ތިން ރަށެއްގައި އައު ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ފެށުމަށް އެމްޓީސީއާއި
މިއަދު ޙަވާލުކޮށްފި އެވެ.
އެ ތިން ރަށަކީ ރ އަލިފުށި ، ނ މަނަދޫ އަދި މ.މުލީ އެވެ. މ.މުލީ އަދި ނ
މަނަދޫގައި އެޅުމަށް ހަމަޖެހިފައިވަނީ 50 އެނދުގެ ހޮސްޕިޓަލެކެވެ. އެއީ 185
މިލިއަން ރުފިޔާ އަށް ދެ އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް
ނިންމާގޮތަށެވެ. ރ އަލިފުށީގައި އެޅުމަށް
ހަމަޖެހިފައިވަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ. އެއީ 128 މިލިއަން ރުފިޔާއަށް 730
ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ.
މި 3 ރަށުގައި އައު ހޮސްޕިޓަލް ޢިމާރާތްތައް
ޤާއިމްކޮށް ޚިދުމަތްދޭން ފެށުމާއެކު، މިހާރު މި ރަށްރަށުގެ ޚިދުމަތްދޭ މަރުކަޒުތަކުގެ
ޖާގައިގެ ދަތިކަން ހައްލުވެ، އެތަންތަން ގިންތިކޮށްފައިވާ މިންވަރަށް ތަނުން ފޯރުކޮށްދޭންޖެހޭ
އެންމެހާ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެވިގެންދާނެއެވެ. އަދި ރަށުންނާއި
ރަށާއި ކައިރި އާބާދީތަކުގެ ރައްޔިތުންނަށްވެސް ޚިދުމަތް ލިބިގަތުމުގައި އެތަކެއް
ލުއި ފަސޭހަތަކެއް ވެގެންދާނެއެވެ.
މި ހޮސްޕިޓަލް ތަކަކީ ކޮވިޑް ފަދަ
ބަލިތަށް ފެތުރޭ ޙާލަތް ތަކުގައި ހޮސްޕިޓަލުގެ އޮޕްރޭޝަން ނުހުއްޓި ކުރިޔަށް ގެންދެވޭ
ގޮތަށް ފްލޫ ކްލިނިކާއި، އައިސޮލޭޝަން ފެސިލިޓީ ހިމެނިގެން ހެދޭ ހޮސްޕިޓަލްތަކެކެވެ. މީގެ އިތުރުން ހޮސްޕިޓަލުގެ ބޭނުންކުރާ ހަކަތައަށް ކުރާ
ޚަރަދު ކުޑަ ކުރުމުގެ ގޮތުން މި ޕްރޮޖެކްޓުގެ ދަށުން ކޮންމެ ހޮސްޕިޓަލެއްގައި
ސޯލަރ ޕީވީ ސިސްޓަމް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. ހޮސްޕިޓަލުގެ ހުރިހާ އެނދަކަށް ޕައިޕްޑް އޮކްސިޖަން، މެޑިކަލް އެއަރ އަދި ސަކްޝަން
އެޅިފައިވާނެއެވެ.
މިއީ ސަރުކާރުން އަތޮޅުތަކުގައި
ދެވޭ ޞިއްޚީ ޚިދުމަތް ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން އަޅާ ހޮސްޕިޓަލްތަކެވެ.