ޢަހަރެންގެ
ޞިއްޙަތު- އަހަރެންގެ ޙައްޤު
އަލްޙަމްދު
ލިއްﷲ ރައްބިލްޢާލަމީން. ވައްޞަލާތު ވައްސަލާމު ޢަލާ އަޝްރިފިލް އަންބިޔާއި
ވަލްމުރްސަލީން. އައްސަލާމު އަލައިކުމް
ދުނިޔޭގެ
ޞިއްޙަތު ދުވަހުގެ ހެޔޮއެދުންތަކާއި ތަހުނިޔާ އެންމެހާ ދިވެހި ލޮބުވެތި އަޚުންނާއި
އުޚުތުންނަށް އަރިސްކުރަން
ޞިއްޙަތަކީ
އެންމެ އަސާސީ އިންސާނީ ޙައްޤު. އެހެނީ، އިންސާނާ ދުޅަހެޔޮ ގޮތުގައި ދުނިޔެއަށް
އުފަންވުމާ، ހެދި ބޮޑުވުމާ، ދިރިއުޅުމާ އަދި ދިރި ހުރުން އެކަމެއްގެ މައްޗަށް ބިނާވެފައިވާ
އެންމެ މުހިއްމު އެއް ކަމަކީ ފުރިހަމަ ޞިއްޙަތެއްގައި ހުރުން
ދުނިޔޭގެތެރެއަށް
ކަޅި ހިންގާލާއިރު، އަޅުގަނޑުމެންނަށް ފެނިގެންދަނީ، އެކިއެކި ހަނގުރާމަތަކާ،
ބައެއް ޤައުމުތަކާ ގުރޫޕްތަކުން ހިންގާ ޖަރީމާތަކުގެ ސަބަބުން، ކުށެއްނެތް
އެތަކެއް ބައެއްގެ ޞިއްޙަތާ ފުރާނައަށް ނުރައްކާ ވަމުންދާތަން. އިންސާނުންގެ
ނޭދެވޭ ޢަމަލުތަކުގެ ސަބަބުން ދުނިޔޭގެ ތިމާވެއްޓަށް ވަމުންދާ ގެއްލުމާ މޫސިމީ
ބަދަލުތަކުގެ ސަބުން އިންސާނުންގެ ޞިއްޙަތަށް ކުރިމަތިވަމުންދާ ނުރައްކަލާ،
މިކަންކަމުގެ ސަބަބުބް ޞިއްޙަތު ރައްކާތެރިކުރުމަށް، ވަކިން ޚާއްޞަކޮށް
އަޅުގަނޑުމެންފަދަ ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުން.
އިންސާނެއްގެ
ޞިއްޙަތަށް ނުރައްކާވާ ކޮންމެ ޙާލަތަކީ، އޭނާގެ އިންސާނީ ޙައްޤަކަށް އުނިކަން ލިބޭ
ޙާލަތެއް-އަދި އިންސާނީ ޙައްޤަކަށް އުނިކަމެއްލިބޭ ކޮންމެ ޙާލަތެއްގައި އިންސާނާގެ
ޖިސްމާނީ އަދި ނަފުސާނީ ޞިއްޙަތަށް ނޭދެވޭ އަސަރު ކުރޭ. ސަލާމަތް
ޞިއްޙަތެއްގައި ހުރުމުގެ ޙައްޤު، ބައިނަލްއަޤްވާމީ އެއްބަސްވުންތަކުން ކަށަވަރު
ކޮށްދީފައިވީނަމަވެސް، ޔަހޫދީ އިޒްރާއީލުގެ ލާއިންސާނީ ޢަމަލުތަކުގެ ސަބަބުން،
ކުށެއްނެތް ފަލަސްތީނުގެ ރައްޔިތުންގެ ޞިއްޙަތާ ފުރާނަ އިހާނެތި ގޮތުގައި
ނިގުޅައިގަނެފައިވާކަނހަނދާންކޮށް އެ ހިތާމާގައި އަޅުގަނޑުމެން ބައިވެރިވާކަން މި
މުނާސަބަތުގައި ފާހަގަކޮށްލަން.
