މަސައްކަތު މާހައުލުގައި އެކުވެރިކަމާއިއެކު ގުޅިގެން މަސައްކަތް ކުރުމަށް ހެލްތު މިނިސްޓަރ ނަސޭހަތްތެރިވެވަޑައިގެންފި

24 އޭޕްރީލު 2025
މަސައްކަތު މާހައުލުގައި އެކުވެރިކަމާއިއެކު ގުޅިގެން މަސައްކަތް ކުރުމަށް ހެލްތު މިނިސްޓަރ ނަސޭހަތްތެރިވެވަޑައިގެންފިއެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވުނު ރޭޑިއޯގްރަފީ ކޯހުގެ ދަސްވެނިވުމުގެ ހަފްލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މަސައްކަތުގެ މާހައުލުގައި ގިނަ ވަގުތު ދޭހަކުރައްވާއިރު، އެންމެ ފުރިހަމަގޮތުގައި އަދި ޓީމެއްގެ ގޮތުގައި މަސައްކަތްކުރެވޭނީ އެކަކު އަނެކަކަށް އަޅާލާ އޯގާތެރި އެކުވެރި މާހައުލެއްގައި ކަމަށެވެ.
" ވަރަށް ވަގުތު ހޭދަކުރައްވާނީ މެޝިންސްތައް އޮޕަރޭޓް ކުރުމުގައި. އެކަން ސުމޫތުކޮށް ގެންދިއުމަށް މުވައްޒަފުންނާއި ގާތްގުޅުމެއް، ހިނިތުންވުމުގެ ގުޅުމެއް، އޯގާތެރިގުޅުމެއް ބާއްވަންވާނެ." މިނިސްޓަރ
އަދި ރޭޑިއޯގްރާފަރުން އަދާކުރާ ރޯލުގެ މުހިންމުކަން ފާހަގަކުރައްވާ އެސްޓީއޯއިން މި ނެގި އިނީޝިއޭޓަކީ ދިވެހި ޤައުމާއަށް ނުހަނު މަންފާ ލިބިގެންދާނެ އިނީޝިއޭޓެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ސިއްޙީ ދާއިރާ ކުރިއެރުވުމަށް އެސްޓިއޯއިން ވެދެއްވާ އެހީތެރިކަން ފާހަގަކޮށް އެސްޓީއޯގެ މެނޭޖްމަންޓަށާއި މުވައްޒަފުންނަށް މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ހެލްތު މިނިސްޓްރީއާއި، އެމް.އެން.ޔޫ އަދި އެސް.ޓީ.އޯ ގުޅިގެން ރާއްޖޭގައި ހިންގި ފުރަތަމަ ޑިޕްލޮމާ އިން ރޭޑިއޯގްރަފީ ކޯހުގައި 25 ދަރިވަރުން ބައިވެރިވެ، އޭގެތެރެއިން 23 ދަރިވަރުން މި ކޯސް ފުރިހަމަކޮށްފައިވެއެވެ.
މިކޯހުން ދަސްވެނިވި ދަރިވަރުންނަށް ސެޓްފިކެޓާއި ޓްރޮފީ ރޭ ހަވާލުކޮށްދެއްވީ ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޡިމް އިބްރާހިމްއެވެ.