ތަޞައްވުރު

ފުރިހަމަ ޞިއްޙަތަކަށް މުޅި ޤައުމު އެކުގައި

އަމާޒް

ދިވެހިރާއްޖެއަކީ ޞިއްޙީގޮތުން ދުޅަހެޔޮއާބާދީއެއް އޮތް ޤައުމަކަށް ހެދުމަށް، ހަމަހަމަ ކަމާއެކު ލިބިގަނެވޭ، ފެންވަރު ރަނގަޅު ފަސޭހައިން ރައްޔިތުންނަށް ވާސިލްވެވޭ ފުރިހަމަ ޞިއްޙީ ޚިދުމަތެއް އެންމެންގެ ބައިވެރިވުމާއެކު ފޯރުކޮށްދެވޭކަން ކަށަވަރުކުރުން.
ދިވެހިސަރުކާރުގެ ވުޒާރާތަކުގެ ތެރެއިން ޞިއްޙީ ޚިދުމަތްދިނުމުގެ ސިޔާސަތުތަކާއި އުޞޫލުތައް ކަނޑައެޅުމާއި ދުޅަހެޔޮ، ހަށިހެޔޮ ޞިއްޙަތެއްގެ ވެރި މުޖުތަމަޢުއެއް ބިނާކުރުމުގެ ޒިންމާ ޙަވާލުކޮށްފައިވާ ވުޒާރާއަކީ މިނިސްޓްރީ އޮފް ހެލްތެވެ. މިނިސްޓްރީގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި މުޖުތަމަޢުގައި ޞިއްޙީ ހޭލުންތެރިކަން ކުރިއަރުވާ، ރައްޔިތުންނަށް ހަމަހަމަ ކަމާއެކު އަތްފޯރާފަށުގައި، ފެންވަރު ރަނގަޅު، ފަސޭހައިން ވާޞިލުވެވޭ ޞިއްޙީ ޚިދުމަތްތައް ރާއްޖޭގެ ހުރިހާ ހިސާބަކުން ލިބިދިނުން ހިމެނެއެވެ. އަދި ޞިއްޙީ ޚިދުމަތްތަކަކީ ރައްޔިތުންނަށް ފޯރުކޮށްދެވޭ އެންމެ އަސާސީ އެއް ޚިދުމަތަށް ވީހިނދު މި ޚިދުމަތް ވީހާވެސް ދެމެހެއްޓެނިވި އަދި ފައިދާކުރަނިވި ގޮތެއްގައި ކުރުމަކީ މި މިނިސްޓްރީގެ އެއް އަމާޒެވެ. މިގޮތުން ޞިއްޙީ ކަންކަމާގުޅޭ ޤާނޫނުތަކާއި ގަވާއިދުތައް އަދި ސިޔާސަތުތައް އެކުލަވާލާ ތަންފީޒު ކުރެވެމުންދާ މިންވަރު ބަލައި ޞިއްހީ ޚިދުމަތް ދިނުމާގުޅޭ ސްޓޭންޑަޑްތައް އެކުލަވާލާ ކަމާގުޅޭ ކަންތައްތަކުގައި ރާއްޖެއާއި ރާއްޖޭންބޭރު  މުވައްސަސާތަކާއެކު ގުޅިގެން މަސައްކަތް ކުރުމެވެ.
މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުންދާ މުވައްސަސާތަކުގެ ތެރޭގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ)، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ)، މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމް.ބީ.އެސް)، ނެޝަނަލް ޑްރަގް އޭޖެންސީ (އެން.ޑީ.އޭ) އަދި ދަމަނަވެށި ހިމެނެއެވެ. މީގެއިތުރުން މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް އަދި މޯލްޑިވްސް އެލައިޑް ކައުންސިލްވެސް ހިނގަމުންދަނީ މި މިނިސްޓްރީގެ ދަށުންނެވެ.  
