އަހަރަކު 1 ފަހަރު ބާއްވަމުން
އަންނަ އދ.ގެ އާއްމު މަޖިލީހުގެ، މި އަހަރު ބާއްވާ 78 ވަނަ ބައްދަލުވުމުގެ ތެރެއިން
ކުރިއަށް ގެންދާ 3 ހައި-ލެވެލް ބައްދަލުވުމެއްގައި
މިނިސްޓްރީ
އޮފް ހެލްތުގެ އިސް ބޭފުޅުންގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވައިފިއެވެ. މި
ބައްދަލުވުންތަކަކީ 3 ދުވަހުގެ މުއްދަތަށް، މިމަހުގެ 20 ން 22 ށް، އެމެރިކާގެ ނިއު
ޔޯކުގައި ކުރިއަށްދާ ބައްދަލުންތަކެކެވެ.
މިއަހަރުގެ ބައްދަލުވުމުގައި
ބައިވެރިވި މިނިސްޓްރީ އޮފް ހެލްތުގެ ވަފުދުގައި އިސްކޮށް ހުންނެވީ މިނިސްޓަރ އޮފް
ހެލްތު، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެވެރިޔާ އަޙުމަދު ނަސީމެވެ. މީގެ
އިތުރުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ މިނިސްޓަރ އޮފް ސްޓޭޓް އަލްފާޟިލް
އަހުމަދު ޚަލީލުގެ އިތުރުން މިނިސްޓްރީ އޮފް ހެލްތުގެ އިސްބޭފުޅުންނާއި މިނިސްޓްރީ
އޮފް ފޮރިން އެފެއާޒްގެ އިސްބޭފުޅުންނާއި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް،
ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ އިސްބޭފުޅުންނާއި، އެމެރިކާގައި ހުންނަ
ދިވެހިރާއްޖޭގެ މިޝަންގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
އިސްވެ ދެންނެވުނު 3
ހައި-ލެވެލް ބައްދަލުވުމުގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ މަޢުޟޫއުތަކަކީ
"ޔުނިވަރސަލް ހެލްތު ކަވަރޭޖް"، "އެލިމިނޭޝަން އޮފް
ޓިއުބަރކިއުލޯސިސް" އަދި "ޕެންޑަމިކް ޕްރިވެންޝަން، ޕްރިޕެއަރޑްނަސް
އެންޑް ރެސްޕޯންސް" އެވެ. މިމަޢުޟޫތަކަށް
މިނިސްޓްރީ އޮފް ހެލްތުގެ އިސްބޭފުޅުން ތަޤުރީރު ކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.
އަދި ކޮންމެ ހައި-ލެވެލް ބައްދަލުވުމެއް ނިންމުމަށްފަހު ޕޮލިޓިކަލް
ޑެކްލަރޭޝަނެއްގައި ސޮއިކުރެވިގެންދާނެއެވެ.
މީގެ އިތުރުން، ޞިއްޙީ ދާއިރާއާ ގުޅޭ ގޮތުން ޤައުމުތަކުން ކުރިއަށް
ގެންދިއުމަށް ހަމަޖެހިފައިވާ ސައިޑް އިވެންޓުތަކުގައި މިނިސްޓްރީ އޮފް ހެލްތުގެ
ބޭފުޅުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ދުނިޔޭގެ ޞިއްޙަތު
ޖަމްޢިއްޔާއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ކޮމްބައިންޑް ޑިސީސް
އެލިމިނޭޝަން" ސައިޑް އިވެންޓާއި، ޔޫ.އެން.އެއިޑްސްގެ ފަރާތުން ކުރިއަށް
ގެންދިއުމަށް ހަމަޖެހިފައިވާ އެޗް.އައި.ވީ އާ ގުޅޭ ސައިޑް އިވެންޓުގައި މިނިސްޓްރީގެ
ބޭފުޅުން ތަޤުރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.