ޖާގަ އިތުރުކުރުމުގެ 60 މަޝްރޫއެއް މިއަހަރު ކުރިއަށްގެންދާނެ: މިނިސްޓަރ

23 އޭޕްރީލު 2025
މި އަހަރުގެ ތެރޭގައި 24 ރަށެއްގައި އާ ހޮސްޕިޓަލު އަޅަން ކުރެވި، ފަސް ސިއްހީ މަރުކަޒާއި ސިއްހީ ހިދުމަތްދޭ ތަންތަނުގެ ޖާގަ އިތުރުކުރުމުގެ 60 މަޝްރޫއެއް ކުރިއަށްގެންދާނެ ކަމަށް މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް އަދި ޅ. ނައިފަރު ހޮސްޕިޓަލް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ މި ވަގުތު 19 ހޮސްޕިޓަލާއި 15 ސިއްހީ މަރުކަޒުގެ އާ އިމާރާތް އަދި އެ ތަންތަނުގެ ޖާގަ އިތުރުކުރަން 21 މަޝްރޫއެއް ހިނގަމުންދާ ކަމަށެވެ. މި ތަންތަނުގެ ތެރެއިން ބައެއް ތަންތަނުގައި މަސައްކަތް ފެށުމަށް މިހާރު ތަކެތި މޮބިލައިޒް ކުރަމުން އަންނަކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.