ޞިއްޙީ ޚިދުމަތުގެ ދަރަޖަތައް ބެހިފައިވަނީ 3 ބަޔަކަށެވެ. އެއީ ރަށުފެންވަރުގައި ޤާއިމްކޮށްފައިވާ ޞިއްހީމަރުކަޒުތަކުން ދެވޭ ޚިދުމަތްތަކާއި، މާބަނޑުމީހުންނާއި އަލަށް އުފަންވާ ކުދިންނަށް ދެވޭ ޚިދުމަތްތަކާއި، އެހެނިހެން ބަލިތަކާ ގުޅިގެން ދެވޭ ސްޕެޝަލިސްޓުންގެ ޚިދުމަތްތަކާއެކު އަތޮޅު/ރީޖަނަލް ހޮސްޕިޓަލްތަކުން ދެވޭ ޚިދުމަތްތަކާއި ޓާޝަރީ ފެންވަރުގައި ދެވޭ ޚިދުމަތްތަކެވެ. ރާއްޖޭގެ ރަށްތައް ބެހިފައިވާގޮތުން ބައެއް ރަށްރަށަކީ އާބާދީގެ ގޮތުން ވަރަށް މީސްކޮޅު މަދު ބައެއް ދިރިއުޅޭ ރަށްތަކެވެ. ނަމަވެސް ޞިއްޙީ ޚިދުމަތް ދިނުމަށް ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް ވަނީ ޞިއްހީ ޚިދުމަތްދޭ މަރުކަޒެއް ޤާއިމުކޮށްފައެވެ. އަދި މި މަރުކަޒުތަކުން ޚިދުމަތްދެމުން ގެންދަނީ އެ މަރުކަޒަކަށް ކަނޑައަޅާފައިވާ ދަރަޖައާ އެއްގޮތަށެވެ. ރާއްޖޭގައި ޤާއިމުކޮށްފައިވާ ޓާޝަރީ 4 ހޮސްޕިޓަލްގެ ތެރެއިން 2 ހޮސްޕިޓަލަކީ އަމިއްލަ ފަރާތްތަކުން ހިންގާ ހޮސްޕިޓަލްތަކެކެވެ. އަދި އަނެއް 2 ހޮސްޕިޓަލް ކަމަށްވާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް އަދި އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަކީ ސަރުކާރުން ހިންގާ ހޮސްޕިޓަލްތަކެވެ. މީގެ އިތުރުންވެސް ސްޕެޝަލިސްޓް ޑޮކްޓަރުންނާއެކު ކޮންމެ އަތޮޅެއްގައިވެސް އަތޮޅު ހޮސްޕިޓަލެއް ޤާއިމުކުރެވި އެ ހޮސްޕިޓަލެއް ދަރަޖަ ކޮށްފައިވާ ގޮތަށް ޚިދުމަތް ދެމުން ގެންދެވެއެވެ.
ޞިއްޙީ ޚިދުމަތްތަކުގެ ތެރެއިން ރައްޔިތުންނަށް އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދެވޭ ޚިދުމަތްތަކަކީ ޢާންމު ޞިއްޙަތުގެ ޚިދުމަތްތަކެވެ. މިގޮތުން ރާއްޖޭގެ އާބާދީގެ ގިންތިތަކުގެ ޞިއްޙަތު ރައްކާތެރިކުރުމަށް ބޭނުންވާ ޚިދުމަތްތައް ރާވައި ހިންގައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގައި ދައުލަތުގެ ފަރާތުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދީ، ރާއްޖެއާއި ރާއްޖޭން ބޭރުގެ ކަމާގުޅޭ މާހިރުންގެ އެހީއާއިއެކު ޢާންމު ޞިއްޙަތުގެ ޕްރޮގްރާމްތައް ހިންގަމުން ގެންދެއެވެ. އަދި ޞިއްހީ ދިރާސާތައް ހަދާ ފަރާތްތަކާއި ޢާންމު ޞިއްޙަތުގެ ފަންނުވެރިން، ސަރުކާރުގެ އޮފިޝަލުން، މުޖުތަމަޢުގައި ތިބި ކަމާގުޅޭ ފަންނީ ބޭފުޅުން ގުޅިގެން ހިތުގެ ބަލި، ހަކުރުބަލި، އިންފެކްޝަސް ޑިޒީޒް އަދި ތިމާވެށީގެ މައްސަލަތަކުން ޖެހޭ ބަލިތަކުން ރައްކާތެރި ކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީއާއި ގުޅިގެން ދަނީ އެކިއެކި ޕްރޮގްރާމްތައް ހިންގަމުންނެވެ. އަދި މީގެ އިތުރުން ކަމާގުޅޭ ޕޮލިސީތަކާއި ޕްލޭންތައް އަދި ގައިޑްލައިންތަކާއި ޢާއްމު ޞިއްޙަތާބެހޭ ސަރވެއިލެންސް ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތްވެސް އެޗް.ޕީ.އޭ.އިން ކުރަމުން ގެންދެއެވެ.  ޢާންމު ޞިއްޙަތު ކުރިއެރުވުމުގެ ޕްރޮގްރާމްތަކަށް ބަލާއިރު ބަލިވުމުން ފަރުވާ ކުރުމަށްވުރެން ބަލިވުމުގެ ކުރިން ރައްކާތެރިކުރުވާ ފަދަ ކޮމިޔުނިޓީ ޕްރޮގްރާމްތަކަކީ ޢާއްމު ޞިއްޙަތު ކުރިއެރުވުމުގައި ވަރަށް މުހިންމު ރޯލެއް އަދާކުރާ ޕްރޮގްރާމްތަކެކެވެ. އަދި އޭގެސަބަބުން މުޖުތަމަޢުގައި ހިތުގެ ބައްޔާއި ހަކުރުބަލި ފަދަ ގައިން ގަޔަށް ނާރާ ދާއިމީ ބަލިތައް މަދުވެގެންދާނެއެވެ.  
