ދިވެހިސަރުކާރުގެ ވުޒާރާތަކުގެ
ތެރެއިން ޞިއްޙީ ޚިދުމަތްދިނުމުގެ ސިޔާސަތުތަކާއި އުޞޫލުތައް ކަނޑައެޅުމާއި
ދުޅަހެޔޮ، ހަށިހެޔޮ ޞިއްޙަތެއްގެ ވެރި މުޖުތަމަޢުއެއް ބިނާކުރުމުގެ ޒިންމާ
ޙަވާލުކޮށްފައިވާ ވުޒާރާއަކީ މިނިސްޓްރީ އޮފް ހެލްތް، ފެމިލީ އެންޑް ވެލްފެއާ އެވެ. މިނިސްޓްރީގެ މައިގަނޑު މަސައްކަތްތަކުގެ
ތެރޭގައި މުޖުތަމަޢުގައި ޞިއްޙީ ހޭލުންތެރިކަން ކުރިއަރުވާ، ރައްޔިތުންނަށް
ހަމަހަމަ ކަމާއެކު އަތްފޯރާފަށުގައި، ފެންވަރު ރަނގަޅު، ފަސޭހައިން ވާޞިލުވެވޭ
ޞިއްޙީ ޚިދުމަތްތައް ރާއްޖޭގެ ހުރިހާ ހިސާބަކުން ލިބިދިނުން ހިމެނެއެވެ. އަދި
ޞިއްޙީ ޚިދުމަތްތަކަކީ ރައްޔިތުންނަށް ފޯރުކޮށްދެވޭ އެންމެ އަސާސީ އެއް ޚިދުމަތަށް
ވީހިނދު މި ޚިދުމަތް ވީހާވެސް ދެމެހެއްޓެނިވި އަދި ފައިދާކުރަނިވި ގޮތެއްގައި
ކުރުމަކީ މި މިނިސްޓްރީގެ މައިގަނޑު އަމާޒެވެ. މިގޮތުން ޞިއްޙީ ކަންކަމާގުޅޭ
ޤާނޫނުތަކާއި ގަވާއިދުތައް އަދި ސިޔާސަތުތައް އެކުލަވާލާ ތަންފީޒު ކުރެވެމުންދާ
މިންވަރު ބަލައި ޞިއްހީ ޚިދުމަތް ދިނުމާގުޅޭ ސްޓޭންޑަޑްތައް އެކުލަވާލާ ކަމާގުޅޭ
ކަންތައްތަކުގައި ރާއްޖެއާއި ރާއްޖޭންބޭރު ފަރާތްތަކާ ގުޅިގެން
އެކުގައި މަސައްކަތް ކުރުމެވެ.