ޞިއްޙީ ނިޒާމު ހަރުދަނާ ކުރުމަށް ޗައިނާ ސަރުކާރާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

06 އޯގަސްޓު 2024
ދިވެހިރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާ ކުރުމުގެގޮތުން މިނިސްޓްރީ އޮފް ހެލްތާއި ޗައިނާގެ ސިޗުއާން ޕްރޮވިންސްގެ ހެލްތު ކޮމިޝަނާއި ދެމެދު އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފި އެވެ.
އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލް އަޙުމަދު ހަމްދާން ނާޞިރެވެ. ސިޗުއާން ޕްރޮވިންސްގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ ސިޗުއާން ޕްރޮވިންސްގެ ހެލްތު ކޮމިޝަންގެ ޑިރެކްޓަރ ޖެނެރަލް މރ. ޒޫ ބިން އެވެ.
އެމް.އޯ.ޔޫ ގެ ދަށުން ޑޮކްޓަރުންނާއި ނަރުހުން އަދި ޞިއްޙީ ޚިދުމަތްތެރިން ތަމްރީނުކުރެވިގެންދާނެއެވެ. އަދި ޓެލެމެޑިސިންގެ ޚިދުމަތްތައް ފުޅާކުރުމާއި، އިމަޖެންސީ މެޑިކަލްގެ ޚިދުމަތްތައް ތަރައްޤީކުރުމުގެ އިތުރުން ޗައިނާއިން ބޭނުންވާ މެޑިކަލް އިކުއިޕްމަންޓުތައް ވެސް ހޯދޭނެ އެވެ. މީގެ އިތުރުން ޞިއްޙީ ޚިދުމަތްދޭ ތަންތަން ތަރައްޤީކުރުމަށް އެހީތެރިކަން ވެސް މި އެއްބަސްވުމުގެ ދަށުން ލިބިގެންދާނެއެވެ.
އެއްބަސްވުމުގައި ސޮއިކުރެވުނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އަދި ސިޗުއާން ޕްރޮވިންސްއާ ގުޅިގެން މިއަދު ބޭއްވުނު "ސިޗުއާން މޯލްޑިވްސް ޓްރޭޑް އެންޑް އިންވެސްޓްމަންޓް ކޯޕަރޭޝަން ކޮންފަރެންސް" ގެ ތެރެއިންނެވެ. މިކޮންފަރެންސްގައި މިނިސްޓަރ އޮފް ހެލްތު ޑރ. ޢަބްދުالله ޚަލީލްގެ އިތުރުން ކެބިނެޓްގެ މިނިސްޓަރުންނާއި ސަރުކާރުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި އެހީތެރިކަން ދިނުމުގެ އެއްބަސްވުން އެކުލަވާލުމުގެ މަޝްވަރާތައް ކުރެވިގެން ދިޔައ،ީ މިއަހަރުގެ ޖޫންމަހުގެ 5 އި ން 7 އަށް ސިޗުއާން ޕްރޮވިންސްގެ ހެލްތު ކޮމިޝަންގެ ވަފުދު ދިވެހިރާއްޖެއަށް ކުރެވުނު ދަތުރުގެ ތެރެއިންނެވެ. އަދި އެދަތުރުގައި މާލެ ސަރަޙައްދުގެ އެކި ހޮސްޕިޓަލްތަކަށް ޒިޔާރާތްކޮށް ހޮސްޕިޓަލްތަކުން ދެވޭ ޚިދުމަތްތައްވެސް އެ ވަފުދުން ވަނީ ބައްލަވާލައްވާފައެވެ.