ސްވިޒަރލޭންޑްގެ ޖެނީވާގައި ކުރިއަށްދާ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ 76 ވަނަ ވަރލްޑް ހެލްތު އެސެމްބްލީ ފެށިއްޖެ

21 މޭ 2023
ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ 76 ވަނަ ވާރލްޑް ހެލްތު އެސެމްބްލީގައި މިނިސްޓަރ އޮފް ހެލްތު، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެވެރިޔާ އަޙުމަދު ނަސީމް ބައިވެރިވެ ވަޑައިގަންނަވައިފިއެވެ. މިބައްދަލުވުމަކީ، ދުނިޔޭގެ 194 ޤައުމަކުން، ޞިއްޙަތާ ބެހޭ ވަޒީރުންނާއި ޞިއްޙީ ދާއިރާގެ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާ ބައިނަލް އަޤްވާމީ މުހިންމު ނިންމުންތަކެއް ނިންމާ އެންމެ މަތީ ފަންތީގެ ބައްދަލުވުމެކެވެ. އަދި މި އަހަރުގެ ބައްދަލުވުމަކީ 9 ދުވަހުގެ މުއްދަތަށް، މިމަހުގެ 21 ން 30 ށް، ސްވިޒަރލޭންޑްގެ ޖެނީވާގައި ކުރިއަށްދާ ބައްދަލުވުމެކެވެ.  
މިއަހަރުގެ ބައްދަލުވުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ މިނިސްޓަރ އޮފް ހެލްތު، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެވެރިޔާ އަޙުމަދު ނަސީމެވެ. މީގެ އިތުރުން ޖެނީވާގައި ހުންނަ ދިވެހިރާއްޖޭގެ މިޝަންގެ ޕާރމަނަންޓް ރެޕްރެޒެންޓެޓިވް ޑރ. އާސިމް އަޙުމަދުގެ އިތުރުން މިނިސްޓްރީ އޮފް ހެލްތްގެ އިސްބޭފުޅުންނާއި ޖެނީވާގައި ހުންނަ ދިވެހިރާއްޖޭގެ މިޝަންގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިއަހަރުގެ ބައްދަލުވުމުގައި، ޤައުމުތަކުގެ ވަޒީރުން ތަޤްރީރު ކުރެއްވުމަށް ޚާއްސަ ކުރައްވާފައިވާ މަޢުޟޫއަކީ "ޑަބްލިޔު.އެޗް.އޯ އެޓް 75: ސޭވިންގ ލައިވްސް، ޑްރައިވިންގ ހެލްތު ފޯ އޯލް" އެވެ. މިމަޢުޟޫއަށް މިނިސްޓަރ އޮފް ހެލްތު އަލްފާޟިލް އަޙުމަދު ނަސީމް ތަޤުރީރު ކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.
މި އަހަރަކީ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ އުފެދުނުތާ 75 އަހަރު ފުރުނު އަހަރު ކަމަށްވުމާއެކު މި އަހަރުގެ މި ބައްދަލުވުމަކީ ވަރަށް ޚާއްޞަ ބައްދަލުވުމަކަށް ވެގެންދާނެއެވެ. މި ބައްދަލުވުމުގައި ޞިއްޙީ ދާއިރާއިން ޚާއްޞަކަމެއް ދޭންޖެހޭ ކަންކަން ފާހަގަކޮށް، ޞިއްޙީ ދާއިރާގެ މުހިންމު މައްސަލަތަކާއި ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާގެ އިދާރީ ހިންގުމާއި އަދި ޖަމުޢިއްޔާގެ ބަޖެޓާއި ގުޅުންހުރި ކަންކަމާއި މެދު ޤައުމުތަކުގެ މެދުގައި މަޝްވަރާކުރެވޭނެއެވެ. ޙާއްސަކޮށް އެމަރޖެންސީ ޕްރިޕެއަރޑްނަސް އެންޑް ރެސްޕޯންސްއާ ގުޅޭގޮތުންނާއި ސަސްޓެއިނަބްލް ފިނޭންސިންގ އާ ގުޅޭގޮތުން މަޝްވަރާ ކުރެވޭނެއެވެ. އަދި އާއްމު ޞިއްޙަތާއި ޞިއްޙީ ނިޒާމާއި ޞިއްޙީ ދާއިރާއަށް ބޭނުންވާ އިންސާނީ ވަޞީލަތްތައް ހަރުދަނާކުރުމާ ގުޅޭ މަޝްވަރާތައްވެސް ކުރިއަށްދާނެއެވެ.
ދޭދޭ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ޤައުމުތަކާއި އެހީދޭ ޖަމިއްޔާތަކުގެ އެހީތެރިކަން ހޯދިދާނެ ދާއިރާތަކާއިގުޅޭގޮތުން މަޝްވަރާކުރުމަށް ތަފާތު ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުންވެސް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް، ދެކުނު އިރުމަތީ އޭޝިޔާގެ ރީޖަނަލް ޑިރެކްޓަރ، ސްޓޮޕް ޓީބީ އަދި ގްލޯބަލް ފަންޑް އާއެކު ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ކުރީ އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެ އެސެމްބްލީއާ ގުޅުވައިގެންވެސް "ވޯކް ދަ ޓޯކް: ހެލްތު ފޯ އޯލް ޗެލެންޖް"ގެ ނަމުގައި ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމާއި ހެލިފެލިވެއުޅުމަށް ބާރުއެޅުމުގެ މަޤްސަދުގައި ހިނގާލުމަކާއިއެކު ހަރަކާތްތަކެއް ބާއްވާފައިވެއެވެ. މިއަދު ހެނދުނު ބޭއްވުނު މިހަރަކާތުގައި ދިވެހިރާއްޖޭގެ ވަފުދުންވެސް ވަނީ ބައިވެރިވެފައެވެ.