ނޭޝަނަލް މެންޓަލް ހެލްތު ސްޓްރެޓީޖިކް
އެކްޝަން ޕްލޭން 2025-2029 އިފުތިތާހުކޮށްފިއެވެ.
ހެލްތު މިނިސްޓްރީގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި
މިއެކްޝަން ޕްލޭން އިފްތިތާހްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް
ސާޖިދާ މުޙައްމަދުއެވެ.
ނޭޝަނަލް މެންޓަލް ހެލްތު ސްޓްރެޓީޖިކް
އެކްޝަން ޕްލޭނަކީ ނަފްސާނީ ޞިއްޙަތުގެ ޚިދުމަތްތައް ހަރުދަނާކުރުމާއި، ފަރުވާގެ ކަންކަން
ފުޅާކުރުމުގެ އިތުރުން، ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމާއެކު ރާއްޖޭގެ ނަފްސާނީ
ޞިއްޙަތުގެ ނިޒާމު ހަރުދަނާ ކުރުމުގެ މަގުސަދުގައި އިފްތިތާހުކުރެއްވި ޕްލޭނެކެވެ.
ޕްލޭންގައި ކުރިއަށް އޮތް 5 އަހަރަށް ރާއްޖޭގެ
ނަފްސާނީ ޞިއްޙަތުގެ ނިޒާމު ހަރުދަނާކުރުމަށް ގިނަ ކަންތައްތަކެއް ހިމަނާފައިވެއެވެ.
އޭގެތެރޭގައި ޕްރައިމަރީ ހެލްތު ކެއަރގެ ތެރެއިން ނަފްސާނީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ
ނިޒާމް ހަރުދަނާކުރުމާއި، ނަފްސާނީ ޞިއްޙަތަށް ހޭލުންތެރިކަން އިތުރުކޮށް އެކަމަށް
ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، ސިޔާސަތުތަކާއި، ސްޓޭންޑާޑްތަކާއި، ގައިޑްލައިންތައް
އެކުލަވާލުމާއި، ޞިއްޙީ ޚިދުމަތްތެރިންގެ ހުނަރު އިތުރުކުރުމާއި، ނަފްސާނީ ބަލިތަކާމެދު
އޮންނަ ނޭދެވޭ ވިސްނުން ނައްތާލުމަށް ކުރަންޖެހޭ މަސައްކަތްތައް ހިމެނެއެވެ.
މީގެ އިތުރުން މި ޕްލޭންގައި އެކި އުމުރު ފުރާގެ
މީހުންނަށް، ޚާއްޞަކޮށް ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، އެކިއެކި ނާޒުކު
ހާލަތްތަކުގައި ތިބޭ މީހުންގެ ނަފްސާނީ ޞިއްޙަތަށް އަހަންމިއްޔަތުކަން ދިނުމަށް އިސްކަންދީފައިވެއެވެ.
ހަމައެއާއިއެކު ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް އެ މުޖުތަމަޢުއަކީ، ނަފްސާނީ
ގޮތުން ބާރުވެރި އަދި ޤާބިލު ބަޔަކު ދިރިއުޅޭ މުޖުތަމަޢުއަކަށް ހެދުމަށް ކަމާއި ގުޅުންހުރި
ހުރިހާ ފަރާތްތަކެއް އެކުގައި މަސައްކަތްކުރުމަށް ވެސް މި ޕްލޭން ބާރު އަޅާފައިވެއެވެ.