ސިއްހީ ދާއިރާ ޑިޖިޓަލައިޒްކުރަން ބޭނުންވާ ސާމާނު ހަވާލުކޮށްފި

11 ޖޫން 2023
ރާއްޖޭގެ ޞިއްޙީ ދާއިރާ ޑިޖިޓަލައިޒްކޮށް އައިޓީ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން، ރާއްޖޭގެ 5 ރީޖަނަލް ހޮސްޕިޓަލް، 15 އަތޮޅު ހޮސްޕިޓަލް އަދި 163 ޞިއްޚީ މަރުކަޒަށް އައިޓީ އިކުއިޕްމަންޓް ހަވާލުކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު  މީރުމާ މާލަމުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މިތަކެތި ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް އެވެ. ޞިއްޙީދާއިރާގެ އައިޓީ އިންފްރާސްޓްރަކްޗަރ ތަރައްޤީ ކުރުމަށް ކުރިއަށް ގެންދާ މި މަސައްކަތަކީ ރާއްޖޭގައި ހިންގޭ އައިސީޓީ ހާޑްވެއަރގެ އެންމެ ބޮޑު އެއް ޕްރޮޖެކްޓެވެ.
މިއަދު ޙަވާލުކުރެވުނު ތަކެތީގެ ތެރޭގައި ހިމެނެނީ؛
·         608 ކޮމްޕިއުޓަރ ސިސްޓަމް
·         44 ލެޕްޓޮޕް
·         500 ޓެބްލެޓް
·         14 ވީޑިއޯ ކޮންފަރެންސް ސިސްޓަމް
·         551 ޕްރިންޓަރ
މިއަދު ޙަވާލުކުރެވުނު ތަކެއްޗާއި އަދި އިތުރަށް ގެނައުމަށް ހަމަޖެހިފައިވާ ތަކެއްޗާއި އެކު މުޅި މަޝްރޫޢަށް 56 މިލިއަން ރުފިޔާ ހޭދަވާނެއެވެ.
މިއަދު މި ޙަވާލުކުރެވުނު އިކުއިޕްމަންޓްގެ ސަބަބުން ހޮސްޕިޓަލް އަދި ސިއްޙީމަރުކަޒުތަކަށް އައިޓީ ސާމާނު ލިބުން ދަތިވާ މައްސަލައަށް ހައްލެއް ލިބުމުގެ އިތުރުން ރާއްޖޭގެ ސިއްޙީ ދާއިރާ ޑިޖިޓަލައިޒްކޮށް އެއް ސިސްޓަމްއަކުން ގުޅާލުމަށް ކުރެވޭ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ. މީގެ އިތުރުން ފ އަތޮޅުގައި މިހާރު ފަށާފައިވާ ޕްރައިމަރީ ހެލްތްކެއަރ ޕްރޮޖެކްޓް މުޅި ރާއްޖެއަށް ފުޅާކުރެވިގެންދާނެއެވެ.