ކޯވިޑުން އަރައިގަތުމަށް ރާއްޖެއިން ކުރި ދަތުރުގެ ރިޕޯޓެއް ރައީސުލް ޖުމްހޫރިއްޔައަށް އަރުވައިފި

11 މޭ 2023
ރާއްޖެއިން ކޯވިޑް-19 ފެނުނީއްސުރެ، ބަލިން އަރައިގަތުމަށް ރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވައި ހެލްތު ޕްރޮޓެކްޝަން އެޖެންސީން ތައްޔާރުކޮށްފައިވާ ޚާއްސަ ރިޕޯޓެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރު އަރުވައިފިއެވެ. 
"ހައިލައިޓްސް އޮފް ކޯވިޑް-19 ރެސްޕޮންސް" ރިޕޯޓުގައި، ދުނިޔެއިން މި ބަލި ފެނުނު ހިސާބުން ފެށިގެން ރާއްޖެއަށް ބަލި އައިސްދާނެކަމަށް ބަލާ އަޅަންފެށި ފިޔަވަޅުތަކާއި، ޑަބްލިއުއެޗްއޯއިން މި ބަލީގެ ކުއްލި ޙާލަތު އުވާލުމާއި ހަމައަށް ރާއްޖެއިން ކުރި މަސައްކަތްތައް ވަނީ ހިމަނާފައެވެ.
މި ރިޕޯޓްގައި ވަނީ ނެޝަނަލް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ހިންގުމާއި، މުވައްސާތަކުގެ ޒިންމާތަކާއި، އަދި މި ބަލީގައި ދިވެހިން ތަޙައްމަދުކުރަންޖެހުނު ކަންކަމުގެ އިތުރުން، ބަލީގައި ރާއްޖޭގެ ހާލަތުގެ ތަފާސް ހިސާބުތައް ހިމަނާފައެވެ.
ދުނިޔޭގެ ސިއްޙަތު ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރ އަޙުމަދު ނަސީން ވިދާޅުވީ، ކޯވިޑް 19 ބަލި ކޮންޓްރޯލްކުރުމުގައި ރާއްޖެއިން ދުނިޔެއަށް ދެއްކީ ނަމޫނާއެއްކަމަށެވެ. އަދި މިކަން ރާއްޖެއަށް ޙާސިލްވީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއާއި، ރާއްޖޭގެ ސިއްޙީ ދާއިރާއާއި އަމިއްލަ ވަރަށް ގިނަ ފަރާތްތަކުގެ އެހީއާއެކުގައިކަމަށް މިިނިސްޓަރ ވިދާޅުވިއެވެ.
ހެލްތް މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލިތަކުގެ ޙާލަތު އޮތީ ކަންބޮޑުވާ ޙާލަތެއްގައިކަމަށެވެ. އެހެންކަމުން ސަރުކާރުގެ މިހާރުގެ ޢަމާޒު ހުރީ އާއްމު ސިއްޙަތު ކުރިއެރުވުމުގެ މަސައްކަތަށްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލިތަކުގެ ޙާލަތު އޮތީ ކަންބޮޑުވާ ޙާލަތެއްގައިކަމަށާއި، އާއްމު ސިއްޙަތު ކުރިއެރުވުމަކީ ސަރުކާރުން މިހާރު އެންމެ އިސްކަންދެއްވާ މަސައްކަތްކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، ރާއްޖެއިން ގިނަ ބަލިތަކެއް ނައްތާލެވުނީ އާއްމު ސިއްޙަތަށް އޭރު ދިން ސަމާލުކަމުގެ ސަބަބުންކަމަށެވެ. އަދި ގައިންގަޔަށް ނާރާ ބަލިތައް ނައްތާލުމުގައިވެސް މި ޢަމާޒާއެކު މަސައްކަތް ކުރަން ޢަޒުމް ކަނޑައަޅަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ފާއިތުވީ ވިއްސަކަށް އަހަރު ދުވަހުގެ ތެރޭގައި، އަޅުގަނޑު ކުރިން ތަސައްވަރު ކުރި ހަރުދަނާ ޕްރައިމަރީ ހެލްތު ކެއާރ ގެ ނިޒާމު ބަލިކަށިވެ ނިކަމެތި ވެފައިވާ ވާހަކަ ވަރަށް ހިތާމަ އާއެކު ދަންނަވާލަން އެބަ ޖެހޭ. މިހެންކަމުން ކުރިން އަޅުގަޑުމެން ކަމިޔާބު ކުރި ޕްރައިމަރީ ހެލްތް ކެއާރ ގެ އުޞޫލުތައް އަލުން ދިރުވައި ހަރުދަނާ ކުރުމަށް އަދުގެ ސަރުކާރުން ނިންމަވާ މިހާރު މިގެންދަނީ މަސައްކަތް ކުރަމުން." މިނިސްޓަރ ވިދާޅުވިއެވެ.
އާއްމު ސިއްޙަތު ކުރިއެރުވުމުގެ ގޮތުން ސަރުކާރުން ވަނީ ފ.އަތޮޅުގައި ދިރާސީ ޕައިލެޓް ޕްރޮޖެކްޓެއްގެ މަސައްކަތް ފަށާފައެވެ. މިޕްރޮގްރާމްގެ ދިގުމުއްދަތުގެ މައިގަނޑު އަމާޒަކީ ސިއްހީ މައްސަލަތަކަށް އިރުޝާދުދީ ރައްޔިތުންގެ ޖިސްމާނީ، ނަފްސާނީ އަދި އިޖްތިމާއީ ދުޅަހެޔޮކަން ދެމެހެއްޓެނިވި ގޮތެއްގައި ކަށަވަރުކުރުމެވެ.