ޗިކުންގުންޔާ އާއި ޑެންގީ ހުން ފެތުރުން ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތަކެއް

16 މޭ 2024
ރާއްޖޭގައި ޗިކުންގުންޔާ އާއި ޑެންގީ ހުން ފެތުރުން ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ހެލްތު މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.
ހެލްތު މިނިސްޓްރީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޚަލީލް ވިދާޅުވީ ރާއްޖޭގައި ޗިކުންގުންޔާ އާއި ޑެންގީ ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުގެ އިދާރާތަކާ ހޮސްޕިޓަލްތައް ހިމެނޭގޮތުން މިނިސްޓްރީން އިސްނަގައިގެން ވަރަށް ގިނަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މިކަމަށް ހާއްސަ ސްޓީއަރިންގ ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށާ، މާލެއާއި އަތޮޅުތަކުގެ ބައެއް ރަށްރަށުގައި ފޮގް ކުރުމުގެ މަސައކަތްތައް މިކޮމެޓީން ފަށާފައިވާ ކަމަށެވެ.
11 މެއި 2024  ގެ ނިޔަލަށް ޑެންގީގެ 704 ކޭސް ރެކޯޑް ކުރެވިފައިވޭ އަދި ޗިކުންގުންޔާގެ 389 ކޭސް ރިކޯޑް ކުރެވިފައިވެއެވެ.
މިނިސްޓަރ ވިދާޅުވީ ޗިކުންގުންޔާ އާއި ޑެންގީ ހުން ފެތުރުން ކޮންޓްރޯލްކުރުމަށް ފަރުދީ ގޮތުންވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ދިރިއުޅޭ ގޯތި ތެރެ ސާފުކޮށް ބެލެހެއްޓުން މުހިންމު ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ ވަނީ މިބަލިތައް ކޮންޓްރޯލް ކުރުމަށް ފަރުދީފެންވަރުގައި މަސައްކަތްކުރުމަށް އެދިވަދައިގެންފައެވެ.
މީގެ އިތުރުން ކާބޯތަކެތީގެ ރައްކާތެރި ކަމަކީ ސަރުކާރުން ވަރަށް ޚާއްސަ ސަމާލުކަމެއް ދޭ ކަމެއް ކަމަށާ ކާބޯ ތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްވެސް ގިނަ މަސައްކަތްތަކެއް މިހާރު ފަށާފައިވާ ކަމަށެވެ.
ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް  މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ވަރަށް ޚާއްޞަ މަސައްކަތްތަކެއް ކުރައްވާކަން ފާހަގަ ކުރައްވާ މިނިސްޓަރ ވިދާޅުވީ ކާބޯ ތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މިހާރު ވާނީ މަޖިލީހަށް ބިލެއް ހުށަހަޅާފައި ކަމަށާ އަދި އެބިލު މަޖިލީހުން ފާސްވެފައިވާ ކަން މިނިސްޓަރ ފާހަގަ ކުރެއްވި އެވެ.
މިނިސްޓަރ ވިދާޅުވީ މިބިލު ގެޒެޓް ކުރާ ހިސާބުން އެމްއެފްޑީއޭއަށް ހާއްސަ ބާރުތަކެއް ލިބިގެން ދާނެ ކަމަށެވެ.
ރާއްޖެ އެތެރެވާ ކާބޯ ތަކެއްޗަކީވެސް ރައްކާތެރި ކާބޯތަކެތިތޯ ބެލުމަށް ޓެސްޓު ހަދަން ޖެހޭ ކަމަށާ ރާއްޖެއިން ނުކުރެވޭ ޓެސްޓުތައް ރާއްޖެއިން ބޭރަށް ފޮނުވައިގެން ޓެސްޓު ކުރުމުގެ އިންތިޒާމްތައް ވަރަށް އަވަހަށް ހަމަޖެހިގެން ދާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި އެހާ ހިސާބުން ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެތީގައި ނުރައްކާތެރި ކެމިކަލް ހުރީ ކިހާ މިންވަރަކަށްތޯ ދެނެގަނެވޭނެ ކަމަށްވެސް މިނިސްޓަރ ޚަލީލް ވިދާޅުވި އެވެ.
މީގެ އިތުރުން ޞިއްހީ ހިދުމަތް ފުޅާ ކުރުމަށް އައުޓް ރީޗް ޕްރޮގްރާމްތައް ހިންގަން ވަރަށް އަވަހަށް ފަށާނެ ކަމަށް މިނިސްޓަރ ޚަލީލް ވިދާޅުވި އެވެ.
އޭގެ ތެރޭގައި އަތޮޅު ހޮސްޕިޓަލްތަކުން އެއަތޮޅެއްގެ ރަށްރަށަށް ހާއްސަ ޑޮކްޓަރުން ފޮނުވައިގެން ހިންގޭ ޕްރޮގްރާމްތައް ހިމެނޭ ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވި އެވެ. މިނިސްޓަރ ވިދާޅުވީ ޚާއްސަ ޑޮކްޓަރުން ފޮނުވައިގެން އަތޮޅުތަކުގެ ހޮސްޕިޓަލްތަކާ ޞިއްޚީ ޚިދުމަތްދޭ ތަންތަނުން ޚިދުމަތް ލިބުމުގެ އިންތިޒާމްތައް ހަމަޖެހިގެންދަނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ފަސޭހައި އަވަސްކޮށް ހިދުމަތް ލިބޭނެ އިންތިޒާމް ގާއިމްކުރެވޭ ހިސާބުން ރައްޔިތުންނަށްވެސް ވަރަށްބޮޑު ލުއި ފަސޭހަކަމެއް ލިބިގެން ދާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.