"އަހަރެންގެ
ޞިއްޙަތު-އަހަރެންގެ ޙައްޤު" މި ޝިޢާރުގެ ދަށުން މިއަހަރުގެ ދުނިޔޭގެ
ޞިއްހަތު ދުވަސް ފާހަގަ ކުރަމުންދާއިރު މި ޝިއާރާއިމެދު، އާދެ، ޞިއްޙަތަކީ
ޙައްޤެއްގެ ގޮތުގައި، އެ ނަޒަރިއްޔާތުން، ވަރަށް ފުންކޮށް އަދި ފުޅާކޮށް
ވިސްނާލަން އެބަޖެހޭ
ޞިއްޙަތު
އެއީ ޙައްޤެއްގެ ގޮތުގައި ކަށަވަރުކުރުމާއި ދެމެހެއްޓުމާއި އަދި މި ޙައްޤަށް
އުނިކަމެއް ލިބިދާނެ ހުރިހާ ޙާލަތެއްގައިމެ ޞިއްޙަތު ރައްކާތެރިކުރުމަށް
އިސްކަންދިނުމުގެ ވިސްނުމާއި ފިކުރު އަޅުގަނޑުމެންގެތެރޭގައި އަށަގަނެ، އަމިއްލަ
ދިރިއުޅުމާއި ޢާއިލާއާއި ޖަމާޢަތުގެ ފެންވަރުގައި ކަންކަން އިންތިޒާމުކުރެވޭއިރު
އަދި ވަކިން ޚާއްޞަކޮށް ޤައުމުގެ ޞިއްޙީ އިޖްތިމާޢީ އަދި އިޤްތިޞާދީ ސިޔާސަތުތައް
ބައްޓަންކުރެވިގެންދާއިރު، ޞިއްޙަތު އެއީ އަސާސީ ޙައްޤެއްކަމަށް ރިޢާޔަތްކޮށްގެން
ކަންކަން އިންތިޒާމުކޮށް ތަރުތީބުކުރުމަކީ ވަރަށް މުހިއްމު ކަމެއް.
ވަރަށް
ގިނަ ފަހަރަށް ހީވެފައި އޮންނަނީ ޞިއްޙަތަކީ ނުވަތަ ޞިއްހަތުގެ ޙައްޤަކީ،
ހަސްފަތާލުތަކާ ޞިއްޙީ މަރުކަޒުތަކުން ލިބެން ހުންނަ ޞިއްޙީ ފަރުވާއާއި
ޚިދުމަތްތައްކަމުގައި. ދުޅަހެޔޮ ޞިއްޙަތެއް ލިބުމަށް ނުވަތަ ދުޅަހެޔޮ ޞިއްޙަތަށް
އުނިކަމެއް ލިބުމަށް މަގުފަހިވާ ކަންކަމާ އަދި ޞިއްޙަތު ޙައްޤެއްގެ ގޮތުގައި
ކަށަވަރު ކުރުމުގައި އެކިފަރާތްތަކުން އަދާކުރަންޖެހޭ ދައުރަކީ ކޮބައިކަމާމެދު
ގިނަފަހަރަށް ވިސްނާނުލެވޭ.
އޭޕްރިލް
7، ދުނިޔޭގެ ޞިއްޙަތު ދުވަހުގައި، އަހަރެންގެ ޞިއްޙަތަކީ އަހަރެންގެ ޙައްޤެއް ކަމުގައި
ޞުއޫރު ފާޅުކުރަމުންދާއިރު، މިއީ މިދެންނެވި ކަންކަމާމެދު ވާހަކަދެއްކުމަށް
ވަރަށްވެސް މުނާސަބު ދުވަހެއް.
