުޅޭ އެންޖީއޯތަކުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
"ނެޝަނަލް ކެންސަރ ކޮންޓްރޯލް ޕްލޭން"(އެންސީސީޕީ)އަކީ މި ބަލި ކޮންޓްރޯލްކުރުމަށް ކަނޑައަޅާފައި ހުރި ކަންކަން 5 އަހަރުގެ މުއްދަތަށް އެކުލަވާލެވިފައިވާ ފްލޭންއެކެވެ.
މި ޕްލޭން އެކުލަވާލެވިފައިވަނީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ފަންނީ ލަފައާއި އެހީތެރިކަމާއެކުގައި އަދި ރާއްޖޭގެ މިކަމާ ގުޅުންހުރި ފަންނީ ފަރާތްތަކުގެ މަޝްވަރާއާއިއެކުގައެވެ.މިޕްލޭންގެ މަޤްޞަދުތަކުގެ ތެރޭގައި ކެންސަރުން ރައްކާތެރިތެރިވުމަށް ރާއްޖޭގައި އަޅަންޖެހޭ ފިޔަވަޅުތައް ކަނޑައެޅުމާއި ކެންސަރު ބަލީގެ މީހުންނަށް އެކަށީގެންވާ ފަރުވާއާއި އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމާއި އެފަރުވާ ހޯދުމަށް ދިމާވާ ގޮންޖެހުންތަށް ކުޑަކުރުމާއި، މި ކަންކަމާއި ގުޅޭގޮތުން ދައުލަތުގެ މުއައްސަސާތަކުންނާއި ޕްރައިވެޓް ސެކްޓަރ އާއި މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކުން ކުރާ މަސައްކަތްތައް އެއް އަމާޒަކަށް ކުރިއަށް ގެންދިއުމަށް ބޭނުންވާ ކޯރޑިނޭޝަން ރަނގަޅު ކުރުން ހިމެނެއެވެ.
ކެންސަރު ޖެހޭ މިންވަރާ، ކެންސަރުގެ ޢާންމު ވައްތަރުތަކާ އަދި ކެންސަރު ބައްޔަށް ހުށަހެޅޭ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާ، ފަރުވާ ހޯދާ މީހުންގެ މަޢުލޫމާތު ޤަވާޢިދުން އެއްކޮށްއެފަރާތްތަކަށް ދޭންޖެހޭ ފަރުވާއާއި އެހީތެރިކަން ރަނގަޅަށް ވިލަރެސްކޮށް، ތަފާސް ހިސާބު އެއްކުރުމަށް ބޭނުންވާ "ކެންސަރ ރަޖިސްޓްރީ" ހަރުދަނާކުރުމަކީވެސް މި ޕްލޭންގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު އެއް މަސައްކަތެވެ.
މި ޕްލޭންގެ މައިގަނޑު މަޤްޞަދުތަކަކީ:
1.       ކެންސަރުން ރައްކާތެރިވުމަށް ޞިއްޙީ އާދަތަކަށް އަހުލުވެރިވުން
2.       އަވަހަށްބަލި ދެނެގަނެ އަވަހަށް ފަރުވާ ފެށުން
3.       އާއިލާތަކަށް މާލީބުރައެއް އުފުލަންނުޖެހި ކެންސަރުގެ ފަރުވާލިބުން
4.       ކެންސަރު ބަލި ތަޙައްމަލުކުރާ ފަރާތްތަކަށް ބޭނުންވާ ޕެލިއޭޓިވްއަދިސަޕޯޓިވްކެއާގެކަވަރޭޖްފުޅާކުރުން
5.       ކެންސަރުގެ ޤައުމީ ރަޖިސްޓްރީ ޤާއިމު ކުރުމާއި ދިރާސާތައްކުރުން
މި ޕްލޭން ގައި ހިމެނޭ ކަންކަން ތަންފީޒު ކުރުމުން،ގައިން ގަޔަށް ނާރާ ބަލިތައް މިހާރު ހުރި މިންވަރު 2030 ގެ ނިޔަލަށް %25 އަށް ދައްކުރުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާޞިލުވުމަށް މަގުފަހިވެގެންދާނެއެވެ.