ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ 156 ވަނަ އެގްޒެކެޓިވް
ބޯޑު ބައްދަލުވުމުގައި ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދު ތަމްސީލުކުރުމަށް
އެގްޒެކެޓިވް ބޯޑުގެ މެމްބަރެއްގެ ގޮތުން މިނިސްޓަރ އޮފް ހެލްތު އަލްފާޟިލް
ޢަބްދުﷲ ނާޡިމް އިބްރާހީމް، ސްވިޒަލޭންޑުގެ ޖެނީވާއަށް
ފުރާވަޑައިގަންނަވައިފިއެވެ.
މިބައްދަލުވުމަކީ، ދުނިޔޭގެ 34 ޤައުމަކުން، ޞިއްޙީ
ދާއިރާގެ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާ ބައިނަލް އަޤްވާމީ މުހިއްމު
ނިންމުންތަކެއް ނިންމާ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އެންމެ މަތީ ފަންތީގެ ބައްދަލުވުމެކެވެ.
ފެބުރުވަރީ 3 އިން 11 އަށް ކުރިއަށްދާ މި ބައްދަލުވުން
ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ
އެގްޒެކެޓިވް ބޯޑުގެ މެމްބަރު ޤައުމުތަކާއި އެހެން މެމްބަރު ޤައުމުތައްވެސް
ހިމެނޭގޮތަށް ސްވިޒަރލޭންޑުގެ ޖެނީވާގައެވެ. 2022 ވަނަ އަހަރުގެ މެއި މަހުން
ފެށިގެން 3 އަހަރުގެ މުއްދަތަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ އެގްޒެކްޓިވް
ބޯޑުގައި، ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދު ތަމްސީލުކުރާ ޤައުމެއްގެ ގޮތުގައި
ދިވެހިރާއްޖެ ބައިވެރިވަމުން ގެންދާނެއެވެ. އަދި މިފަހަރުގެ ބައްދަލުވުމުގައި
ދިވެހިރާއްޖެ ވަނީ ވައިސް ޗެއަރކަން ކުރުމަށް ހަމަޖެހިފައެވެ.
މި ބައްދަލުވުމުގައި، 2024 ގައި ދުނިޔޭގެ ޞިއްޙަތު
ޖަމުޢިއްޔާގެ 6 ސަރަޙައްދުގައި ކުރިއަށް ގެންދެވުނު ރީޖަނަލް ކޮމިޓީ
ބައްދަލުވުންތަކުގައި ނިންމި ނިންމުންތަކާއި، ޕްރޮގްރާމް، ބަޖެޓް އެންޑް
އެޑްމިނިސްޓްރޭޓިވް ކޮމިޓީ ބައްދަލުވުމުގެ ރިޕޯޓުތަކާގުޅޭ މަޝްވަރާތަކާއި މި
އަހަރުގެ 78 ވަނަ ވަރލްޑް ހެލްތު އެސެމްބްލީގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ
އެޖެންޑާތަކަށް އެގްޒެކަޓިވް މެމްބަރ ޤައުމުތަކުން މަޝްވަރާކޮށް ނިންމުންތައް
ނިންމާނެއެވެ. މީގެ ތެރޭގައި ޞިއްޙީ ކުއްލި ނުރައްކަލުގެ ކާރިސާތަކުން
ރައްކާތެރިވުމަށްޓަކައި ޤައުމުތަކުން ތައްޔާރުވެ އިޖާބަދިނުމުގެ ޤާބިލުކަން
އިތުރުކުރުމާއި ދެމެހެއްޓެނި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް
ކަނޑައަޅާފައިވާ ޔުނިވަރސަލް ހެލްތު ކަވަރޭޖް، މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ޞިއްޙަތަށް ކުރާ
ނޭދެވޭ އަސަރު ކުޑަކުރުމަށް ކަނޑައަޅާފައިވާ މުހިންމުކަންކަން ކުރިއަށް
ގެންދިއުމުގެ މުހިއްމު ނިންމުންތަކަށް މަޝްވަރާކޮށް ނިންމުންތައް ނިންމޭނެއެވެ. ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ޤައުމުތަކަށް
ފޯރުކޮށްދޭ އެހީތައް އެންމެ ފައިދާހުރި ގޮތެއްގައި ފޯރުކޮށްދިނުމާ ގުޅޭގޮތުންވެސް
މި ބައްދަލުވުމުގައި މަޝްވަރާކޮށް އެކަމާގުޅޭ ކަންތައްތައް ހުށަހެޅޭނެއެވެ.
މިފަހަރުގެ ބައްދަލުވުމުގެ
ހަވާސާގައި ދިވެހިރާއްޖޭގެ ޞިއްޙީދާއިރާ
ކުރިއެރުވުމަށް ދޭދޭ ޤައުމުތަކާއެކު ބައްދަލުވުންތައްބޭއްވުމަށް ވަނީ ރޭވިފައެވެ. މިބައްދަލުވުންތަކުގައި
ޞިއްޙީދާއިރާގެ
އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމާއި އާއްމު ޞިއްޙަތު
ރައްކާތެރިކުރުމުގެ މަސައްކަތަށް އަދި ޞިއްޙީދާއިރާ
ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް މަޝްވަރާކުރެވޭނެއެވެ.