ހެލްތު މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު
ސަރވިސަސްގެ މަޤާމަށް ޑރ.އަޙްމަދު އަޝްރަފު އައްޔަންކޮށްފިއެވެ.
ސިވިލް ސަރވިސްގެ އޮނިގަނޑުގެ ތެރެއިން ޑރ.އަޝްރަފު
މިމަޤާމަށް ޢައްޔަންކުރައްވާފައިވަނީ 4 އަހަރު ދުވަހުގެ މުއްދަތަކަށެވެ.
ޑރ.އަޝްރަފަކީ، ޔޫކްރެއިންގެ ކްރިމިއާ ސްޓޭޓް މެޑިކަލް
ޔުނިވަރސިޓީއިން އިންޓަރނަލް މެޑިސިން ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ.
އަދި ނޭޕަލްގެ ނޭޝަނަލް އެކަޑަމީ އޮފް މެޑިކަލް ސައިންސްއިން އިންޓަރނަލް
މެޑިސިންގެ ދާއިރާއިން ތަމްރީނާއި ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ.
ސިއްޙީ ދާއިރާގައި ޑރ. އަޝްރަފު 14 އަހަރަށް ވުރެ ގިނަ
ދުވަހު މަސައްކަތްކޮށްފައިވާއިރު، އެންމެ ފުރަތަމަ މަސައްކަތް ކުރައްވަން
ފެއްޓެވީ 1996 އަހަރު އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް
(އައިޖީއެމްއެޗް)ގައެވެ. އަދި ހުޅުމާލެ ހޮސްޕިޓަލްގެ އެންމެ އިސްވެރިއެއްގެ
ހަސިއްޔަތުންނާއި، ނޮދާން ހެލްތު ސާވިސް ކޯޕަރޭޝަން ލިމިޓެޑްގެ ބޯޑު
މެމްބަރުކަން ވެސް ވަނީ ކުރައްވާފައެވެ.
މީގެއިތުރުން، ޞިއްޙީ ދާއިރާއިން ކުރިއަށްދާން ބޭނުންވާ
ފަރާތްތައް ރާއްޖޭގައި ތިބެގެން މަތީ ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު
ފަހިކޮށްދިނުމުގެ ގޮތުން ޤައުމީ ޔުނިވަރސިޓީން ކުރިއަށްގެންދާ ކޯސްތަކުގައި
ވެސް ޑރ. އަޝްރަފު އަމަލީގޮތުން ބައިވެރިވެ، ގިނަ ޚިދުމަތްތަކެއް
ކޮށްދެއްވައެވެ.