ޅަ ދަރިން ދުންފަތުން ރައްކާތެރިކުރުމަށް ސަރުކާރުން އެޅީ އުނދަގޫ ފިޔަވަޅުތަކެއް - ހެލްތު މިނިސްޓަރ

18 ޑިސެމްބަރު 2024
ޅަ ދަރީން ދުންފަތުން ރައްކާތެރިކުރުމަށް ސަރުކާރުން އެޅީ އުނދަގޫ އެހެނަސް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތަކެއް ކަމަށް ހެލްތު މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ އެޗް.ޕީ.އޭ އާއި ކުޑަކުދިންގެ ޙައްޤުތަކަށް މަސައްކަތްކުރާ އ.ދ ގެ އިދާރާ ޔުނިސެފް އިން އިސްނަގައިގެން، ކަމާގުޅޭ އެންމެހާ އިދާރާތަށް އެއްމޭޒުދޮށަށްގެނެ މަޝްވަރާކުރުމަށް "ކައިގެން ހިނގަމާ-ނެޝަނަލް ރައުންޑް ޓޭބަލް" ގެ ނަމުގައި ރާއްޖޭގައި ކުރިއަށްގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ 4 ވަނަ ބައްދަލުވުމުގެ ތެރެއިންނެވެ.
މި ބައްދަލުވުމުގެ ތީމަކީ އަދާއި މާދަމާގެ ޖީލު، ދުންފަތުން ރައްކާތެރިކުރުމުގެ މައްޗަށް އަދި ވަކިން ޚާއްޞަކޮށް ދުންފަތް ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތައް ތަންފީޒުކުރުމުގެ މައްޗަށެވެ. މި ބައްދަލުވުމުގައި ވަނީ މި ތީމާއި ގުޅޭ ޚާއްޞަ ޕެނަލް ޑިސްކަޝަންއެއްވެސް ކުރިއަށް ގެންގޮސްފައެވެ.
މި ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ދުންފަތުން މީހުން ރައްކާތެރިކުރުމަށް އަދި ވަކިން ޚާއްޞަކޮށް ޅަ ދަރީން ދުންފަތުގެ ތަފާތު ބާވަތްތަކަށް ހުށަހެޅޭ ހުށަހެޅުމުން ސަލާމަތްކުރުމަށް، ސަރުކާރުން އުނދަގޫ އެހެނަސް ކޮންމެހެން އަޅަންޖެހޭ ހަރުދަނާ ފިޔަވަޅުތަކެއް އަޅާ، ތަންފީޒީ މަސައްކަތް ކުރަމުންދާކަމަށެވެ.
މިފަދަ މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް މިދުސްވަރު މުނާސަބުކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނާއި އެހެނިހެން ފިޔަވަޅުތަށް އެންމެ އެކަށީގެންވާ އަދި ނަތީޖާ ޙާޞިލުވެ ދެމެހެއްޓެނިވިގޮތެއްގައި ކުރުމުގެ މަސައްކަތް ފެށިފައިވާކަމަށެވެ.
މިފަހަރުގެ ތީމް ޚާއްޞަ ކޮށްފައިވަނީ އަދާއި މާދަމާގެ ޖީލު، ދުންފަތުން ރައްކާތެރި ކުރުމުގެ މައްޗަށް އަދި ވަކިން ޚާއްޞަކޮށް ދުންފަތް ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތަށް ތަންފީޒުކުރުމުގެ މައްޗަށެވެ.
މި ޑިސްކަޝްން އަދި ބައްދަލުވުމުގައި ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤާނޫނާއި ޤަވައިދު ތަންފީޒު ކުރުމުގެ މުހިއްމު ކަން އަދި ކުރިއަށް އޮތްތަނުގައި ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤާނޫނީ އަދި އެހެނިހެން ފިޔަވަޅުތަށް ތަންފީޒު ކުރުމާބެހޭ ގްރޫޕް މަސައްކަތްތަކެއް ކުރިއަށް ދާނެއެވެ. މި ގްރޫޕްތަކުގެ ހުށަހެޅުންތަކުގެ މައްޗަށް ބިނާކޮށް ނިންމުންތަކެއް ނިންމާ ހުރިހާ ގުޅުންހުރި ދާއިރާތަކުން އެކުގައި މަސައްކަތް ކުރާނެގޮތުގެ ހުށަހެޅުންތަކެއް ހުށަހެޅުމަށް ވަނީ ނިންމާފައެވެ.
ދުންފަތް ކޮންޓްރޯލް ކުރުމަށް މިހާރު އެކުލަވާލަމުންދާ މާސްޓަރ ޕްލޭން ހެދުމުގައި މިނިންމާ ނިންމުތަކަށްވެސް ހިމެނިގެންދާނެއެވެ.