ބިސްމިﷲ
ހިއްރަޙްމާނިއްރަޙީމް
އަލްޙަމްދު
ލިﷲ . ވައްޞަލާތު ވައްސަލާމް ޢަލާ ރަސޫލިﷲ .
ކުޑަވެސް
ޝައްކެއްނެތް . ފުރިހަމަ ޞިއްޙަތެއްގައި ލެހެއްޓެވުމަކީ ހާސް ނިޢުމަތް .
ފުރިހަމަ
ޞިއްޙަތެއްގައި ލެހެއްޓެވުން މާނަ ކުރެވެނީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން
އެމީހަކު ހެޔޮ ޙާލުގައި ވުމަށް .
ދުނިޔޭގެ
ޞިއްހަތު ޖަމްޢިއްޔާއިން، "ޞިއްޙަތު" މާނަ ކޮށްފައިވަނީވެސް ޖިސްމާނީ،
ނަފްސާނީ އަދި އިޖްތިމާޢީ ދުޅަހެޔޮކަން ހިމެނޭގޮތަށް.
ނަފްސާނީ
ސިއްޙަތާއި ނުލާ ސިއްޙަތު ފުރިހަމަވެގެން ނުދާކަން އެއީ މިއަދު ދުނިޔެ ދައްކާފާވާ
ޙަޤީޤަތެއް.
ނަމަވެސް
ވަރަށް ގިނަފަހަރު އަޅުގަނޑުމެންނަށް ސަމާލުކަންދެވެނީ ހަމައެކަނި ޖިސްމާނީ
ޞިއްޙަތަށް. ބޮޑު ރޯގާ އެއްޖެހުމުން ނުވަތަ ހަށިގަނޑުގެ ގުނަވަނަކަށް ބޮޑު ޒަޚަމެއް
ލިބުމުން އެއުފުލަންޖެހޭ ތަދަށް ނުވަތަ އަޅަންޖެހޭ ވޭނަށް.
ނަފްސާނީ ޞިއްޙަތަށް ވަރަށްގިނަ ފަހަރު އިހުމާލުވެވޭ. ނުވަތަ އަޅާނުލެވޭ.
މިކަން މިހެން ވިޔަނުދިނުމަށާ ، ނަފްސާނީ ޞިއްޙަތުގެ މުހިއްމުކަން
މުޅިދުނިޔޭގެ ސަމާލުކަމަށް ގެނަސް އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް
އެޅުމުގެމަށް ބާރުއެޅުމަށްޓަކައި ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރ މަހުގެ 10 ވަނަ
ދުވަސް އެއީ ނަފްސާނީ ސިއްޙަތުގެ ދުވަސްކަމުގައި ޑަބްލިޔު އެޗް އޯ
އިން ވަނީ ކަނޑައަޅާފަ.
މި ދުވަސް ފާހަގަ ކުރުމުގެ މަޤްޞަދަކީ ނަފްސާނީ
ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުން.
ޤައުމީ ފެންވަރުގަ އާއި ދުނިޔޭގެ ފެންވަރުގައި ނަފްސާނީ ޞިއްޙަތަށް ސަމާލުކަން ގެނައުން.
.މުޅި މުޖުތަމަޢު ޝާމިލްވާގޮތަށް ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް
އެއްބާރުލުމާއި ބައިވެރިވުން އިތުރު ކުރުން.
ދުނިޔޭގެ ނިސްބަތުގައި ކޮންމެ 8 މީހަކުން
އެކަކީ ނަފުސާނީ އުނދަގޫ ތަކެއް ތަޙައްމަލުކުރަމުންދާ
މީހެއްކަން ދުނިޔޭގެ
ޞިއްހަތު ޖަމްޢިއްޔާއިން ވަނީ ފާހަގަކޮށްފަ.
2022 ވަނަ އަހަރުގެ ޑަބްލިޔު އެޗް
އޯ ގެ ސްޓެޕް ސާވޭއިން ހާމަވެފައިވާގޮތުން،
ޑިޕްރެޝަންގެ އަލާމަތްތައް ކޮންމެ 5
މީހަކުން އެކަކު ތަހައްމަލުކުރޭ
އަދި ނަފްސާނީ ބައޔެއްގެ ސަބަބުން
އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ ޚިޔާލު ކޮންމެ 20 މީހަކުން އެކަކުގެ ހުންނަކަން ފާހަގަވެފައިވޭ.
ޑިޕްރެޝަނާއި ހާސްކަމުގެ ސަބަބުން
އަހަރަކު 12 ބިލިއަން މަސައްކަތު ދުވަހުގެ ގެއްލުން ލިބޭ.
ނަފްސާނީ ބަލިތަކަށް ކުރިއާލާ ރައްކާތެރި
ނުވެވިއްޖެނަމަ، ފަރުވާ ދިނުމަށް ހުންނަ ގިނަ ގޮންޖެހުންތަކުގެ އިތުރުން ބޮޑު
ހޭދައެއް ކުރަންޖެހޭއިރު،
ނަފުސާނީ ބަލިތަކާ ޙާލަތްތަކުގެ ސަބަބުން،
އެއްގޮތަކަށްވެސް މަސައްކަތް ނުކުރެވުމާއި ޤަވާއިދުން މަސައްކަތުގައި
ޝާމިލުނުވެވުމުގެ ސަބަބުން،
ޢާއިލާތަކަށް ލިބޭ އާމްދަނީއަށާއި އަދި ޤައުމުގެ
އުފެއްދުންތެރިކަމަށް ނޭދެވޭ އެތައް އަސަރު ކުރޭ.
