ހއ. ބާރަށު ސިއްހީ މަރުކަޒުގައި މެޑިކަލް ވޭސްޓް މެނޭޖުކުރުމަށް ހާއްސަ ތަނެއް ގާއިމުކޮށްފިއެވެ.
މިއީ ގްލޯބަލް އެންވާރަމެންޓު ފެސިލިޓީ (ޖީއީއެފް) އާއި ޔުނައިޓަޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގެ އެހީތެރިކަމާއެކު، އެންވާރަމެންޓު މިނިސްޓްރީ އިން ކުރިއަށްގެންދާ "އެލިމިނޭޓިން ޕާސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓްސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް" (ޕޮޕްސް) މަޝްރޫގެ ތެރެއިން ގާއިމުކުރި ފެސިލިޓީ އެކެވެ.
މި މަޝްރޫގެ ދަށުން ސިއްހީ ދާއިރާއިން އުފެދޭ ކުނި ހަރުދަނާ އުސޫލުތަކާ އެއްގޮތަށް ނައްތާލުމަށް ރަނގަޅު ޓެކްނޮލޮޖީ އަދި ތިމާވެއްޓާ ރައްޓެހި އުސޫލުތައް ތައާރަފު ކުރެވޭނެ އެވެ.
ބާރަށުގައި ގާއިމުކުރި މި ފެސިލިޓީ އަކީ ސިއްހީ މަރުކަޒެއްގައި ސިއްހީކުނި މެނޭޖުކުރުމަށް ދިވެހިރާއްޖޭގައި ގާއިމުކުރެވުނު ފުރަތަމަ ފެސިލިޓީއެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެންވަޔަރުމަންޓް މިނިސްޓްރީގައި މި ފެސިލިޓީ މިނިސްޓްރީއާއި ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީންގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމްއެވެ. އެންވަޔަރުމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މނިސްޓަރ ތޯރިޤް އިބްރާހީމް އެވެ. މީގެއ ިތުރުން ނެޝަނަލް ހެލްތު ލެބޯރެޓަރީގެ މަސައްކަތް ހަރުދަނާ ކުރުމަށް ހެވީމެޓަލްސް ޓެސްޓު ކުރެވޭ އައިސީޕީ އެމްއެސް މެޝިނެއް ފޯރުކުށްދިނުމަށްވެސް ހެލްތު މިނިސްޓްރީ އާއި އެންވާރަމެންޓު މިނިސްޓްރީ އާ ދެމެދު އެމް.އޯ.ޔޫ.އެއްގައި ވަނީ ސޮއިކޮށްފައެވެ.
އެންވާރަމެންޓު މިނިސްޓްރީ އިން ބުނީ މި ފަހުމުނާމާގެ ދަށުން ފޯރުކޮށްދީފައިވާ އައިސީޕީ އެމްއެސް މެޝިނުން ފެން، ފަސްގަނޑު ސެޑިމެންޓްސް އަދި އިންސާނުންގެ ލޭގައި ވެސް ހުންނަ ހެވީ މެޓަލްސް ކަމުގައިވާ މާކުއިރީ، ކެޑްމިއަމް، ލެޑް ފަދަ ތަކެތި ހުންނަ މިންވަރު ދެނެގަނެވޭނެ ކަމަށެވެ.
މި މެޝިންގެ އެހީގައި ތިމާވެށި ތަގައްޔަރުވުމުގެ ސަބަބުން އާންމު ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ދެނެގަތުމަށްޓަކައި ދިރާސާކުރުމަށް ބޭނުންވާ މައުލޫމާތު ހޯދޭނެކަން ފާހަގަކުރަމުން އެންވާރަމެންޓު މިނިސްޓްރީ އިން ވަނީ މިކަމުގެ ސަބަބުން ތިމާވެށި ހިމާޔަތްކުރުމަށާއި، އާންމު ސިއްހަތު ރައްކާތެރި ކުރުމަށް ސަރުކާރުން ކުރާ މަސައްކަތް އިތުރަށް ހަރުދަނާ ކުރެވިގެންދާނެ ކަމަށް ބުނެފައެވެ.