މައިންނާއި
ޅަދަރިންގެ ޞިއްޙަތާ ގުޅުންހުރިކަންކަން،ހެދިބޮޑުވުމާ ދުޅަހެޔޮކަމަށް ބޭނުންވާ
މިންހެޔޮ ރަނގަޅު ކާނާ، ސާފު ބޯފެނާ
ބޯހިޔާވެހި ކަން، ގޯތިގެދޮރާ ޒާތީ ދިރިއުޅުމުގެ ސާފުތާހިރުކަން، ދިރިއުޅުމާއި
މަސައްކަތުގެ، އުނގެނުމާ ތަރުބިއްޔަތުގެ،
ކުޅިވަރާ މުނިފޫހިފިލުވުމުގެ މާޙައުލުތަކުގެ އަދި މަގުމަތީގެ ސާފުތާހިރުކަމާ
ރައްކާތެރިކަން، ތަޢުލީމާ ތަމުރީނާ ޞައްޙަ މަޢުލޫމާތު، ފަރުދުންގެ މެދުގައި އޮންނަ
ގުޅުންތަކާ އިޖްތިމާޢީ ފޭރާން، އިޖްތިމާޢީ އަދި އިޤްތިޞާދީ ޙަރަކާތްތައް-
މިކަންކަމަކީ،
ޞިއްޙީ ޚިދުމަތްދޭ މަރުކަޒުގެ އަދި ބައެއްފަހަރަށް ޞިއްޙީ ދާއިރާގެ ބޭރުގައި ހުރި،
އެހެނަސް އަހަރެމެންގެ ޖިސްމާނީ އަދި ނަފުސާނީ ޞިއްޙަތާ ސީދާ ގުޅުންހުރި ކަންކަން.
މިއިން ކޮންމެ ކަމަމަކީ އެކަމެއް ހިނގާ ނުހިނގާ ގޮތެއްގެ ސަބަބުން ޞިއްޙަތަށް
އެދެވޭ ނުވަތަ ނޭދެވޭ އަސަރު ކުރާނޭ ކަންކަން. އެހެންކަމުން، ޞިއްޙަތުގެ ޙައްޤު
ކަށަވަރުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ހިމާޔަށް ކުރުމަށްޓަކައި، މިކަންކަންވެސް
ޞިއްޙަތަށް މަގުފަހިވާގޮތަށް އިންތިޒާމުކުރަން އެބަޖެހޭ
މި
މޭރުމުން ވާހަކަ ދައްކާއިރު، އަޅުގަނޑުމެން ދައްކަންޖެހޭ އަނެއް ވާހައަކީ، އަދި
ހަނދާންކޮށްލަންޖެހޭ ކަމަކީ ކޮންމެ ޙައްޤަކާއެކު ޒިންމާއެއް ވާކަން. ތިމާގެ
އަމިއްލަ ދިރިއުޅުމާ އާއިލީ ދިރިއުޅުމުގައި ޞިއްޙަތަށް ސަމާލުކަންދިނުމާ،
ކެއިންބުއިމާ، އުޅުންތަކާ ގުޅުންތަކުގެ ތެރެއިން ޞިއްޙަތުގެ ޙައްޤު ކަށަވަރު
ކުރުމަށް އަދި ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރުމަށް، ފަރުދީ ފެންވަރުގައި
ކުރެވިދާނެ އަދި ކުރަންޖެހޭ ކަންކަމަކީ ކޮބައިކަން ދެނެގަނެ އެގޮތަށް
އަޅުގަނޑުމެންގެ ޢަމަލުތައް ބަހައްޓަން އެބަޖެހޭ
ޞިއްޙީ
ގޮތުން ރަނގަޅު މަޢުލޫމާތު ހޯދާ، ދުޅަހެޔޮ އާދަތަކަށް ތިމާއާއި ޢާއިލާ
އަހުލުވެރިވުމާ، ބަލިތަކުން ދުރާލާ ރައްކާތެރިވުމަށް ލިބެންހުރި ވެކްސިންއާއި ބޭސް
ބޭނުން ކުރުމާ، ބައްޔެއް ހުރިތޯ ދުރާލާ ދެނެގަތުމަށް ޤަވާޢިދުން ޓެސްޓްތައް
ހެދުމާ، ބަލިވެއްޖެ ޙާލަތެއްގައި ބޭސްފަރުވާ ކުރުމަށް ސަމާލުވެ މިގޮތަށް ޢަމަލު
ކުރުމަކީ، ޞިއްޙަތުގެ ޙައްޤު ކަށަވަރު ކުރުމަށް ފަރުދީ ފެންވަރުގައި
އަދާކުރެވިދާނެ ބައެއް ޒިންމާތައް.
