ކޮމަންވެލްތު ހެލްތު މިނިސްޓަރުންގެ ބައްދަލުވުމުގައި މިނިސްޓަރ ޑރ.ޚަލީލް ބައިވެރިވަޑައިގެންފި

26 މޭ 2024
ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކަށް "ޑިޖިޓަލް ހެލްތް" ފަދަ ޒަމާނީ ލުއިފަސޭހަ ނިޒާމުތަކަކީ ވަރަށް މުހިންމު ނިޒާމެއްކަމަށް މިނިސްޓަރ އޮފް ހެލްތު ޑރ.ޢަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ސްވިޓްޒަލޭންޑް ގެ ޖެނީވާގައި މިހާރު ކުރިއަށްދާ ކޮމަންވެލްތް ހެލްތް މިނިސްޓަރުންގެ ބައްދަލުވުމުގައި ކުރިއަށް ދިޔަ ޕެނަލްޑިސްކަޝަންއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރ ވަނީ ރާއްޖެ ފަދަ ވަކިވަކި ރަށްތަކަށް އޮތް ޤައުމެއްގައި ފަސޭހަކަމާއެކު ޚިދުމަތްތަކަށް ވާސިލްވެވޭ ނިޒާމެއް އޮތުމުގެ މުހިންމުކަން ކަމާއި  ޑިޖިޓަލް ހެލްތް ނިޒާމު ގެ ލުއިފަސޭހަ ބަދަލުތަކުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އޭގެ ސަބަބުން، ޕޭޝަންޓުން ނުވަތަ ޚިދުމަތްހޯދާ މީހުންނާ ގުޅޭ މުހިންމު މަޢުލޫމާތު އެއް ސެންޓަރުން އަނެއް ސެންޓަރަށް އަވަހަށް ފޯރުކޮށްދެވި، ފަރުވާ ދިނުމުގައި އަވަސްކުރެވޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ޑިޖިޓަލް ހެލްތް ނިޒާމަކަށް ވާސިލުވުމުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތުގެ މައްޗަށް އަލި އަޅުވާލަމުން މިނިސްޓަރ ވިދާޅުވީ، އޭގެތެރޭގައި މިހާރު ރާއްޖޭގެ ސިއްޙީ ނިޒާމު ލުއިފަސޭހަ ކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ކުރިމަގުގައި އިތުރަށް ކުރިއެރުވިދާނެ ކަންކަމާގުޅޭގޮތުން މަޢުލޫމާތު ޙިއްސާކުރައްވާ މަޝްވަރާކުރެއްވިއެވެ.
ކޮމަންވެލްތު ހެލްތު މިނިސްޓަރުންގެ ބައްދަލުވުމުގެ އެކއެކި ބައިތަކަށް، ޖުމްލަ 6 ހުށަހެޅުމެއް ރާއްޖެއިން ހުށަހެޅިއެވެ.
މި ބައްދަލުވުމުގެ ސަބަބުން، ޞިއްޙީ ދާއިރާއިން ކުރަމުުންގެންދާ މުހިއްމު މަސައްކަތްތަކަށް އަދި ވަކިން ޚާއްޞަކޮށް ރާއްޖޭގައި އެކަމެއް ކުރުމުގެ ވަޞީލަތްތައް ނެތް ޚިދުމަތްތައް ޤާއިމުކުރުމަށާ، ދިރާސާތަށްހެދުންފަދަ ކަންކަމަމުގައި އެހީހޯދުމަށް މަގުފަހިވާނެއެވެ.
މީގެ އިތުރުން، ދުނިޔޭގް ފެންވަރުގައި މުހިއްއްމު އާއްމު ޞިއްޙަތުގެ މައްސަލަތަކުގައި "ކޮމަންވެލްތު ޤައުމުތައް އެއް އަޑަކުން ވަކާލާތުކުރުމުގައި ނިންމާ ނިންމުންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެން ދެއެވެ.
މިއަހަރުގެ ބައްދަލުވުމުގައި، ހެލްތު މިނިސްޓަރ ޑޮކްޓަރ ޢަބްދުﷲ ޚަލީލު އާއި ސްޓޭޓް މިނިސްޓަރ ޚާދީޖާ ޢަބްދުއްޞަމަދު ގެ އިތުރުން، މިނިސްޓްރީ އޮފް ހެލްތާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ ހިމެނޭގޮތަށް އިތުރު 2 އޮފިޝަލުން ބައިވެރިވަޑައިގެންނެވިއެވެ.
ކޮމަންވެލްތު ހެލްތު މިނިސްޓަރުންގެ ބައްދަލުވުމަކީ، އަހަރަކު 1 ފަހަރު ބާއްވާ 1 ދުވަހުގެ ބައްދަލުވުމެއް.
މި ބައްދަލުވުން ބާއްވަނީ، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ އިން ކޮންމެ އަހަރަކު މެއި މަހު ސްވިޒަރލޭންޑްގެ ޖެނީވާބާއްވާ "ވޯރލްޑްހެލްތު އެސެމްބްލީ" އާއި ގުޅުވައިގެން އެސެމްބްލީ ފެށުމުގެ 1 ދުވަސް ކުރިން.