އަލްޙަމްދު ލިއްﷲ ރައްބިލްޢާލަމީން.
ވައްޞަލާތު ވައްސަލާމު ޢަލާ އަޝްރިފިލް އަންބިޔާއި ވަލްމުރްސަލީން.
ދުނިޔޭގެ ޞިއްޙަތު ދުވަހުގެ ހެޔޮއެދުމާއި
ތަހުނިޔާ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންނަށާއި
ޞިއްޙީ ޚިދުމަތތެރިންނަށާ ދިވެހި އެންމެހާ ލޮބުވެތި އަޚުންނާއި އުޚުތުންނަށް
އަރިސްކުރަން.
ޞިއްހީ ޚިދުމަތްތެރިންގެ އަގުހުރި
މަސައްކަތާއި އޭގެ ހެޔޮ ނަތީޖާ ހަނދާންކޮށް އެ ފަރާތްތަކަށް ޝުކުރާއި މުބާރަކްބާދީ
ދަންނަވަން.
ޞިއްހީ ދާއިރާގެ ކަންކަން ހެޔޮގޮތުގައި
ބައްޓަންކޮށް އަދާއި މާދަމާގެ ޖީލުގެ ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް
ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ
ކެބިނެޓުން ޞިއްހީ ދާއިރާއަށް ދެއްވާ އަގުހުރި ލަފައާއި އިރުޝާދަށް މި
ފުރުޞަތުގައި ޝުކުރު ދަންނަވަން.
މިއަހަރުގެ ޞިއްޙަތު ދުވަހުގެ
ޝިޢާރެއްގެ ގޮތުގައި ވާރލްޑް ހެލްތ އޮގަނައިޒޭޝަން އިން ކަނޑައަޅުއްވާފައިވާ
ޝިޢާރަކީ "
Healthy Beginnings, Hopeful Futures.
މި ޝިޢާރުން ބާރު އަޅަނީ ދުޅަހެޔޮ
ތުއްތު ކުއްޖަކު އުފަންވެ ، ޞިއްޙަތު ރަނގަޅުކުއްޖެއްގެ ގޮތުގައި އެ ކުއްޖާ ހެދި
ބޮޑުވުމުގެ މުހިއްމު ކަމަށް.
ދުޅަހެޔޮ މައެއްގެ ބަނޑުން،
ދުވަސްފުރާ، ދުޅަހެޔޮ ދަރިއަކު އުފަންވުމަކީ ޢާއިލާއަށާއި ޤައުމަށް ލިބޭ އެންމެ
އަގުރި ހަދިޔާ.
އެހެނީ، ޢާއިލާގެ އުފާ ފާގަތިކަމާ، ޤައުމު
ބިނާ ކުރުމާއި ޤައުމުގެ ތަރައްޤީ ދެމެހެއްޓޭނީ ދުޅަހެޔޮ ޖީލެއް ބިނާކޮށްގެން.
ދުޅަހެޔޮ، ހަރުދަނާ ޖީލެއް ބިނާކުރުމަށްޓަކައި މައިންނާއި
ތުއްތު ކުދިންގެ ސިއްހަތަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ.
މިސަމާލުކަން ވަށާޖެހޭގޮތެއްގައި ބައްޓަން ކުރެވިފައި
އޮންނަންޖެހޭ.
މައިމީހާގެ ބަޑުގައި ދަރިފުޅު ގަރުބަގަތުމުގެ
ކުރިން، މައިންބަފައިންގެ، ވަކިން ޚާއްޞަކޮށް މައިމީހާގެ ޞިއްޙީ ޙާލަތު
ހުރިގޮތާއި، ޞިއްޙީ އާދަތަކަށް ސަމަލުވާންޖެހޭ.
މާބަޑު ދުވަސްވަރާއި އަދި ދަރިފުޅު
އުފަންވުމަށްފަހުވެސް، މައިމީހާއާއި ދަރިފުޅުގެ ޞިއްޙީ ކަންކަމަށް
ފަރުވާތެރިވާންޖެހޭ.
ދުޅަހެޔޮ ރައްކާތެރި މައިވަންތަކަން ކުރިއެރުވުމަށް
މަގުފަހިކުރުމާއި، ދަރިމައިވުމުގައި ދިމާވާ އެކިކަހަލަ މައްސަލަތަކުން
ރައްކާތެރިވުމާއި، ދަރިފުޅާއި މައިމީހާގެ ޞިއްޙަތަށް ނުރައްކާވެދާނެ ހާލަތްތަކާއި
އާދަތަކާއި މާޙައުލުތަކުން ރައްކާތެރިވެ، އަދި ވިހެއުމަށްފަހުވެސް މައިމީހާއާއި
ތުއްތު ދަރިފުޅުގެ ޞިއްޙީ ރައްކާތެރިކަމަށް ކޮންމެހެން ކުރަންޖެހޭ ކަންކަމަށް
ފަރުވާތެރިވާންޖެހޭ.