ޞިއްޙަތުގެ
ޙައްޤު ކަށަވަރުކުރުމަށް ކުރެވިދާނެ އެންމެ އަސާސީ ކަންކަން ވަނީ ފަރުދީ
ޒިންމާތަކުގެ ތެރެއިން ކަމުގައިވިއަސް، މި ޙައްޤު ކަށަރުކޮށް ހިމާޔަތް ކުރުމުގެ
އެންމެ ބޮޑު ޒިންމާ އަދާ ކުރަންޖެހެނީ ދައުލަތުން. ދައުލަތުގެ އެކިއެކި
މުއައްސަސާތަކުން، އަދި ވަކިން ޚާއްޞަކޮށް ޞިއްޙަތާބެހޭ ވުޒާރާއިން، ޞިއްޙީ
ޚިދުމަތުގެ ނިޒާމުގެ ތެރެއިން
އާދެ! ދިވެހި
ކޮންމެ ފަރުދަކަށްމެ، އެމީހާ ދިރިއުޅޭތަނެއްގައި އެއްވެސް ތަފާތު ކުރުމެއްނެތި
ހަމަހަމަ ކާމާއެކު، އެކަށީގެންވާ އަދި ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާއާއި ޞިއްޙީ
ޚިދުމަތްތަކާ ޞިއްޙީ ރައްކާތެރިކަން، މާލީ އަދި ޖިސްމާނީ ގޮންޖެހުންތަކަކާ ނުލައި
ލިބޭކަން ކަށަވަރު ކުރުމަކީ ދައުލަތުގެ ޒިންމާއެއް.
އިންސާނީ
ޙައްޤުތަކާބެހޭ ބައިނަލް އަޤްވާމީ ޤަރާރު ގެ އިތުރުން ރާއްޖެބައިވެރިވެފައިވާ،
އިންސާނީ ޙައްޤުތަކާބެހޭ ތަފާތު މުއާހަދާތަކާއި ރާއްޖޭގެ ޤާނޫނު އަސާސީގައިވެސް،
ވަނީ ޞިއްޙަތަކީ ޙައްޤެއްގެ ގޮތުގައި ކަނޑައަޅާފައި.
ވީމާ، ޤާނޫނާ
ޤަވާޢިދުގެ ތެރެއިން، ސަރުކާރުގެ ސިޔާސަތުގެ ތެރެއިން، ދައުލަތުގެ އެކއެކި
މުއައްސަސާތަގެ މޭނޑޭޓާއި މަސައްކަތުގެ ޕްލޭންތަކާ ތަންފީޒީ ނިޒާމުތަކުގެތެރެއިން،
މި ޙައްޤު ކަށަވަރުކޮށް ހިމާޔަތް ކުރުމަކީ، މުޅި ދައުލަތުގެ ޒިންމާއެއް. މި ޒިންމާ
އަދާކުރުމުގެ އެންމެ އިސް ސަފުގައި މަސައްކަތްކުރަންޖެހޭ ސަރުކާރުގެ އިދާރާއަކީ
ޝައްކެއްވެސް ނެތްގޮތުގައި، ޞިއްޙަތާބެހޭ ވުޒާރާ.
ޞިއްޙަތުގެ
ޙައްޤު ކަށަވަރު ކުރުމަށް ޞިއްޙީ ދާއިރާގެ ޒިންމާގެ ތެރެއިން، ޞިއްޙީ ދާއިރާގެ
ސިޔާސަތުގެ ތެރެއިން އަދި ޞިއްޙީ ޚިދުމަތުގެ ނިޒާމުގެ ތެރެއިން އިންތިޒާމުކޮށް
ފުރިހަމަ ކުރަންޖެހޭ ވަރަށްގިނަކަންކަންވޭ. އޭގެ އެންމެ އަސާސީ ކަންކަމުގެ
ތެރޭގައި، ޞިއްޙީ ކަންކަމާބެހޭ އާއްމު މަޢުލޫމާތު ފޯރުކޮށްދިނުމާ، ބަލިވެގެން ދޭ
ފަރުވާއާއި ނުވަތަ ބައްޔެއްހުރިތޯ ދުރާލާ ބެލުމަށް ކުރެވޭ ދިރާސާތަކާ
ތަޙުލީލުތަކުގެ ފުރިހަމަ މަޢުލޫމާތު ޚިދުމަތްހޯދާ ފަރާތްތަކަށް ފޯރުކޮށްދިނުމާ،
އެމީހަކަށް ދެވޭ ފަރުވާއަކީ އޭނާގެ ޙަލަތަށް ރިޢާޔަތްކުރެވިގެން އޭނާގެ ރުހުމުގައި
ދެވޭ ފަރުވާއަށްވުމާ، އޭނާގެ ބަލިޙާލަތާ އަދި ޒާތީ ޞިއްޙީ މަޢުލޫމާތު
ރައްކާތެރިކަމާއެކު ބެލެހެއްޓުމާ، އެ މަޢުލޫމާތުތައް އޭނާއަށް
އޮޅުންފިލުވައިދިނުމާ، ޚިދުމަތްތައް ފަސޭހައިން ރައްކާތެރިކަމާއެކު އަދި އޭނާއަށް
އެންމެ އެކަށީގެންވާ ގޮތަށް ފޯރުކޮށްދިނުމާ، ޚިދުމަތް ދިނުމުގައި، އެއްވެސް
ތަފާތުކުރުމެއްނެތި، އޭނާގެ ކަރާމަތަށާ އިންސާނީ ޙައްޤަކަށް އުނިކަން ނާންނަގޮތަށް
އިޙުތިރާމާ އިތުބާރާއެކު ފޯރުކޮށްދިނުން ހިމެނޭ.
