ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއި ދުނިޔޭގެ ޞިއްޙަތު
ޖަމިއްޔާ އާއި ޔުނިސެފް އަދި އޭ.ޑީ.ބީ. ގުޅިގެން ކުރިއަށްގެންދިޔަ "ވޯޓަރ އެންޑް
ސެނިޓޭޝަން ފެސިލިޓީ އިމްޕްރޫވްމަންޓް (ވޮޝް-ފިޓް) ޓޫލް ޓްރެއިނިންގ އޮފް
ޓްރެއިނަރސް (ޓީ.އޯ.ޓީ)" 5 ދުވަހުގެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު 26
ނޮވެމްބަރު 2026 ގައި ބާއްވާފިއެވެ.
މި ތަމްރީނު ޕްރޮގްރާމްގެ ގެ މަގުސަދަކީ ޞިއްޙީ
ޚިދުމަތްދޭ ތަންތަނުގެފެނާއި ނަރުދަމާ ނިޒާމު، ކުނި މެނޭޖް ކުރުން، މާހައުލުގެ
ސާފުތާހިރުކަން އިތުރަށް ހަރުދަނާ ކުރުމަށް "ވޮޝްފިޓް ޓޫލް ބޭނުންކޮށްގެން
މިހާރުގެ ހާލަތު ދެނެގަތުމާއި ގައުމީ ފެންވަރުގައި ގާބިލުކަން އިތުރުކުރުމާއި
އިންފެކްޝަން ކޮންޓްރޯލް ކުރުމާއި 2030 ގެ ލަނޑުދަޑިއަށް ހާސިލްވުމަށް މަސައްކަތް
ކުރުމެވެ. ތަމްރީނު ޕްރޮގްރާމްގައި އަތޮޅުތެރެއާއި މާލޭގެ ހޮސްޕިޓަލްތަކުން ޞިއްޙީ
ޚިދުމަތްތެރިންނާއި ޕަބްލިކް ހެލްތުގެ ބޭފުޅުންނާއި، މިނިސްޓްރީ އޮފް ހެލްތު
ފެމިލީ އެންޑް ވެލްފެއަރ އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ބައިވެރިވިއެވެ.
މި ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި
ޗީފް ގެސްޓެއްގެ ގޮތުގައި މިނިސްޓަރ އޮފް ހެލްތު ފެމިލީ އެންޑް ވެލްފެއަރ
އަލްފާޟިލާ ގީލާ ޢަލީ އާއި ، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ދިވެހިރާއްޖެއަށް
ކަނޑައަޅުއްވާފައިވާ މަންދޫބު މިސް ޕޭޑެން، ޔުނިސެފްގެ އިސްވެރިން މިނިސްޓްރީ އޮފް
ހެލްތު ފެމިލީ އެންޑް ވެލްފެއަރގެ އިސް ބޭފުޅުންނާއި، ބައިވެރިވެ ވަޑައިގެންނެވިއެވެ.
ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި
ވާހަކަފުޅުގައި ބަލިމީހުންނާއި ހޮސްޕޓަލަސް ޒިޔާރަތް ކުރާ ފަރާތްތަކާއި ޞިއްޙީ
ހިދުމަތްތެރިން އަދި މުޅި މުޖުތަމައުގެ ރައްކާތެރިކަމަށްޓަކައި އަދި ޞިއްޙީ
ހިދުމަތްދޭ ތަންތަނުގެ ސާފުތާހިރުކަމާއި ފެނާއި ނަރުދަމާގެ ނިޒާމު
ހަރުދަނާކުރުމަކީ، ހިދުމަތުގެ ފެންވަރު މަތިކުރުމަށާއި، ބަލިތައް ފެތުރުން
ހުއްޓުވުމަށާއި، ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން،
ވިލުންވެރި ސިއްހީ ނިޒާމެއް ބިނާކުރުމަށް ކޮންމެހެން ބޭނުންތެރި އަސާސީ ކަމެއްކަން
އެބޭފުޅާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެއިތުރުން، މުޅި ޕްރޮގްރާމްގައި
ބައިވެރިން ދެއްކެވި ޝައުގުވެރިކަމާއި އަމަލީ ބައިވެރިވުން މި ރަސްމިއްޔާތުގައި
ފާހަގަކޮށްފައިވެއެވެ.
މި ތަމްރީނު ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ ޞިއްޙީ
ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ނިޒާމުގެ ވިލުންވެރިކަން އިތުރުކުރުމަށް
ގައުމީ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތަކުގެ މުހިންމު ބައެކެވެ. ގައުމީ
ފެންވަރުގެ ތަމްރީނުވެރިންތަކެއް އުފެދިގެން
ދިއުމާއެކު، ރާއްޖޭގެ ޞިއްޙީ ހިދުމަތްދޭ
ތަންތަނުގައި 'ވޮޝް-ފިޓް' ފުޅާދާއިރާއެއްގައި ތަންފީޒުކުރުމަށް މަގުފަހިވެ، ފެނާއި
ނަރުދަމާ، ސާފުތާހިރުކަން، އިންފެކްޝަން ކޮންޓްރޯލްކުރުން އަދި ކުނި
މެނޭޖްކުރުމުގެ ދާއިރާއިން ދެމެހެއްޓެނިވި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް
އުންމީދު ކުރެވެއެވެ.