އުފަންވެނި ސިއްހަތުގެ ހާލަތަށް ނަޒަރު ހިންގާލާއިރު،
1990ގެ އަހަރު ތަކުގެ ތެރޭގައި ރާއްޖެ ހިމެނިފައި އޮތީ، މި ސަރަހައްދުގެ
ޤައުމުތަކުގެ ތެރެއިން، އެއް އަހަރުން ދަށުގެ ތުއްތު ކުދިން މަރުވާ އަދަދާއި
ވިހެއުމުގެ ތެރޭގައި ދުނިޔެ ދޫކުރި މައިންގެ އަދަދު އެންމެ މަތީ ގިންތީގެ
ޤައުމުތަކުގެ ތެރޭގައި.
އެކި ދުވަސްވަރު އެކި ފަންތިތަކުގައި ޤައުމެއްގެ
ގޮތުގައި އެންމެން ގުޅިގެން ކުރެވުނު މަސައްކަތުން މިހާރު މި އަދަދު ވަނީ
ވަރަށް ބޮޑުތަން ދަށް ކުރެވިފައި.
ބަލިތަކުން ރައްކާތެރިވުމާއި ބަލިތައް އުޅޭ
ނިސްބަތް މަދުކުރުމާއި މައިންނާއި ތުއްތު ކުދިންގެ ސިއްހަތު ރައްކާތެރިކުރުމަށް
ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ސިއްހީ ދާއިރާއިން ހޯދިފައިވާ
ކާމިޔާބީތަކަށް ބަލާއިރު، ކުރިން އެބަލިތަކަކަށް ތުއްތުކުދިން އާއްމުކޮށް ހުށަހެޅެމުންދިޔަ
ޕޯލިއޯ، މެލޭރިއާ، ފައިލޭރިއާ ރާއްޖެއިން ނައްތާލެވިފައިވޭ.
އަދި ވިހެއުމުގެ ތެރޭގައި ތުއްތުކުދިންނަށް ޖެހޭ
ޓެޓަނަސް (ނިއޯނޭޓަލް ޓެޓަނަސް)، އަދި ވެކްސިންދީގެން ރައްކާތެރިކުރެވޭ ބަލިތަކުގެ
ތެރެއިން މީސަލްސް ނުވަތަ ހިމަބިހި ނައްތާލެވުމާއި މައިމީހާގެ ފަރާތުން ތުއްތު ދަރިފުޅަށް
އެޗް.އައި.ވީ އަދި ސިފިލިސް ވާސިލްވުން ހުއްޓުވިފައިވާ ގައުމެއް ކަމުގައި ދުނިޔޭގެ
ސިއްހަތު ޖަމްއިއްޔާއިން ދިވެހިރާއްޖެ ކަނޑައަޅާފައިވޭ.
މީގެ އިތުރުން، ރުބެއްލާ އަދި ހެޕަޓައިޓިސް ބީ
ޖެހުން މުޅިން ކޮންޓްރޯލުކުރެވިފައިވާ ޤައުމެއްގެ ގޮތުގައި ރާއްޖެވަނީ
ކަނޑައަޅާފަ.
މި ކާމިޔާބީތައް ހާސިލު ކުރެވިފައިވަނީ ގިނަބަޔަކު
ގުޅިގެން ކުރެވުނު ގިނަގުނަ މަސައްކަތްތަކެއްގެ ސަބަބުން.
ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް މާބަނޑު މީހުންނާއި
ވިހެއުމަށްފަހު ތުއްތު ކުދިންނަށް ބޭނުންވާ އަސާސީ ފަރުވާ ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައި.
އެހަނަސް މިއަދު މިއޮތް ޙާލަތަށްވުރެ ރަނގަޅު
ޙާލަތަކަށް ދިއުމަށްޓަކއި ކުރަންޖެހޭ މަސައްކަތްތަކެއް ހުރިކަން ފާހަގަކުރަން.
އެގޮތުން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި
މާދަމާގެ މައިންބަފައިންނަށް ވުމަށް ތައްޔާރުވަމުންދާ ޒުވާންޖީލު ގެ
ދުޅަހެޔޮކަމަށް އިސްކަންދޭންޖެހޭ.
