ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަސް 2026 ފާހަގަކުރަމުންދާއިރު، ދިވެހިރާއްޖޭގެ
ޞިއްޙީ ނިޒާމުގެ މައިބަދައަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރައްވާ
ނަރުހުންނެވެ.
ތަފާސްހިސާބުތަކުގެ ދައްކާގޮތުގައި މުޅި ރާއްޖޭގައި ޖުމްލަ 3,907 ނަރުހުން ދަނީ ޚިދުމަތް
ދެމުންނެވެ. އޭގެތެރޭގައި އަންހެން 3,593 ނަރުހުން އަދި
ފިރިހެން 314 ނަރުހުން މަސައްކަތް ކުރަމުންދެއެވެ. މީގެ ތެރެއިން 64 އިންސައްތަ (2,503) ނަރުހުން އަކީ
ދިވެހިން އަދި 36 އިންސައްތަ (1404) ނަރުހުންނަކީ
ބިދޭސީން ކަން ފާހަގަކޮށްލެވެއެވެ.
މީގޭތެރެއިން 49 އިންސައްތަ (1918) ނަރުހުން އަތޮޅުތެރޭގައި މަސައްކަތް
ކުރަމުންދާއިރު،51 އިންސައްތަ (1989) ނަރުހުން ދަނީ މާލެ އޭރިއާގައި މަސައްކަތް
ކުރަމުންނެވެ.
ނަރުހުންގެ ޚިދުމަތްތައް ފުޅާކުރުމަށް
ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން 2018 ވަނަ އަހަރު ނަރުހުންގެ
އޮނިގަނޑު ވަނީ އެކުލަވާލަވާލާފައެވެ. އަދި އެ އޮނިގަނޑާއެކު
ނަރުހުންގެ ކެރިއަރ ޕާތުވޭއާއި
މުސާރައިގެ އޮނިގަނޑަށް ގެނެވުނު އިޞްލާޙުތަކާއެކު، ކުރިއެރުން ލިބޭނެ މަގުތައް ވަނީ
ތަރުތީބުކުރެވިފައެވެ.
އެގޮތުން މި އޮނިގަނޑާއެކު މިހާރު މިދާއިރާއިން އިތުރަށް ކުރިއެރުމަށް ފުރުޞަތުތައް ވަނީ ހުޅުވިފައެވެ. އެގޮތުން ކާޑިއަކް
ކެއަރ، އަދި
ނިއުރޯ ކެއަރ ފަދަ
ޚާއްޞަ ދާއިރާތަކުން ތަމްރީނުވުމުގެ ފުރުޞަތުތައް ވަނީ ހުޅުވިފައެވެ. އަދި ނަރުހުންގެ ފަންނީ މިންގަނޑުތައް ހިފެހެއްޓުމަށާއި، ލައިސަންސް
ދިނުމުގެ ނިޒާމު ވަނީ އިތުރަށް ހަރުދަނާކުރެވިފައެވެ.
މީގެއިތުރުން ޞިއްޙީ
ދާއިރާގެ ސިޔާސަތުތައް އެކުލަވާލުމުގައާއި އިސް މަޤާމުތަކުގައި ނަރުހުންގެ
ބައިވެރިވުން އިތުރުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
މި
އަހަރުގެ ނަރުހުންގެ ދުވަހުގެ ޝިއާރަކީ، "އަޅުގަނޑުމެންގެ ނަރުހުން،
އަޅުގަނޑުމެންގެ ކުރިމަގު- ބާރުވެރި ނަރުހުން ފުރާނަ ސަލާމަތްކޮށްދޭ" މިއެވެ.
މިޝިއާރުން ވެސް ރަމްޒުކޮށްދެނީ ޞިއްޙީ ނިޒާމު ވަރުގަދަކޮށް ކުރިއެރުވުމަށް
ނަރުހުން އަދާކުރާ މުހިންމު ދައުރެވެ.
ސަރުކާރުގެ
އަމާޒަކީ ނަރުހުންގެ ފަންނަކީ އިޙްތިރާމް ލިބިގެންވާ، ކުރިއެރުމުގެ ފުރުޞަތުތައް ތަނަވަސްވެފައިވާ
ދާއިރާއަކަށް ހެދުމެވެ. ނަރުހުންގެ ކުރިއެރުމަށް ކުރާ ކޮންމެ އިންވެސްޓްމަންޓަކީ މުޅި
ޤައުމުގެ ދުޅަހެޔޮކަމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެކެވެ. ރާއްޖޭގެ
ހުރިހާ ނަރުހުން ކުރައްވާ ބުރަ މަސައްކަތަށާއި، ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ އޯގާތެރި
ޚިދުމަތަށްޓަކައި ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.