އެނގިވަޑައިގަންނަވާނޭ
ފަދައިން ވޭތުވެދިޔަ އަހަރުތަކުގައި، ޞިއްޙީ ދާއިރާއިންވަނީ، ރައްޔިތުންނަށް
ޞިއްޙީ ޚިދުމަތް ކަށަވަރު ކުރުމުގެ ގޮތުން ގިނަގުނަ އަދި ބުރަ
މަސައްކަތްތަކެއްކޮށް ތަފާތު ކުރިއެރުން ހޯދާފަ. ޞިއްޙީ ޚިދުމަތުގެ ނިޒާމަށް
އެދެވޭ ބަދަލުތަކެއްވަނީ އައިސްފައި. ނަމަވެސް ވަށާޖެހޭ އަދި ދެމެހެއްޓެނިވި
ގޮތެއްގައި، ޞިއްޙަތުގެ ޙައްޤު ރައްޔިތުންނަށް އެންމެ ފުރިހަމައަށް ކަށަވަރު ކުރުމަށް
ކޮންމެހެން މުހިއްމު ވަރަށްގިނަ ކަންކަންވަނީ ނުކުރެވި ނުވަތަ އެކަންކަމަށް ދޭންވާ
ސަމާލުކަންވަނީ ނުދެވި.
އަދުގެ
ސަރުކާރު، ވެރިކަމާ ޙަވާލުވުމަށްފަހު، ރައީސުލް ޖުމްހޫރިއްޔާގެ މޭސްތިރި ކަމުގެ
ދަށުން އަދި އެމަނިކުފާނުގެ ދުރުރާސްތާގެ ސިޔާސަތުގެ ދަށުން، ޞިއްޙީ ދާއިރާއަށް
ހެޔޮ ބަދަލުތަކެއްގެންނަން މިހާރު މިވަނީ ފަށާފައި. ކުރިން، ތަކުރާރުކޮށް
އިޙުމާލުވެފައިވާ ކަންކަމާ، ކުރީގެ ބައެއް ދޯހޮޅި ސިޔާސަތުތައް މުރާޖަޢާކޮށް ހެޔޮ
މިސްރާބަށް ކަންކަން ހަލުވި ދުވެލީގައި ބަދަލުކުރަމުން. އެ ހެޔޮ މިސްރާބަކީ
ޞިއްޙަތުގެ ޙައްޤު ރައްޔިތުންނަށް ކަށަވަރުކުރުމަށް ކަންކަން ކުރިއަށް
ގެންދަންޖެހޭ މިސްރާބު.
