ދުނިޔޭގެ
ޞިއްޙަތު ޖަމުޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ރީޖަނަލް ޑިރެކްޓަރ
ޑޮކްޓަރ ފޫނަމް ކެތްރަޕާލް ސިންގ، މިނިސްޓަރ އޮފް ހެލްތު ނިޝާން މުލީގޭ ޝަރަފުގެ
ޢިއްޒަތުގެވެރިޔާ އަޙުމަދު ނަސީމްގެ ދަޢުވަތަކަށް މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
އަންނަ އަހަރަކީ،
ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ރީޖަނަލް
ޑިރެކްޓަރކަމުގައި އެކަމަނާ ހުންނަވާ އެންމެ ފަހު އަހަރު ކަމަށްވުމާއިއެކު، މި
ޒިޔާރަތަކީ ވަރަށް ޙާއްސަ ޒިޔާރަތެއް ކަމުގައި ވެގެންދާނެއެވެ. އެގޮތުން، މި
ޒިޔާރަތުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޝާހިދުއާއި މިނިސްޓަރ އޮފް
ހެލްތު ނިޝާން މުލީގޭ ޝަރަފުގެ
ޢިއްޒަތުގެވެރިޔާ އަޙުމަދު ނަސީމްއާއި މިނިސްޓްރީ އޮފް ހެލްތުގެ އިސްބޭފުޅުންނާއި
ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައިއެވެ. އަދި ޔޫ.އެން އެޖެންސީތަކުގެ އިސްވެރިންނާއިވެސް
ބައްދަލުކުރައްވާނެއެވެ.
ދުނިޔޭގެ
ޞިއްޙަތު ޖަމުޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ރީޖަނަލް ޑިރެކްޓަރގެ
މަޤާމަށް އެކަމަނާ އައްޔަންކުރެވިގެން ދިޔައީ ފެބުރުވަރީ 2014 ވަނަ އަހަރުން
ފެށިގެންނެވެ. އަދި ސެޕްޓެމްބަރު 2018 އިން ފެށިގެން 5 އަހަރު ދުވަހުގެ ނިޔަލަށް 2
ވަނަ ދައުރަކަށް އެކަމަނާ ހޮވިގެންދިޔައެވެ. އެކަމަނާގެ ދައުރުގައި ދިވެހިރާއްޖެއަށްވަނީ
ވަރަށް ގިނަގުނަ އެހީތެރިކަން ދެއްވާފައެވެ. އެގޮތުން، ކޯވިޑް-19 ގެ ޙާލަތާއި
ގުޅިގެން އެކަމަނާ ވެދެއްވި އެހީތެރިކަން ފާހަގަކޮށްލެވެއެވެ. އަދި ހަމަ އެހެންމެ،
ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާ ހަރުދަނާކުރުމަށާއި އިތުރަށް ފުޅާކުރުމަށްޓަކައި
އެކަމަނާ ވެދެއްވާ އެހީތެރިކަމަކީ އަގުނުކުރެވޭނެފަދަ އެހީތެރިކަމެކެވެ.