ދ.އަތޮޅު
ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތް ކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ލިމިޓެޑް(އާރުޑީސީ) އާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ހެލްތު މިނިސްޓްރީގައި
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން މި އެއްބަސްވުމުގައި
ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަޙުމަދު ޤާސިމްއެވެ. ރޯޑް ޑިވެލޮޕްމަންޓް
ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ
ޑިރެކްޓަރ މުޙައްމަދު އަސްބާހް އަލީ ނަސީރުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރ އަޙުމަދު
ޤާސިމް ވިދާޅުވީ، ދ.އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތް ޤާއިމްކޮށް ޚިދުމަތްދޭން
ފެށުމާއެކު ޖާގައިގެ ދަތިކަން ހައްލުވެ، އެތަން ގިންތިކޮށްފައިވާ މިންވަރަށް
ތަނުން ފޯރުކޮށްދޭންޖެހޭ އެންމެހާ ޚިދުމަތްތައް ރައްޔިތުންނަށް
ފޯރުކޮށްދެވިގެންދާނެ ކަމަށެވެ. އަދި ރަށާއިކައިރި އާބާދީތަކުގެ
ރައްޔިތުންނަށްވެސް ޚިދުމަތް ލިބިގަތުމުގައި އެތަކެއް ލުއި ފަސޭހަތަކެއް ލިބިގެންދާނެ
ކަމަށެވެ.
އައު އިމާރާތުގައި ކޮވިޑް ފަދަ
ބަލިތަށް ފެތުރޭ ޙާލަތްތަކުގައި ހޮސްޕިޓަލުގެ އޮޕްރޭޝަން ނުހުއްޓި ކުރިޔަށް
ގެންދެވޭ ގޮތަށް ފްލޫ ކްލިނިކާއި، އައިސޮލޭޝަން ފެސިލިޓީ އަކާއި، ހޮސްޕިޓަލުގެ
ބޭނުން ކުރާ ހަކަތަ އަށް ކުރާ ޚަރަދު ކުޑަ ކުރުމުގެ ގޮތުން ސޯލަރ ޕީވީ ސިސްޓަމެއް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.
އަދި ހޮސްޕިޓަލުގެ ހުރިހާ އެނދަކަށް ޕައިޕްޑް
އޮކްސިޖަން އާއި މެޑިކަލް އެއަރ އެޅިގެންދާއިރު، ހޮސްޕިޓަލްގެ އޮޕަރޭޝަންތައް ނުހުއްޓި
ކުރިއަށް ގެންދިއުމަށްޓަކައި ޕަވަރބެކަޕް ސިސްޓަމެއް ޤާއިމްކުރެވިގެންދާނެއެވެ. މިއާއެކު
ވޭސްޓް މެނޭޖްމަންޓް ސިސްޓަމާއި، ހޮސްޕިޓަލް ގްރޭޑް އިންޑަސްޓްރިއަލް ލޯންޑްރީ ސެޓަޕް
ޤާއިމްކުރުމުގެ އިތުރުން މެމޮގްރަފީގެ ޚިދުމަތާއި ޑެންޓަލް އޯޕީޖީ، ކަށީގެ
ފަރުވާތަކަށް ޚާއްސަ އޯތޯ-ތިއޭޓަރއެއް ޤާއިމްކުރެވިގެންދާނެވެ.
540 ދުވަހުގެ
ތެރޭގައި މަސައްކަތް ނިންމުމަށް ހަވާލުކުރި މި މަސައްކަތުގެ އަގަކީ 181 މިލިއަން
ރުފިޔާއެވެ.