ޕްރައިމަރީ ހެލްތު ކެއަރގެ ޚާއްސަ ރަޖިސްޓްރޭޝަން ޕޯޓަލް އިފްތިތާޙްކޮށްދެއްވައިފި

05 މޭ 2023
ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް މަދުކޮށް އެ ބަލިތައް އަވަހަށް ދެނެގަނެގެން، ފަރުވާ ދިނުމަށްޓަކައި ޕްރައިމަރީ ހެލްތު ކެއަރގެ ހިދުމަތް ހަރުދަނާކުރެއްވުމުގެ ގޮތުން، ޕްރައިމަރީ ހެލްތު ކެއަރގެ ޚާއްސަ ރަޖިސްޓްރޭޝަން ޕޯޓަލް ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމް އިފްތިތާހުކޮށްދެއްވައިފިއެވެ.
މި ޕޯޓަލް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ފ. ނިލަންދޫގައި އެކަމަށްޓަކައި ހެލްތު މިނިސްޓްރީގެ ފަރާތުން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހެލްތު ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އަޙްމަދު ނަޞީމް ވިދާޅުވީ ޕްރައިމަރީ ހެލްތު ކެއަރ ނިޒާމަކީ ރާއްޖެއަށް އާ ކަމެއް ނޫންކަމަށާއި ކުރިން ރާއްޖޭގައި ފެތުރެމުން އައި ބޮޑެތި ބަލިތައް ނައްތާލުމުގައި އެންމެ އިސްދައުރެއް އަދާކުރީ ޕްރައިމަރީ ހެލްތު ކެއަރ ނިޒާމްކަމަށެވެ. މިނިސްޓަރ ވިދާޅުވީ އޭރު އެ ނިޒާމް ހިންގަވަން ތިއްބެވީ ހެލްތް ވޯކަރުންކަމަށާއި އަދި ޕްރައިމަރީ ހެލްތު ކެއަރގެ ނިޒާމަކީ ރާއްޖެފަދަ ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަމުން އަންނަ ޤައުމަކަށް މުހިއްމު ނިޒާމެއްކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އަލުން ޕްރައިމަރީ ހެލްތު ކެއަރ ނިޒާމް ފެށުމާއެކު ރައްޔިތުންނަށް އަވަހަށް ބަލިތައް ދެނެގަނެ ފަރުވާ ހޯދަން ފަސޭހަވެގެންދާނެކަމަށެވެ.
"ޕްރައިމަރީ ހެލްތު ކެއަރ ނިޒާމްގެ މަސައްކަތް ކުރާއިރު އުއްމީދަކީ މި މަސައްކަތް ފުޅާވެ، ހުރިހާ ރަށެއްގައި މަސައްކަތް ފެށުން. މިކަމުގެ ފައިދާ ރައްޔިތުންނަށް ކުރާނެކަމަށް އުއްމީދު ކުރަން." މިނިސްޓަރ އޮފް ހެލްތް އަޙްމަދު ނަޞީމް ވިދާޅުވިއެވެ. ޒަމާނުއްސުރެ ރާއްޖޭގައި ދެމުން އަންނަ ޕްރައިމަރީ ހެލްތު ކެއަރގެ ޚިދުމަތްތައް، އޭގެ އަސާސްތަކަށް ބިނާކޮށް އަލުން ދިރުވާ އާލާކުރުމުގެ ސިޔާސަތުގެ ދަށުން، މި މަސައްކަތް ފުރަތަމަ ފ.އަތޮޅުގައި ފެށިނަމަވެސް، ފ.އަތޮޅުގެ ތަޖްރިބާގެ އަލީގައި، މި މަސައްކަތް މުޅި ރާއްޖެއަށް ފުޅާކުރެވިގެންދާނެކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.
