މިމަހުގެ 25 ން 27 ށް، ސްވިޒަރލޭންޑުގެ
ޖެނީވާގައި ކުރިއަށް ގެންދިޔަ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ އެގްޒެކެޓިވް ބޯޑުގެ ޕްރޮގްރާމް،
ބަޖެޓް އަދި އެޑްމިނިސްޓްރޭޝަން ކޮމިޓީގެ 37 ވަނަ ބައްދަލުވުމުގެ ރިޔާސަތު
މިފަހަރު ބެލެހެއްޓީ ދިވެހިރާއްޖެއިންނެވެ. ދިވެހިރާއްޖޭގެ ފަރާތުން މި ބައްދަލުވުމުގެ
ރިޔާސަތު ބެލެހެއްޓީ މިނިސްޓްރީ އޮފް ހެލްތުގެ ޑިރެކްޓަރ، އަލްފާޟިލާ ޢާއިޝަތު
ރިޝްމީއެވެ. މިއީ، މި ކޮމިޓީގެ މެމްބަރު ޤައުމެއްގެ ގޮތުގައި، 2022 ވަނަ އަހަރުގެ
މެއި މަހުން ފެށިގެން ކުރިއަށް އޮތް 2 އަހަރުގެ މުއްދަތަށް ދިވެހިރާއްޖެ
ހޮވުނުފަހުން ކުރިއަށް ގެންދިޔަ ފުރަތަމަ ބައްދަލުވުމެވެ. ޕްރޮގްރާމް، ބަޖެޓް އަދި
އެޑްމިނިސްޓްރޭޝަން ކޮމިޓީއަކީ، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ އިދާރީ އަދި މާލީ
ކަންކަމާގުޅޭ މުހިންމު ނިންމުންތަކެއް ނިންމާ ކޮމިޓީއެކެވެ. މި އަހަރުގެ މި
ބައްދަލުވުމުގައި ކޮމިޓީގެ 12 މެމްބަރު ޤައުމަކުން ވަނީ ބައިވެރިވެ
ވަޑައިގެންފައެވެ.
މި ބައްދަލުވުމުގައި ޞިއްޙީދާއިރާގެ
2022-2023 އަދި 2024-2025 ގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ
ބަޖެޓާއި ބެހޭ މުހިއްމު ނިންމުންތަކެއް ނިންމައި، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ
އިންސާނީ ވަޞީލަތްތައް ބޭނުންކުރެވޭ ގޮތާމެދު މަޝްވަރާކުރެވި، ދުނިޔޭގެ ޞިއްޙަތު
ޖަމިއްޔާގެ ބަޖެޓް އަދި އިވެލުއޭޝަން ރިޕޯޓުތައް ދިރާސާކޮށް، ޞިއްޙީ ދާއިރާގައި ޚާއްޞަކަމެއް
ދޭންޖެހޭ ކަންކަން ފާހަގަކޮށް، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ އިދާރީ ހިންގުމާއި
އަދި ޖަމިއްޔާގެ ބަޖެޓާއި ގުޅުންހުރި ކަންކަމާއި މެދު ޤައުމުތަކުގެ މެދުގައި
މަޝްވަރާކުރެވި ނިންމުންތައް ނިންމުނެވެ.
ޞިއްޙީ ދާއިރާގެ މިފަދަ
މުހިންމު ނިންމުންތަކެއް ނިންމި ބައްދަލުވުމެއްގެ ރިޔާސަތު ބެލެހެއްޓުމުގެ
ފުރުޞަތު ދިވެހިރާއްޖެއަށް ލިބިގެންދިޔުމަކީ، ޞިއްޙީ ދާއިރާގައި ދިވެހިރާއްޖޭގެ
ޙައިޞިއްޔަތާމެދު އިތުބާރުލިބި، ދިވެހިރާއްޖެއާ އެހެނިހެން ޤައުމުތަކާއި ދެމެދު
އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދިޔަ ކަމެކެވެ. އަދި ހަމައެހެންމެ،
ދިވެހިރާއްޖެއަށް ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެކެވެ. ދުނިޔޭގެ ޞިއްޙަތު
ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް ވަނީ، މި ބައްދަލުވުން ޗެއަރކުރެއްވި
އަލްފާޟިލާ ޢާއިޝަތު ރިޝްމީގެ މަސައްކަތްތައް ފާހަގަ ކުރައްވާ، މި ބައްދަލުވުން
ކުރިއަށް ގެންދިޔަ ގޮތާއިމެދު ތަޢުރީފުކުރައްވާ، ރިޝްމީއަށާއި ދިވެހިރާއްޖެއަށް
ޙާއްސަ ޝުކުރެއް ދަންނަވާފައެވެ.