ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އިތުރު 05 ފަރާތެއް ފޮނުވުމަށް ނިންމައިފި

19 ސެޕްޓެމްބަރު 2023
ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އިތުރު 05 ފަރާތެއް ފޮނުވުމަށް ނިންމައިފި އެވެ.
ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އިތުރު 05 ފަރާތެއް ފޮނުވުމަން ނިންމާ އެކަމުގެ ލިޔުން ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަޙްމަދު ޒާހިރުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަޙުމަދު ނަސީމް ވިދާޅުވީ،  ތެލެސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާ އާއި ބޭސް ވީހާވެސް ލުއި ފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުމަކީ މިސަރުކާރުގެ އެއް އަމާޒު ކަމުގައެވެ. އަދި އެ  އަމާޒަށް ވާސިލް ވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
އެގޮތުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، ތެލެސީމިއާ އައު ސެންޓަރެއް ގާއިމުކުރުމަށްޓަކައި ހުޅުމާލެއިން ބިމެއް ހޯދައި، އެބިމުގައި މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ އައު އިމާރާތެއް ޒާމާނީ ފެންވަރަށް ތަރައްގީކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، މިސެންޓަރ ޤާއިމުވެގެންދިއުމުން ތެލެސީމިއާ ކުދިންނަށް ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ފުޅާކުރެވި، ޖާގައިގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެކަމަށެވެ. މީގެއިތުރުން މިއިމާރާތުގައި ނެޝަނަލް ބްލަޑް ބޭންކްގެ ޚިދުމަތް ޤާއިމުކޮށް، އެޚިދުމަތްވެސް ރާއްޖޭގެ ހުރިހާ ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކަށް ފޯރުކޮށްދެވިގެންދާނެ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.
އަދި ބޯންމެރޯ ޓްރާންސްޕްލާންޓް ކުރުމުގެ ޚިދުމަތަކީވެސް ވަރަށް ޚާއްސަ އިސްކަމެއް ދެއްވާ، ބައްލަވަމުންގެންދަވާ މަސައްކަތެއްކަން ފާހަގަކުރައްވަމުން ވިދާޅުވީ، ފަރުވާގެ ކަންކަން ކާމިޔާބުކަމާއިއެކު ކުރިއަށް ގެންދިއުމަށް އެކި ޤައުމުތަކުން މި ޚިދުމަތް ދެމުންގެންދާގޮތް ހޯދައި ބަލައި ދިރާސާކުރުމަށް ގިނަ މަސައްކަތްތަކެއްކޮށްފައިވާ ކަމަށެވެ. އަދި މިކުރެވުނު މަސައްކަތުގެ އަލީގައި މިފަހަރު ބޯންމެރޯ ހަދަންދާކުދިންގެ ފަރުވާގެ ކަންކަން ކާމިޔާބްކަމާއިއެކު ނިންމަލެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ތެލަސީމިއާ ފަރުވާ ދިނުމުގައި އެންމެ ބޮޑު ކާމިޔާބީ އަކީ ބޯންމެރޯ ޓްރާންސްޕްލާންޓޭޝަން ހެދުން ކަމަށްވާއިރު، މި ފަރުވާ ހޯދުމުގައި ދިގު މުއްދަތަކަށް ޚާއްސަ ސަމާލުކަމެއްދީގެން ކުއްޖާ ބަލަހައްޓަންޖެހެއެވެ.
އެގޮތުން ހޮސްޕިޓަލުންދެއްވާ އިރުޝާދުތަކަށް އެއްބާރުލުންދެއްވާ، ބޯންމެރޯ ޓްރާންޕްލާންޓްކޮށް، ރާއްޖެ އައުމަށްފަހުގައިވެސް ޤާވާއިދުން ހަދަންޖެހޭ ޓެސްޓްތައް ހެދުމަށް މޯލްޑިވިއަން ބްލަޑް ސަރވިސް (އެމް.ބީ.އެސް) ވަނީ އިލްތިމާސްކޮށްފައެވެ.
ތެލަސީމިއާ ބަލީގައި 650 ކުދިން މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ފަރުވާ ހޯދަމުންދެއެވެ.