ހެލްތް މިނިސްޓްރީގެ ފަރާތުން ވަނީ ޕްރައިމަރީ ހެލްތު ކެއަރ ޚިދުމަތް ދިނުމުގައި ޢަމަލު ކުރާނޭ އައު "ކެއަރ ޕަރތްވޭ"އެއް އެކުލަވާލާފައެވެ. މި މަސައްކަތުގެ އެންމެ މުހިއްމު ބައިތަކަކީ، ރައްޔިތުންގެ ޞިއްޙީ ޙާލަތުގެ މަޢުލޫމާތު އެއްކުރެވި އެއް ވިއުގައެއްގެ ތެރެއިން، ކޮންމެ ރަށަކުންވެސް، ނުވަތަ މަރުކަޒަކުންވެސް ބޭނުންވެއްޖެ ޙާލަތްތަކުގައި ބެލޭނެ އިންތިޒާމް ހަމަޖައްސައި، ޞިއްޙީ އެހީތެރިކަމާއި ފަރުވާ ދިނުމުގައި އެ މަޢުލޫމާތުތައް ބޭނުން ކުރުމެވެ. އަދި ޓެސްޓުތައް ވަކި މުއްދަތެއްގައި އަލުން ހަދަންޖެހޭ މީހުންނާއި މުޢާމަލާތް ކުރުމާއި އެހެން މަރުކަޒަކަށް ރިފަރ ކުރެވޭ ޙާލަތުގައިވެސް އެޕޮއިންޓްމެންޓް ހަމަޖެއްސުންފަދަ ކަންކަމުގައި މަރުކަޒުން އެހީތެރިވެދޭކަމަށްވެސް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.
ހެލްތް މިނިސްޓްރީން ވިދާޅުވީ ޕްރައިމަރީ ހެލްތްކެއަރ ނިޒާމްގެ ސަބަބުން ރާއްޖޭގެ ރައްޔިތުންގެ ޞިއްޙީ ދުޅަހެޔޮކަން އިތުރުކުރުވިގެން ދާނެކަމަށެވެ. ހެލްތު މިނިސްޓްރީން ވިދާޅުވީ ޕްރައިމަރީ ހެލްތު ކެއަރގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް، ރަށު ފެންވަރުގައި މަސައްކަތްކުރާ ޞިއްހީ ޚިދުމަތްތެރިން މަސައްކަތް ކުރާނީ އެއް ޓީމެއްގެ ގޮތުގައި އެހެނިހެން މުއައްސަސާތަކާއި ޖަމްއިއްޔާ ޖަމާޢަތްތަކާ ގުޅިގެންކަމަށެވެ. އަދި ޢާއިލާތަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ ޞިއްޙީ މައްސަލަތަށް ޙިއްޞާ ކުރެވި ދުރާލާ ދެނެގަނެވި ޖިސްމާނީ، ނަފުސާނީ އަދި އިޖްތިމާޢި ދުޅަހެޔޮކަން ދެމެހެއްޓެނިވި ގޮތެއްގައި ކަށަވަރުވެގެން ދިއުމަކީ، މި މަޝްރޫޢުގެ ދިގުމުއްދަތުގެ އަމާޒުކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.
ޕްރައިމަރީ ހެލްތު ކެއަރގެ ޚާއްސަ ރަޖިސްޓްރޭޝަން ޕޯޓަލް އިފްތިތާޙްކުރުމުގެ އިތުރުން ޢާއްމުކޮށް ހުޅުވާލައިގެން، އާއްމުންގެ ޞިއްޙަތު ބަލާލުމަށްޓަކައި އެކި ޓެސްޓްތައް ހެދޭނެ އިންތިޒާމްތަކާއެކު ގައިންގައިން ނާރާ ބަލިތަކާ ގުޅޭ މަޢުލޫމާތުތަކާއި ބޭސް ބޭނުންކުރާއިރު ސަމާލުކަން ދޭންވީ ކަންކަމަ ގުޅޭ މަޢުލޫމާތު ޙިއްސާކުރުމުގެ ހާއްސަ ހަވީރެއް ވެސް ވަނީ ހެލްތު މިނިސްޓްރީގެ ފަރާތުން ފ، ނިލަންދޫގައި ކުރިއަށް ގެންގޮއްސައެވެ.