ހަދަންޖެހޭ ލެބޯޓަރީ ޓެސްޓުތައް، އެ ރަށެއްގެ ނިސްބަތުން ނުހެދޭނެ އެއްވެސް ރަށެއް، 2026 ވަނަ އަހަރު ނިމޭއިރު ނޯންނާނެ - ރައީސުލްޖުމްހޫރިއްޔާ

13 އޮކްޓޯބަރު 2025
ޞިއްޙަތާ ބެހޭ ވުޒާރާއިން ކަނޑައަޅުއްވާފައިވާ މިންގަނޑުތަކާ އެއްގޮތަށް، އެރަށެއްގެ ނިސްބަތުން، އެރަށެއްގައި ހަދަންޖެހޭ ޓެސްޓުތައް ނުހެދޭނެ އެއްވެސް ރަށެއް، 2026 ވަނަ އަހަރު ނިމޭއިރު، ރާއްޖޭގެ އެއްވެސް ހިސާބެއްގައި ނޯންނާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހީރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފި.
ރައީސުލްޖުމްހޫރިއްޔާ، ދިވެހި ރައްޔިތުންނަށް މިފަދައިން ޔަޤީންކަން ތަކުރާރުކޮށް ދެއްވާފައި ވަނީ މިލަދުންމަޑުލު އުތުރުބުރީގައި މީހުން ދިރިއުޅޭ ރަށްރަށަށް އެމަނިކުފާނު މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި، އެ އަތޮޅު ނޫމަރާއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.
ޞިއްޙީ ދާއިރާއަކީ އެމަނިކުފާނު އެންމެ އިސްކަންދެއްވައިގެން ތަރައްޤީކުރައްވާ އެއްދާއިރާކަން ފާހަގަކުރައްވައި، ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިންސާނީ ވަސީލަތުގެ ގޮތުންނާއި އުމްރާނީ ގޮތުންވެސް ޞިއްޙީ ދާއިރާއަށް އިސްކަންދެއްވައިގެން، މިހާރުވެސް ކުރިއެރުންތައް ހޯއްދަވައިދެއްވަމުން ގެންދަވާކަމުގައެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި، 2 އަހަރު ދުވަހުގެ ތެރޭގައި ޞިއްޙީ ލެބޯޓްރީތައް ގާއިމުކޮށް ނިންމެވުމުގެ އަމާޒާ އެއްގޮތަށް، ށ. ނޫމަރާގައިވެސް ލެބޯޓްރީ ތަރައްޤީކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
މީގެއިތުރުންވެސް، ރަށުގެ ތަރައްޤީއަށް އެކި ދާއިރާތަކުން ބޭނުންވާ މުހިންމު މަޝްރޫޢުތައް ބާރު ދުވެލީގައި ކުރިއަށްގެންގޮސްދެއްވައި، ނިންމަވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ށ. ނޫމަރާގެ ރައްޔިތުންނަށް ދެއްވާފައެވެ