ޞިއްޙީ ސިޔާސަތުތައް އެމަގުން ބައްޓަންކުރުމަށް
ސަރުކާރުން ވަރަށް އިސްކަންދޭ ވާހަކަ ދަންނަވަން.
ޞިއްޙީ މަރުކަޒުތަކުންނާއި ފަރުދުން، މައިންނާއި ތުއްތު ކުދިންގެ ސިއްހީ ހާލަތު
ބެލުމަށް ޤަވާޢިދުން ކުރަމުންދާ ބުރަ މަސައްކަތްތަކުގެ ނަތީޖާއެއްގެ
ގޮތުން ރާއްޖޭގެ އޭ.އެން.ސީ ކަވަރޭޖް ނުވަތަ މާބަޑުވުމުން އެކަށީގެންވާ ފަރުވާ
ހޯދާ ނިސްބަތް 98% އަށް ވުރެ މަތީގައި ހިފެހެއްޓިފައިވޭ.
އަދި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން އިރުޝާދު
ދެއްވާ މިންގަޑާ އެއްގޮތަށް މާބަނޑު ދުވަސްވަރު ސިއްހީ ހިދުމަތްތެރިޔަކަށް ދައްކާ
ޚިދުމަތް ލިބިގަންނަކަން ފާހަގަކުރެވިފައިވޭ.
މާބަނޑުވުމުން ފެށިގެން މައިންނާއި ތުއްތު
ކުދިންނަށް ބޭނުންވާ އެންމެހާ ޚިދުމަތްތަކާއި މައުލޫމާތު، ސިއްހީ ހިދުމަތްދޭ
ތަންތަނުން ފޯރުކޮށްދެވޭކަން ކަށަވަރުކުރެވިފައިވުމަކީ، ރާއްޖޭގައި މައިންނާއި
ތުއްތު ކުދިންގެ ސިއްހަތު ރައްކާތެރިކުރުމަށް އެޅިފައިވާ މުހިންމު ފިޔަވަޅުތަކެއްކަން
އަޅުގަނޑު ފާހަގަކުރަން.
ހަމަ އެހެންމެ ދަރިމައިވުމަށްޓަކައި އަންހެނުންގެ އިތުރުން
ފިރިހެނުންވެސް ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަކީ ވަރަށް މުހިއްމު ކަމެއް.
ދެމަފިރިންވެސް ޞިއްޙީ ރަގަޅު އާދަތަކުގައި
ދެމިތިބެ ދުޅަހެޔޮ ކަންމަތީގައި ތިބުމަށް މަސައްކަތް ކުރުމަކީ ދަރިފުޅުގެ ރައްކާތެރިކަމަށާއި
ދުޅަހެޔޮކަމަށް ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް.
އަދި މިއީ ދެމަފިރިންނަށާއި ދަރިފުޅުގެ މުސްތަޤްބަލް
އުޖާލާ ކުރުމަށްޓަކައިވެސް ނުހަނު މުހިއްމު ކަމެއްކަން އަޅުގަނޑު ފާހަގަކުރަން.
ދަރިފުޅު މައިމީހާގެ ރަޙިމުގައި ގަރުބަގަތީއްސުރެ
ޢުމުރުން 2 އަހަރުވުމާ ހަމައަށް މި ހިނގާ ދުވަސްކޮޅަކީ ނުވަތަ ކުއްޖާގެ ޙަޔާތުގެ
ފުރަތަމަ 1000 ދުވަހަކީ އެ ކުއްޖާގެ މުސްތަޤްބަލް ބައްޓަން ކުރުމަށް ވަރަށް
މުހިއްމު ދުވަސްކޮޅެއް.
މި ދުވަސްވަރަކީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ
ގޮތުން ކުއްޖާއަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސް ސިކުނޑިއާއި ޙިއްޞުތައް
ތަރައްޤީވެ ފުރިހަމަވަމުން އަންނަ ދުވަސްވަރެއް.
ކުޑަކުދިން ދުޅަހެޔޮ
ޞިއްޙަތެއްގައި ހެދިބޮޑުވުމަށް އެކުދިންނަށް ލިބޭ ކާނާ ވަރަށް މުހިއްމު ދައުރެއް
އަދާ ކުރޭ. ޚާއްޞަކޮށް ތުއްތު ދަރިފުޅަށް އެންމެ ފުރަތަމަ ދެވޭ ކާނާ ކަމުގައިވާ
މައިމީހާގެ ގާތުން ދޭ ކިރަކީ ތުއްތު ދަރިފުޅަށް ނުހަނު ފައިދާހުރި އަދި މިގޮތަށް
ގާތުން ކިރުދުނުމަކީ މައިމީހާއަށްވެސް ގިނަގުނަފައިދާ ކުރާކަމެއް. ތުއްތު ދަރިފުޅުގެ
ހެދި ބޮޑުވުމާއި ޞިއްޙީ ދުޅަހެޔޮކަން އެންމެ ފުރިހަމަ ގޮތުގައި ލިއްބައިދިނުމަށްޓަކައި
އެދަރިފުޅުގެ އުމުރުން ފުރަތަމަ ހަމަސްދުވަހުގައިދޭ ހަމައެކަނި ކާނާއަކީ މައިމިހާގެ ގާތުން ކިރު
ދިނުން ކަމަށް ހެދުން މުހިއްމު.
