ޗައިނާ އެމްބަސީގެ ހިލޭ އެހީގެ ދަށުން 12 ގްރީން އެމްބިއުލާންސް ޞިއްޙީ ވުޒާރާއަށް ހަދިޔާކޮށްފި

03 މާރިޗު 2024
ޗައިނާ އެމްބަސީގެ ހިލޭ އެހީގެ ދަށުން 12 ގްރީން އެމްބިއުލާންސް ޞިއްޙީ ވުޒާރާއަށް ހަދިޔާކޮށްފިއެވެ. 
މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޗައިނާ އެމްބަސީގެ ފަރާތުން ގްރީން އެމްބިއުލާންސްތައް ހަވާލުކޮށްދެއްވީ ދިވެހިރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ހަރ އެކްސެލެންސީ ވަންގ ލިޒިންއެވެ. މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ގްރީން އެމްބިއުލާންސްތަކާއި ޙަވާލުވެވަޑައިގެންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު އަލްފާޟިލާ ޚަދީޖާ ޢަބްދުއްޞަމަދު ޢަބްދުﷲއެވެ.
މި ރަސްމިއްޔާތުގައި ޗައިނާ އެމްބަސީއިން ފޯރުކޮށްދިން އެހީތެރިކަން ފާހަގަކޮށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު އަލްފާޟިލާ ޚަދީޖާ ޢަބްދުއްޞަމަދު ޢަބްދުﷲވަނީ ޗައިނާ އެމްބަސީއަށާއި ޗައިނާ ސަރުކާރަށް ޝުކުރު ދަންނަވާފައެވެ. އަދި ކޮންމެ ހާލަތެއްގައިވެސް ޗައިނާ ސަރުކާރުގެ ފަރާތުން އަބަދުވެސް ދިވެހިރާއްޖެއަށް އެހީތެރިކަން ލިބެމުންދާތީ، އެކަން ފާހަގަކޮށް ޗައިނާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.
މި އެމްބިއުލާންސްތަކާއެކު، ކާރިސާގެ ވަގުތުތަކުގައާއި، އެމަޖެންސީ އަދި އެކްސިޑެންޓްތަކުގައި ބަލިމީހުންނަށް ފޯރުކޮށްދެންޖެހޭ ޞިއްޙީ ކުއްލިފަރުވާ ރަށްތަކުގައި އަވަހަށް ފޯރުކޮށްދިނުމަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެއެވެ. އަދި ބޮޑެތި ޕެރަމެޑިކް އެމްބިއުލާންސްތައް ދުއްވުމަށް ދަތިވާ ކުދި ކުދި ރަށްތަކުގައި ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމުގައި އިތުރު ފަސޭހަ ކަމެއް ލިބިގެންދާނެއެވެ. މީގެ އިތުރުން ދިވެހިރާއްޖެ ފަދަ ނާޒުކު ތިމާވެއްޓެއް އޮންނަ ޤައުމަކަށް މި އެމްބިއުލާންސްތަކަކީ ތިމާވެއްޓާ ރަށްޓެހި، ތިމާވެއްޓަށް ގެއްލުން ނުވާ ގޮތަށް ތައްޔާރުކޮށްފައިވާ އެމްބިއުލާންސްތަކެކެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ.