ރަމަޟާން މަހާއި ދިމާކޮށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މާސް އިންސްޕެޝަނެއް ފަށައިފި

24 ފެބްރުއަރީ 2025
ކުރިއަށް އޮތް ރަމަޟާން މަހާއި ދިމާކޮށް ފިހާރަތަކާއި މާރުކޭޓްތަކުން ވިއްކާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މާސް އިންސްޕެޝަނެއް ފަށައިފިއެވެ.
ހެލްތު މިނިސްޓްރީއާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ( އެޗްޕީއޭ) އާއި ގުޅިގެން ފެށި މި މާސްއިންސްޕެކްޝަން މިއަދު ހެނދުނު 9:00 އިން 16:00 އަށް މާލެ އާއި އަތޮޅުތެރޭގައި ކުރިއަށްދާނެއެވެ.
މި އިންސްޕެކްޝަންގެ މަގްސަދަކީ، ކާބޯތަކެތީގެ ރައްކާތެރިކާތެރިކަމުގެ ޤާނޫނު( 6/2024) އާއި އެގާނޫނުގެ ދަށުން އެކުލަވާލާފައިވާ  މިންގަނޑުތަކާ އެއްގޮތަށް ވިއްކާ، ގުދަންކޮށް އަދި އެތަންތަނުގައި ގެންގުޅޭ ކާބޯތަކެއްޗަކީ ޞިއްޙީ ގޮތުން އެކަށީގެންވާ، ރައްކާތެރި ކާބޯތަކެތިކަން ކަށަވަރުކުރުމެވެ.
މިގޮތުން މިއިންސްޕެކްޝަންގެ ތެރެއިން ފިހާރަތަކާއި މާރުކޭޓްތައް ބުޅާ މިދާ ފަދަ ޖަނަވާރުތަކަށް ނުވަދެވޭގޮތަށް ޕެސްޓްކޮންޓްރޯލް ކުރެވިފައިވޭތޯ ބެލުމާއި، ކާބޯތަކެތި ބަހައްޓާފައި ހުންނަ ރެކް، ޝެލްފް, އައިސްއަލަމާރީގައި ކާބޯތަކެތި ބަހައްޓާފައި ހުންނަގޮތާއި، ވަކި ފިނިހޫނުމިނެއްގައި ބެހެއްޓުމަށް ލޭބަލްގައި އިރުޝާދު ދީފައިވާ ތަކެތި ބަހައްޓަނީ އެއިރުޝާދާއި އެއްގޮތަށްތޯ ބެލުމާއި ،މުއްދަތު ހަމަވެފައިވާ ކާބޯތަކެތި ހުރިތޯ ބެލުމުގެ އިތުރުން  ކާބޯތަކެތި ބަންދުކޮށް، ލޭބަލްކޮށް ،ގުދަން ކޮށްފައިވަނީ ރައްކާތެރިކޮށްތޯ ބެލުން ހިމެނެއެވެ.
ކާބޯތަކެތި ރައްކާތެރިކުރުމުގެ ޤާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވީ 2024 ވަނަ އަހަރުގެ މޭމަހުގެ 23ވަނަ ދުވަހުއެވެ. މިޤާނޫނަށް އަމަލުކުރުމަށް ފަށާފައިވަނީ 23 އޮގަސްޓް 2024 އިން ފެށިގެންނެވެ.
މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓައި ގިނަ މަސައްކަތެއް ދަނީ ކުރަމުންނެވެ.
އެގޮތުން ކާބޯތަކެތީގެ ޚިދުމަތްދޭ ހުރިހާ ތަނެއް މިޤާނޫނުގެ ދަށުން ރަޖިސްޓްރީކޮށް ވަކި އުސޫލެއްގެ ތެރެއިން ޚިދުމަތްދިނުމަށް ކަނޑައަޅާފައިވާއިރު، ކާބޯތަކެތި އުފައްދާ އަދި ވިއްކާ ފަރާތްތަކަށް ކާބޯތަކެތީގެ ރައްކާތެރިކަމަށް އަހުލުވެރި ކުރުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޕްރޮގްރާމްތައް ދަނީ ކުރިއަށްގެންދަމުންނެވެ.