އަދި ތުއްތު ދަރިފުޅުގެ
ޢުމުރުން 6 މަސްފުރުމުން ކުއްޖާގެ ޞިއްހަތަށް ފައިދާހުރި ކާނާ ކާންދޭން ފަށައި
އެއާއެކު ގާތުން ކިރު ދިނުން ހުއްޓާނުލައި 2 އަހަރު ނުވަތަ އެއަށްވުރެ ގިނަ ދުވަސް
ވަންދެން ކުރިއަށް ގެންދިއުން މުހިންމު.
މިފަދަ ކަންކަމަށް ބާރުއަޅާ، ކުޑަކުދިންގެ
ނިއުޓްރިޝަންގެ ހާލަތު މިހާރަށްވުރެވެސް ރަނގަޅުކުރުމަށް ސަމާލުކަންދިނުމާމެދު
ޞިއްޙީ ޚިދުމަތްތެރިންނާއި މައިންބަފައިން އަހުލުވެރިކުރުމަށް ސަރުކާރުން މިދަނީ މުހިއްމު
މަސައްކަތްތަކެއް ކުރަމުން.
މިގޮތުން، ދުޅަހެޔޮ ޞިއްޙަތަކަށް
މަގުފަހިކޮށްދިނުމުގެ ގޮތުން ޙަޔާތުގެ ފުރަތަމަ 1000 ދުވަހަށް އަމާޒުކޮށްގެން ތަންފީޒުކުރަމުންދާ "ސޯޝަލް
ބިހޭވިއަރ ޗޭންޖް ކޮމިއުނިކޭޝަން ސްޓްރެޓަޖީ" ފާހަގަ ކޮށްލަން.
މި ސްޓްރެޓެޖީގެ ދަށުން އާންމުކުރެވިފައިވާ "ތުއްތު ދަރިފުޅުގެ މިންހެޔޮ ކާނާ އާއި ރެސިޕީ
ތަކުގެ މައުލޫމާތު" ބޭނުންކުރެއްވުމަށް މި ފުރުޞަތުގައި އަޅުގަޑު
އިލްތިމާސްކުރަން.
އަދި ޅަފަތުގައި ދިމާވާ ނުރައްކާތެރި ބަލިތަކުން
ރައްކާތެރިކުރުމަށް ދެވޭ ވެކްސިންތައް ފަރުވާތެރިކަމާއެކު ތާވަލާއި އެއްގޮތަށް ފުރިހަމަކުރުމަށް
ޚާއްޞަ ސަމާލު ކަމެއް ދެއްވުމަށް މި ފުރުޞަތުގައި އަޅުގަޑު ހަނދުމަފުޅުކޮށް
އަރުވަން.
މައިންނާއި ތުއްތު ކުދިންނަށް ލިބޭ ފަރުވާއާއި ހިދުމަތްތަކުގެ
ރެކޯރޑްތައް ހަރުދަނާކަމާއިއެކު ބަލަހައްޓާ އެ މަޢުލޫމާތު ފަސޭހަކަމާއިއެކު
ދުވަހުންދުވަހަށް އަދާހަމަކުރުމަށްޓަކައި ޑިޖިޓަލް ޕްލެޓްފޯމުތަކުގައި
ބެލެހެއްޓުމުގެ މަސައްކަތްތަކަތް ފެށިފައިވާކަންވެސް މި ފުރުޞަތުގައި
ހާމަކޮށްލަން.
މިގޮތުން ޚިދުމަތްދޭ ފަރާތްތަކާއި ޚިދުމަތް މޮނިޓަރ
ކުރާ ފަރާތްތަކަށްވެސް އެއް ނެޓްވޯރކެއްގެ ތެރެއިން ފަސޭހައިން މަޢުލޫމާތު އަދާ
ހަމަކުރުމަށް ބޭނުންކުރާ އޮންލައިން ޕޯރޓަލްގެ ތެރެއަށް "ނެޝެނަލް
އިމިއުނައިޒޭޝަން މޮޑިއުލް" އާއި " ޗައިލްޑް ނިއުޓްރިޝަން، ގްރޯތު
އެންޑް ޑިވެލޮޕްމަންޓް މޮޑިއުލް" ތަޢާރަފުކޮށް މިހާރުދަނީ ބޭނުންކުރެވެމުން.