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އަކީ ރާއްޖެއަށް އެތެރެ ކުރެވޭ އަދި ރާއްޖޭގައި އުފައްދާ ކާބޯތަކެއްޗާއި ބޭހުގެ ފެންވަރު ކަށަވަރުކުރުމާއި، މިކަންކަމާބެހޭ މަޢުލޫމާތު ބަލަހައްޓާ އޮތޯރިޓީއެވެ. މި އޮތޯރިޓީގެ މައިގަނޑު 3 ޑިވިޜަންކަމަށްވާ މެޑިސިން އެންޑް ތެރަޕިއުޓިކް ގުޑްސް ޑިވިޜަން، ފުޑް ކޮންޓްރޯލް ޑިވިޜަން އަދި ނެޝަނަލް ހެލްތު ލެބޯރެޓަރީ އިން އެމް.އެފް.ޑީ.އޭގެ މެންޑޭޓް ޙާޞިލުކުރުމަށް ރާއްޖެއަށް އެތެރެކުރާ އަދި ރާއްޖޭގައި އުފައްދާ ކާބޯތަކެއްޗާ ބޭހުގެ ފެންވަރާއި ރައްކާތެރިކަން ކަށަވަރުކޮށް މިންގަނޑުތައް ކަނޑައަޅައި، މިންގަނޑުތަކާއި އެއްގޮތަށް ތަންތަން ހުރިތޯ ބަލައި ޗެކްކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ހިމެނެއެވެ. މެޑިސިން އެންޑް ތެރަޕިއުޓިކް ގުޑްސް ޑިވިޜަންގެ ޒިންމާ އަކީ ރާއްޖެ އެތެރެކުރާ ހުރިހާބާވަތެއްގެ ބޭސްތައް އެތެރެކޮށް، ވިއްކާ އަދި ބޭނުންކުރާ ފަރާތްތަކުން ބޭނުންކުރަނީ ޤަވާއިދާ އެއްގޮތަށްތޯ ބެލުމެވެ. އަދި މިހާރު ހެދިފައިވާ ޕޮލިސީތަކާއި މިންގަނޑުތައް ރިވިއުކޮށް، ހަރުދަނާގޮތެއްގައި ފެންވަރު ރަގަނޅު ބޭސް ރާއްޖޭގެ ރައްޔިތުންނަށް ހޯދައިދިނުމެވެ. 
މޯލްޑިވިއަން ބްލަޑް ސަރވިސް (އެމް.ބީ.އެސް) އަކީ ނެޝަނަލް ތެލަސީމިއާ ސެންޓަރ އާއި ނެޝަނަލް ބްލަޑް ޓްރާންސްފިއުޝަން ސަރވިސަސް އިން ދެމުން ގެންދިޔަ ޚިދުމަތްތައް ދެމުންގެންދާ މުވައްސަސާއެވެ. އެމް.ބީ.އެސްއިން ދެވޭ ޚިދުމަތްތަކުގެ ތެރޭގައި ތެލަސީމިއާ ބަލީގެ ކުދިންނަށް ރައްކާތެރި ލޭ އަޅައިދިނުމާއި، ލޭ ނެގުމާއި، ލޭ ރައްކާކުރުމާއި، ލޭ ފޯރުކޮށްދިނުމާ ގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމަށް އެހީތެރިވެދިނުމާއި، މޮނިޓަރކުރުން ހިމެނެއެވެ.
ނޭޝަނަލް ޑްރަގް އޭޖެންސީގެ (އެން.ޑީ.އޭ) އަމާޒަކީ މަސްތުވާ ތަކެތިން ސަލާމަތްވުމަށް ހިންގާ ޕްރިވެންޝަން ޕްރޮގްރާމާއި، ފަރުވާގެ ޕްރޮގްރާމްތައް ހަރުދަނާކޮށް، މަސްތުވާތަކެތި ބޭނުންކުރާ މީހުން އަނބުރާ މުޖުތަމަޢުތައް ގެނައުމުގެ މަސައްކަތްކުރުމާއި އެކު މަސްތުވާ ތަކެތިން ސާފު މުޖްތަމަޢުއެއް ބިނާކުރުމެވެ.