މިގޮތުން،
ރައްޔިތުންގެ ބައިވެރިވުމާއެކު ރައްޔިތުންނާ ގާތުން ރައްޔިތުންގެ ޙަލަތަށް
ރިޢާޔަތް ކޮށްގެން ޚިދުމަތް ދިނުމަށްޓަކައި، ރާއްޖޭގެ 10 އަތޮޅެއްގައި މިއަހަރު
އަދި 2 އަހަރު ދުވަހު ތެރޭގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ޕްރައިމަރީ ހެލްތު
ކެއަރ ގެ އުޞޫލަށް ޚިދުމަތްތައް ބައްޓަންކުރުމާ، ދުރާލާ ބަލިން ރައްކާތެރިވުމަށް
"ޕްރިވެންޓިވް ހެލްތު ކެއަރ "ޕްރޮގްރާމެއް ފެށުމާ، މެޑިކަލް ޗެކަޕް
ތަޢާރފު ކުރުމާ، އާސަންދައިގެ ނިޒާމަށް ގެނެވިފައިވާ ހެޔޮ ބަދަލު ހިމެނޭ. މީގެ
އިތުރުން، އިމަރޖެންސީ ސިއްޙީ ޚިދުމަތަށް ޚާއްސަ މުއައްސަސާއެއް އުފައްދާ، ކުއްލި
ޙާލަތުގައި ބަލިމީހުންނަށް އަވަހަށް ފަރުވާ ޔަޤީން ކުރުމަށް އެއަރ އެމްބިއުލަންސް
ގެ ޚިދުމަތް ތައާރަފުކުރުމާ، ބިދޭސީ މަސައްކަތްތެރިންގެ ޞިއްޙީ ކަންކަން
ފާރަވވެރިކަމާ އަދި އިތުބާރުހުރިގޮތެއްގައި ބަލަހައްޓަން ފެށުމާ، އައު
ޚިދުމަތްތައް ތަޢާރަފު ކުރުން ހިމެނޭ
އާދެ!
އަހަރެންގެ ޞިއްޙަތު- އަހަރެންގެ ޙައްޤު ފުރިހަމަ މާނާގައި އަދި
ދެމެހެއްޓެނިވިގޮތެއްގައި ކަށަރުކުރެވޭނޭހެން ޞިއްޙީ ދާއިރާގެ ޚިދުމަތްތައް މިހާރު
މިވަނީ ޤާއިމުކުރެވި، އިންޤިލާބީ ހެޔޮ ބަދަލުތަކާ އެކު އޭގެ ފުރިހަމަ މަންފާ
ރައްޔިތުންގެ ޞިއްޙީ ދުޅަހެޔޮކަމަށް އަންނާނޭހެން ކަންކަން އިންތިޒާމު ކުރެވިފައި.
މި ހެޔޮ
ބަދަލުތަކާއެކު، އަޅުގަނޑު ދިވެހި ލޮބުވެތި ރައްޔިތުންނަށް ދޭން ބޭނުންވާ ޔަޤީން
ކަމަކީ، ތިޔަބޭފުޅުންގެ ޞިއްޙަތާ ދުޅަހެޔޮކަން ކަށަރުކުރުމަށް ސަރުކާރުން
ކުރަމުންދާ މަސައްކަތަށް ދުވަހެއް ދުވަހަކަށްވުރެ ފުރިހަމަ ކުރިމުގައި
އަޅުގަނޑުމެން ދެމިތިބޭނަމޭ.
އަޅުގަނޑު
ދޭން ބޭނުންވާ އެންމެ މުހިއްމު މެސެޖަކީ، ޞިއްޙަތުގެ ޙައްޤު ކަށަރުކޮށް ދުޅަހެޔޮ
ކަމުގައި ތިބުމަށް ފަރުދީ ފެންވަރުގައި އަދާކުރަންޖެހޭ ޒިންމާ އަދާކޮށް ސަރުކާރުން
ކުރާ މަސައްކަތުގައި ބައިވެރިވެ، ދުޅަހެޔޮ ރައްޔިތެއް ބިނާކުރުމަށް އެންމެން
އެކުގައި މަސައްކަތް ކުރަން ހިނގާށޭ
އަޅުގަނޑުގެ
ދުޢާއަކީ، ދިވެހި ރާއްޖެއާ ދިވެހި ރައްޔިތުންނަށް އަދަށްވުރެ ފަހި މާދަމާއެއް
މިންވަރުކުރައްވާ، ޞިއްޙީ ދުޅެހެޔޮކަމުގައި އަބަދުމެ މިންވަރު ކުރެއްވުން
ދުނިޔޭގެ
ޞިއްޙަތު ދުވަހުގެ ހެޔޮ އެދުންތައް އަދިވެސް އެއްފަހަރު ތިޔަ އެންމެހާ
ބޭފުޅުންނަށް އަރިސް ކުރަން. ވައްސަލާމު އަލައިކުން