އަދި މާބަނޑުދުވަސްވަރު ދެވޭ ޚިދުމަތްތަކަށް ޚާއްޞަ
ކުރެވިގެން ފަރުމާ ކުރެވިފައިވާ "މެޓަރނަލް ހެލްތް މޮޑިއުލް" މުރާޖައާ
ކުރުމުގެ މަސައްކަތްތައް މިހާރުދަނީ ކުރެވެމުން
އަޅުގަޑުމެންގެ އަމާޒަކީ، މުސްތަގްބަލުގައި
މައިންނާއި ތުއްތު ކުދިންނަށް ލިބޭ ޞިއްޙީ ފަރުވާއާއި ޚިދުމަތުގެ ރެކޯޑްތަކާއި
ސިއްހީ މައުލޫމާތު މި ހިދުމަތް ހޯދާ ޢާއްމު ފަރާތްތަކަށްވެސް "މޯލްޑިވްސް
އިންޓަރގްރޭޓެޑް ހެލްތު އިންފޮމޭޝަން ސިސްޓަމް"، މެދުވެރިކޮށް ބެލޭނެ
އިންތިޒާމު ހަމަޖެއްސުން.
ރައްކާތެރި މައިންވަންތަކަމަށް އަދި ތުއްތު
ދަރިފުޅުގެ ދުޅަހެޔޮ ސިއްހަތަކަށް ވާސިލުވުމަށް މައިންބަފައިން ބާރުވެރިކޮށް
އެމީހުންގެ ދައުރު ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް މި ކަން ވެގެންދާނެކަމަށް
އަޅުގަނޑުމެން ޔަޤީންކުރަން
މައިންނާއި ޅަދަރިންގެ ސިއްޙަތާގުޅޭ ގިނަ ކާމިޔާބީތަކެއް
ދިވެހިރައްޔިތުން މިހާރުވެސް ޙާޞިލް ކޮށްފައިވާކަން ފާހަގަކުރުމާއެކު، އަޅުގަނޑުމެން ކެނޑިނޭޅި
މަސައްކަތްކުރާނީ މި ކާމިޔާބީތައް ހަރުދަނާކަމާއެކު ދަމަހައްޓައި ބިނާކުރަނެވި
ގޮތެއްގައި ތަރައްޤީ ކުރަމުން ގެންދިއުމަށް.
އަދި މައިންނާއި ކުޑަ ކުދިންގެ ސިއްހަތު ރައްކާތެރިކޮށް
ޢާއިލީ ޞިއްހަތު ވަރުގަދަ ކުރުމުގެ ތެރެއިން، ދުޅަހެޔޮ މުޖްތަމަޢެއް ބިނާކުރުމަށް.
ދުނިޔޭގެ ޞިއްޙަތު
ދުވަހުގެ މުހިންމު މުނާސަބަތުގައި ޞިއްޙީދާއިރާގައި ޚިދުމަތް ކުރައްވާ އެންމެހާ
ޚިދުމަތްތެރިން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ފާހަގަކޮށް އަޅުގަނޑުގެ
ހިތުގެ އެންމެފުންމިނުން އަދިވެސް އެއްފަހަރުޝުކުރުދަންނަވަން.
އަޅުގަނޑުގެ
އުއްމީދަކީ ރާއްޖޭގައި ގާއިމުކުރެވިފައިވާ ސިއްޙީ ޚިދުމަތްތައް އެއްދުވަހުން
އަނެއްދުވަހަށް ކުރިއަރައި، މި ޚިދުމަތަކީ ރައްޔިތުންގެ ފުރިހަމަ އިތުބާރު
ލިބިފައިވާ ޚިދުމަތަކަށް ވެގެން ދިއުން.
އަޅުގަޑުގެ ދުޢާއަކީ
ޞިއްޙީ ޚިދުމަތް ރަނގަޅު ކުރުމަށް ޞިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ
ޚިދުމަތްތެރިން ކެނޑިނޭޅި ކުރަމުންދާ މަސައްކަތުގައި ބަރަކާތް ލައްވައި ކާމިޔާބު
މިންވަރު ކުރެ އްވުން
ވައްސަލާމް
ޢަލައިކުމް ވަރަޙްމަތުﷲ