ދުންފަތުގެ ވަބާއިން ސަލާމަތްކުރުމަށް އަދުގެ ޖީލަށް މިކަމުގެ ނުރައްކާތެރިކަން ވިސްނައިދޭން ޖެހޭ - މިނިސްޓަރ

11 ޖޫން 2024
ދުންފަތުގެ ވަބާއިން ސަލާމަތްކުރުމަށް މިހާރަށްވުރެ ބޮޑަށް މަސައްކަތްކޮށް އަދުގެ ޖީލަށް މިކަމުގެ ނުރައްކާތެރިކަން ވިސްނައިދޭން ޖެހޭ ކަމަށް މިނިސްޓަރ އޮފް ހެލްތު ޑރ. އަބުދުﷲ ޚަލީލް ވިދަޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މިއަހަރުގެ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލުނުކުރާ ދުވަސް ފާހަގަކުރުމަށް ނ. މަނަދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި މިހަރަކަށް އައިސް ވޭޕް ކުރުމާއި ޝީޝާ ބޭނުންކުރުން ޒުވާނުންގެމެދުގައި އިތުރުކުރަން ފާހަގަކުރައްވާ، މިއީ ކަންބޮޑުވާންޖެހޭ ކަމެއް ކަން ފާހަގަކުރެއްވި އެވެ. އަދި މި ކަމުން ކުޑަކުދިން ސަލާމަތް ކުރުމަށް ބެލެނިވެރިން ދަރިން ދަރުބިއްޔަތު ކުރުމުގައި ސަމާލުކަން ދެއްވުމަށް އެދިވަަޑައިގެންނެވި އެވެ.
''ސިނގިރޭޓު ބުއިމަކީ ނުވަތަ ޝީޝާ ބުއިމަކީ މިއީ އެއްގޮތަކަށް ވެސް ހިތްވަރު ހުރި ކަމެއް ނޫން. މީ އެއްގޮތަކަށް ވެސް ގަޓު ކަމެއް ނޫން. އަމިއްލަ ނަފުސު ބިނާކުރަން، އަޅުގަނޑުމެން މުޖުތަމައު ތެރެއަށް ނިކުމެ އަޅުގަނޑުމެންނަކީ ހައިބަތު ހުރި މީހަކަށް ވާން ކުރާ މަސައްކަތް އެއީ ގަޓު މަސައްކަތަކީ،" މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރވަނީ ދަރިން އިޚްތިޔާރު ކުރާ ރައްޓެހިންނާއި ، ބޭރުގައި ކުރަނީ ކޮންކަމެއްތޯ ބަލާ ކުޑަކުދިން ދުންފަތުގެ ނުރައްކަލުން ރައްކާތެރިކުރުމަށް މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ. އަދި ދަރިންގެ ކިބައިގަ ރަނގަޅު އާދަތައް އަށަގެންނެވިއްޖެ ނަމަ ޞިއްހަތު ރަނގަޅު ޒުވާން ޖީލެއް ބިނާ ކުރުމަށް މަގުފަހިވެގެން ދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރޭގެ ރަސްމިޔާތުގައި ހެލްތު މިނިސްޓްރީގެ އިސްވެރިންނާއި، ނ އަތޮޅު ހޮސްޕިޓަލާއި ހެލްތު ސެންޓަރުތަކާއި ސަރުކާރުގެ އިސްވެރިންވެސް ބައިވެރިވަޑައިގެންނެވި އެވެ.