ނަތީޖާއެއްގެގޮތުން ދުނިޔޭގެ އިޤްތިޞާދަށް ކޮންމެ އަހަރަކު ގާތްގަނޑަކަށް
އެއް ޓްރިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ލިބޭ.
މިހެންކަމުން މި އަހަރު ނަފްސާނީ ޞިއްޙަތުގެ ދުވަހުގެ ޝިޢާރުގެ ގޮތުގައި ދުނިޔޭގެ ޞިއްޙަތު
ޖަމްއިއްޔާއިން ކަނޑައަޅާފައިވަނީ" Mental Health at Work ' ނުވަތަ "މަސައްކަތުގެ
ވެށީގައި ނަފްސާނީ ދުޅަހެޔޮކަން" މި
ޝިޢާރު.
މަސައްކަތު
މާހައުލުގައި ނަފްސާނީ ސިއްހަތަށް އިސްކަން ދެވިއްޖެ ނަމަ މުވައްޒަފުންގެ
ދުޅަހެޔޮކަން ރަނގަޅުވެ މުއައްސަސާތަކުގެ އުފެއްދުންތެރިކަން އިތުރުވެގެންދާނެ .
ވީމާ ނަފްސާނީ ޞިއަޙަތާ ގުޅޭ ކަންކަމަށް ހޭދަކޮށް އިންވެސްޓް ކުރުމަކީ ވަރަށް
މުހިއްމު އެހާމެ ބޭނުންތެރި ކަމެއް.
މުވައްޒިފުންނަށް ރައްކާތެރި، އަޅާލާ، އޯގާތެރި މަސައްކަތު މާހައްލެއް ބިނާކުރުމަކީ ނަފްސާނީ ގޮތުން ދުޅަހެޔޮ ސިއްޙަތަކަށް މަގުފަހިކޮށްދީ،
ވަޒީފާގެ މަޤުޞަދުތައް ހާސިލްކުރުމަށް ވަރަށް ބޭނުންތެރި ކަމެއް.
ނަފްސާނީ ބަލީގެ ޙާލަތު ރާއްޖޭގައި ވެސް
އެއްދުވަހުން އަނެއްދުވަހަށް ނުރައްކާތެރިވަމުންދާކަމށް ތަފާސްހިސާބު ތަކުން ދައްކާ.
ނަފްސާނީ ޞިއްޙަތަކީ ހަމައެކަނި ފަރުދީ ޒިންމާއެއް
ނޫންކަމާ ، ވަޒީފާދޭ ފަރާތްތަކުގެ އިތރުރުން މުޅި މުޖްތަމަޢު އެކަމަށް
ހޭލުންތެރިވެ ނަފްސާނީ ބަލިކަމާ ދެކޮޅަށް އެޅެންހުރި ފިޔަވަޅުތައް އެޅުމަކީ ވަރަށް
މުހިއްމު ކަމެއް.
ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ އަމާޒަކީ
ނަފްސާނީ ޞިއްޙަތަށް ފުޅާދާއިރާއެއްގައި އިންވެސްޓްކޮށް ، ނަފްސާނީ ޞިއްޙަތުގެ ރަނގަޅުފަރުވާ
ފަސޭހައިން ލުއިގޮތެއްގައި ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުން.
މިގޮތުން ނަފްސާނީ ދުޅަހެޔޮކަމުގެ ފަރުވާ އަތޮޅު
ތެރެއަށް ފުޅާކުރުން އެއީ މިސަރުކާރުގެ ސިޔާސަތެއް އަދި އަމާޒެއް.
މިސަރުކާރުގެ ހަފްތާ14 ގެ އެޖެންޑާގެ ތެރޭގައި
ނަފްސާނީ ޞިއްޙަތުގެ ހެލޕްލައިން ނަންބަރެއްގެ ގޮތުގައި 1677 ހަމަޖައްސައި އެ
ޚިދުމަތް މިހާރު ކޮންމެ ގަޑިއެއްގައިވެސް ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފަ. މިދެންނެވި
ހެލޕްލައިންގެ ބޭނުން ގިނަބަޔަކު ހިފަމުންދޭ.
އަޅުގަނޑުގެ އިލްތިމާސް އަކީ އަޅުގަނޑުމެން ކޮންމެ
ފަރުދަކީ ، ކޮންމެ މުއައްސަސާއަކީ އެކަކު އަނެކަކުގެ ނަފްސީނީ ޞިއްޙަތަށް އަޅާލާ
އެކަމަށް ހޭލުންތެރިވެފައިވާ ބަޔަކު ކަމުގައިވުމަށް ބާރުއެޅުން .
އަޅުގަނޑުގެ ދުޢާ އަކީ ޞިއްޙީ ކަންކަމަށް
އަޅާލާ އެކަމަށް ހޭލުންތެރި ކުރެވެފައިވާ
މުޖްތަމަޢުއެއް ޤާއިމް ކުރުމަކީ އެނެމެންގެ ޒިންމާއެއް ކަމުގައި ދެކޭ މުޖްތަމަޢުއެއް
ކަމުގައި ދިވެހި މުޖްމަޢު މާތްﷲ ސުބްޙާނަހޫ ވަތަޢާލާ ލެއްވެވުން .
އަޅުގަނޑުމެން އެނމެން ގުޅިގެން މިކުރާ މަސައްކަތުގައި
ބަރަކާތް ލައްވާށި.
ވައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތު.