ދުންފަތުން ރައްކާތެރި ޖީލެއް ބިނާކުރުމަށް ޖެނެރޭޝަނަލް
ބޭން ތަޢާރަފު ކުރުމަށް ކަމާ ގުޅުންހުރި ފަރާތްތަކުގެ ޚިޔާލު ހޯދުމަށް ސަރުކާރުން ކުރަމުންދާ
މަޝްވަރާތަކުގެ ތެރެއިން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ އާއި ޔުނިސެފްގެ އޮފިޝަލުންނާއި
މިނިސްޓަރ އޮފް ހެލްތުން ބައްދަލު ކުރައްވައިފިއެވެ.
ޖެނެރޭ ޝަނަލް ބޭން ކާމިޔާބު ކަމާއެކު ތަންފީޒު ކުރުމުގައި
ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭގޮތުން އެ އިދާރާތަކުން މި ބައްދަލުވުމުގައި
ވަނީ ލަފާ ދެއްވާފައެވެ.
ޒުވާންޖީލު ދުންފަތާ ދުރުކުރުމަށް
އެކަށައަޅުއްވާފައިވާ ޖެނެރޭޝަނަލް ބޭން ކަނޑައަޅެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިއުލާންކޮށްފައިވަނީ
ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ 'ރައްޔިތުންނާ އެކު' ޕޮޑްކާސްޓްގެ
ފުރަތަމަ އެޕިސޯޑުގައި މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.
އަދި އެމަނިކުފާނުގެ ރަސްމީ "އެކްސް"
އެކައުންޓުން ޖެނެރޭޝަނަލް ބޭން ކަނޑައެޅުއްވުމުގައި އެ މަނިކުފާނު ހުށައަޅުއްވާ
ގޮތްތައް ވަނީ ހިއްސާކުރައްވާފައެވެ. އެ ގޮތުން އެ މަނިކުފާނު ހުށައަޅުއްވާ
ގޮތްތަކުގެ ތެރެއިން ގޮތެއް އިޚުތިޔާރުކުރެއްވުމަށް ޕޯލްގައި ވަނީ
އެދިވަޑައިގެންފައެވެ.
ޖެނެރޭޝަނަލް ބޭން، ކަނޑައެޅުއްވުމުގައި އެ
މަނިކުފާނު ހުށައަޅުއްވާ ގޮތްތައް ތިރީގައި އެވަނީއެވެ.
1. 2007 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން
އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން
މަނާކުރުން
2. 2004 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން
އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން
މަނާކުރުން
3. 2000 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން
އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން
މަނާކުރުން
ޕޯލަށް ހުޅުވާލެއްވި ތިން ގޮތް ހުށައެޅުއްވުމުގެ
ޙިކުމަތަކީ، 18 އަހަރާއި 25 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުން، ނުވަތަ ޒުވާނުން
އެކަމުގެ ތެރޭގައި އެހާ ގިނަ ދުވަސް ނުވަނީސް، އެ ވަބާއިން ސަލާމަތް ކުރަން
ފަސޭހަވާނެކަމުގައި ވާތީ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.