ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނަށް އާންމުން ހޭލުންތެރިކުރުމަށް، މިނިސްޓްރީއާއެކު ކައުންސިލް ތަކާއި ޖަމިއްޔާތައް ބައިވެރިވަނީ!

17 ޑިސެމްބަރު 2024
ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގަނޫނަށް ގެނައި އިސްލާހާ ގުޅިގެން އާންމު ރައްޔިތުން މި ޤަނޫނުތަކަށް އަހުލުވެރިކުރުވުމުގެ މަސައްކަތްތަކެއް ކުރިއަށް  ދާކަމަށް ޞިއްޙާތާ ބެހޭ ވަޒީރުގެ ނައިބު، އިސްމާއީލް ޒާހިރު ވިދާޅުވެއްޖެއެވެ.
އިސްމާއީލް ޒާހިރު މިހެން ވިދާޅުވީ، ޕަބްލިކް ސާރވިސް މީޑިޔާ އަދި މިނިސްޓްރީ އޮފް ހެލްތު އިން ސިލްސިލާކޮށް ކުރިއަށް ގެންދާ "ދަފަރާ" ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅުދައްކަވަމުންނެވެ. ޞިއްޙީ ވުޒާރާގެ ނައިބު ވިދާޅުވި ގޮތުގައި، ދުންފަތް ކޮންޓްރޯލް ކުރުމަށް ގެނެވުނު އިސްލާހާގުޅިގެން އަތޮޅުތަކުގައި އާންމުން ހޭލެންތެރިކުރުމަށް، ރަށު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ، އަދި ޖަމިއްޔާތަކާ ގުޅިގެން މަސައްކަތްތަކެއް ކުރަމުން ދާކަމަށެވެ. އަދި ސަރުކާރުގެ މުޢައްސަސާތަކުގެ ކަމާގުޅޭ ފަރާތްތައް އަހުލުވެރި ކުރުމާއި އެފަރާތްތަކާ ގުޅިގެން މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ޞިއްޙަތާ ބެހޭ ވަޒީރުގެ ނައިބު ވިދާޅުވިއެވެ.
މީގެ އިތުރުން ދުންފަތުގެ ދުމުން މުޖުތަމަޢު ރައްކާތެރިކުރުމަށް އެކުލަވާލަންޖެހޭ ޤަވާއިދު އެކުލަވާލުމުގެ މަސައްކަތް ބާރަށް ކުރިއަށް ދާކަމަށެވެ. އެގޮތުން، މި ޤަވާއިދުގެ ޑްރާފްޓް މިހާރު ނިމިފައިވާ ކަމަށާއި، އެ ޤަވާއިދު ގެޒެޓުކުރެވުމުން، ދުންފަތުގެ އިސްތިޢުމާލު ކުރެވޭނެ ތަންތަނަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ޒާހިރު ވިދާޅުވިއެވެ. މި ކަމުގެ ސަބަބުން، ދުންފަތާ ބެހޭ ޤާނޫނު ތަންފީޒުކުރުމަށް، ތަންފީޒީ އިދާރާތަކަށް ވަރަށް ބޮޑު ލުއިފަސޭހަ ކަމެއް ލިބިގެން ދާނެކަމަށްވެސް ޒާހިރު ވިދާޅުވިއެވެ.
"ދަފަރާ" ޕެނަލް ޑިސްކަޝަންގައި، މިނިސްޓްރީ އޮފް ހެލްތު ގެ އިތުރުން، މޯލްޑިވްސް ޕޮލިސް ސާރވިސް، އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގެ ފަރާތުންވެސް ބައިވެރިވިކަން ފާހަގަކޮއްލެވެއެވެ.
ދުންފަތާ ދުރުހެލިވާން ބޭނުންވާ ފަރާތްތަކަށް މިނިސްޓްރީ އޮފް ހެލްތު އިން ވަނީ ކުއިޓްލައިނެއް ޤައިމްކޮށްފައެވެ. ނަންބަރަކީ 1676. މި ނަންބަރުން ދުންފަތަށް ދެވިހިފާފައިވާ ފަރާތްތަކަށް ހުއްޓަލުމަށް ބޭނުންވާ ފަރާތްތަކުން ކަންކުރަންވީގޮތުގެ އެހީތެރިކަން ލިބިގެންދާނެއެވެ. މި ނަންބަރުން 24 ގަޑިއިރު ޚިދުމަތް ލިބޭނެއެވެ.