ގައިންގަޔަށް ނާރާ ބަލިތަކާއި ޚާއްސަކޮށް ކެންސަރު
ބަލި ކޮންޓްރޯލްކޮށް ޞިއްޙީ ދުޅަހެޔޮކަން އިތުރުކުރުމަށް ފަންނީ ލަފާ ދިނުމަށް
ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ)ގެ ފަންނީ މާހިރުންގެ ވަފުދެއް
ރާއްޖެ ވަޑައިގެންފިއެވެ.
ދުނިޔޭގެ ޞިއްޙަތު
ޖަމްޢިއްޔާގެ ރާއްޖޭގެ އޮފީހާއި، ސަރަހައްދީ އޮފީހާއި މައި
މަރުކަޒުގެ އިތުރުން، "އިންޓަރނެޝަނަލް އެޓޮމިކް އެނަރޖީ އެޖެންސީ
(އައި.އޭ.އީ.އޭ)" އާއި، " އިންޓަރނެޝަންލް އެޖެންސީ ފޮރ ރިސަރޗް އިން
ކެންސަރ (އައިއާރކް)" އަށް ނިސްބަތްވާ ފަންނީ މާހިރުން ހިމެނޭ މިޓީމު ރާއްޖޭގައި ހަރަކާތްތެރިވަނީ މިމަހުގެ 21 އިން 25
އަށެވެ.
މި ދުވަސްތަކުގައި މި ޓީމުން ރާއްޖޭގެ ކަމާބެހޭ އިދާރާތަކާ މަދަނީ
ޖަމްޢިއްޔާ ތަކާ ކެންސަރަށް ފަރުވާ ދޭ ހަސްފަތާލުތަކުގެ އޮފިޝަލުންނާ
މަޝްވަރާކޮށް، މާލޭގެ އިތުރުން، ބައެއް އަތޮޅުތަކުގެ ހަސްފަތާލުތަކާ ޞިއްޙީ
މަރުކަޒުތަކަށް ޒިޔާރަތްކޮށް،
މަޢުލޫމާތު ހޯދާނެއެވެ.
އަދި ރާއްޖޭގައި ކެންސަރު ކޮންޓްޜޯލް ކުރުމަށާއި ކެންސަރަށް ފަރުވާ ދިނުމާއި ކެންސަރު
ބަލީގެ މީހުންގެ މަޢުލޫމާތު ބަލަހައްޓާ އަދި ދެވޭ
ޚިދުމަތްތައް ރޭވިފައި ހުރިގޮތްތައް ބެލުމުގެ އިތުރުން ދިރިއުޅުމުގެ އާދަތަކާ ގުޅިފައިވާ ކެންސަރު ބަލި އަދި ދިގު މުއްދަތުގެ އެހެނިހެން ބަލިތަކަށް ހުށަހެޅޭ ހިރާސްތަކާއި ބަލިތަކުން މީހުން ރައްކާތެރިކުރުމާއި ފަރުވާގެ
ނިޒާމު އިންތިޒާމް ކުރެވިފައިވާގޮތުގެ މަޢުލޫމާތު ދެނެގަންނާނެއެވެ. މި މަޢުލޫމާތުގެ އަލީގައި، އިބްތިދާއީ ޞިއްޙީ ޚިދުމަތުގެ ނިޒާމުގެ
ތެރެއިންނާއި، މަރުކަޒީ ފެންވަރުގައި ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ސަރުކާރަށް
ލަފާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކޮށް ޞިއްޙީ ދުޅހެޔޮކަން
އިތުރުކުރުމަށް ފަންނީ ލަފާ ދިނުމަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ
(ޑަބްލިޔު.އެޗް.އޯ)ގެ ފަންނީ މާހިރުންގެ ވަފުދެއް ރާއްޖެ ވަޑައިގެން މަސައްކަތް
ކުރައްވަމުންދާއިރު، ގައިންގަޔަށް ނާރާ ބަލިތަކަށް ހުށަހެޅޭ
އެންމެ މުހިއްމު ހިރާސްތަކަކީ،
ކެއިންބުއިމުގެ ނުރަނގަޅު އާދަތަކާއި، ދުންފަތުގެ އިސްތިޢުމާލުކުރުމާއި،
މަސްތުވާތަކެތި ބޭނުންކުރުމާއި، އެކަށީގެންވާ މިންވަރަށް ހެލިފެލިވެ ނޫޅެވުމެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި ގައިންގަޔަށްނާރާ ބަލިތައްޖެހޭ މީހުންގެ
ނިސްބަތް ދިވެހިރާއްޖޭގައި ދަށްވަމުން ނުދެއެވެ. ނަތީޖާއަކީ، ހިތުގެ
ބަލިތަކާއި، ސްޓްރޯކާއި، ހަކުރުބަލި، ނޭވާލާ ނިޒާމުގެ ދިގުމުއްދަތުގެ ބަލިތަކާއި ކެންސަރުބަލި ރާއްޖޭގައި އިތުރުވަމުން ދިއުމެވެ.
އަދި ގައިންގަޔަށް ނާރާ ބަލިތައް ހާއްސަކޮށް ކެންސަރު ކޮންޓްރޯލްކޮށް ޞިއްޙީ
ދުޅަހޮޔޮކަން އިތުރުކުރުމަށް އިބްތިދާއީ ސިއްޙީ ހިދުމަތުގެ ނިޒާމެއްގެ މުހިންމުކަން އަންނަނީ ފެންނަމުންނެވެ. އެހެންކަމުން މިބަލިތައް ދުރާލާ ދެނެގަންނާނެ، ރައްކާތެރިވާނެ ގޮތާއި ފަރުވާކުރުމަށް ބޭނުންވާނެ ވަސީލަތްތައް
އެކަށައެޅުމުގައި ބޭނުންވާނެ މިންގަނޑުތަކާއި ފަރުވާއަށް ބޭނުންކުރާނެ ގައިޑްލައިންތައް ތައްޔާރު ކުރުމަށް، ދުނިޔޭގެ ޞިއްޙަތު
ޖަމްޢިއްޔާ (ޑަބްލިއޫ.އެޗް.އޯ) އާއި ގުޅިގެން މިނިސްޓްރީ އޮފް ހެލްތުން ވަނީ މަސައްކަތްތަކެއް ފަށާފައެވެ.