"ކޮމްޕެންޑިއަމް އޮފް ހެލްތް ރިސާރޗް އިން މޯލްޑިވްސް 2018-2021“ އާންމުކޮށްފި

12 އޮކްޓޯބަރު 2022
ރާއްޖޭގެ ސިއްޙީ ދާއިރާއާ ގުޅުންހުރި މުހިއްމު ދިރާސާތަކުގެ މައުލޫމާތު ހިމެނޭ ފޮތެއްކަމުގައިވާ "ކޮމްޕެންޑިއަމް އޮފް ހެލްތް ރިސާރޗް އިން މޯލްޑިވްސް 2018-2021" މިއަދު އާއްމުކޮށްފިއެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މި ފޮތް އާއްމުކޮށްދެއްވީ، މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމްއެވެ.
މި ފޮތް ޝާއިރު ކުރުމުގެ މައިގަނޑު މަގުސަދަކީ ފާއިތުވި 4 އަހަރުގެ ތެރޭގައި ރާއްޖޭގައި ކުރެވިފައިވާ ސިއްޙީ ދިރާސާތަކުގެ މައުލޫމާތު ފަސޭހަކަމާއެކު އެއްފޮތަކުން އާންމުންނަށް ފޯރުކޮށްދިނުމެވެ. އަދި ޞިއްޙީ ދިރާސާކުރާ ފަރާތްތަކުގެ މަސައްކަތް ގައުމީ ފެންވަރުގައި ދައްކާލުމުގެ އިތުރުން އެފަރާތްތަކުން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކުރުމެވެ.
މި ފޮތުގައި 30 އަށް ވުރެ ގިނަ ސިއްޙީ ދިރާސާތަކުގެ އެބްސްޓްރެކްޓް ހިމެނެއެވެ. މީގެ ތެރޭގައި،  ބަލިތަކުން ރައްކާތެރިވުމާއި، ބަލިތަކަށް ފަރުވާދިނުމާއި، ސިއްޙީ ޙިދްމަތްތައް ފަދަ މައުޟޫތަކަށް ހެދިފައިވާ ދިރާސާތައް ހިމެނެއެވެ. އަދި ކޮވިޑް-19އާ ގުޅޭގޮތުން ފާއިތުވި 2 އަހަރުގެ ތެރޭގައި ހެދިފައިވާ ދިރާސާތައްވެސް މިފޮތުގައި ހިމަނާފައިވާނެއެވެ.
މިފޮތުގެ ޒަރިއްޔާއިން ސިއްޙީ ދިރާސާކުރާ ފަރާތްތަކަށާއި ދިރާސާކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އިތުރު ހިތްވަރެއް ލިބިގެންދާނެއެވެ. އަދި ކުރިއަށް އޮތްތަނުގައި ރާއްޖެއަށް ބޭނުންތެރި، ފެންވަރު ރަގަޅު ދިރާސާތަކެއް ހެދުމަށް މަގުފަހިވެގެންދާނެއެވެ.