ތެލެސީމިއާއަށް ސްކްރީން ކުރަން ފެށި ހަރާކާތުގައި މިހާތަނަށް ދެ ހާހަށްވުރެ ގިނަ ދަރިވަރުން ސްކްރީން ކޮށްފި އައު

27 ޖޫން 2024
ތެލަސީމިއާއަށް ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕޭންގެ ދަށުން ސްކޫލްތަކުގެ ދަރިވަރުން ތެލެސީމިއާ ސްކްރީން ކުރަން ފެށި ޕްރޮގްރާމްގައި މިހާތަނަށް 2 އަތޮޅެއްގައާއި 16 ސުކޫލެއްގައި ތެލެސީމިއާއަށް ސްކްރީން ކުރުމުގެ ހަރަކާތް ކުރިއަށް ގެންގޮސްފިއެވެ.
ތެލަސީމިއާއަށް ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕޭންގެ ދަށުން ސްކޫލްތަކުގެ ދަރިވަރުން ތެލެސީމިއާ ސްކްރީން ކުރަން ފަށާފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހު އެވެ. މިއީ ތެލެސީމިއާ ހުންނަ ކުދިން އުފަންވާ ނިސްބަތް ދަށްކުރުމަށް ކުރިއަށް ގެންދާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމެކެވެ.
ދަރިވަރުން ސްކްރީން ކުރަން ފެށި ޕްރޮގްރާމްގައި މާލޭގެ ހުރިހާ ސްކޫލެއް ހިމެނެއެވެ. އަތޮޅު ތެރޭގައި ކުރިއަށް ގެންދިޔަ ސްކްރީނިންގ ޕްރޮގްރާމްގައި ހދ އަތޮޅާއި ދ އަތޮޅުގައި މިހަރަކާތް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ތެލަސީމިއާއަށް ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕޭންގެ ދަށުން ސްކޫލްތަކުގެ ދަރިވަރުން ތެލެސީމިއާ ސްކްރީން ކުރަން ފެށި ޕްރޮގްރާމްގައި މާލެގެ ސްކޫލްތަކުން މިހާތަނަށް ދެ ހާހަށްވުރެ ގިނަ ދަރިވަރުން ވަނީ ތެލެސީމިއާއަށް ސްކްރީން ކޮށްފައެވެ.
ހދ އަތޮޅުގައި ދަރިވަރުން ތެލެސީމިއާ އަށް ސްކްރީން ކުރުމާއި ބެލެނިވެރިންނާއި ދަރިވަރުންނަށް ތެލެސީމިއާ އަށް ހޭލުންތެރި ކުރުމަށް މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ ހދ.ކުރިނބީ، ކުމުންދޫ ނޮޅިވަރަމް، މަކުނުދޫ، ނެއްލައިދޫ، ހިރިލަންދޫ، އަދި ފިނޭ ގައެވެ.
މިދިޔަ މަހު 25 ގައި އަތޮޅުތެރޭގައި ދަރިވަރުން ތެލެސީމިއާއަށް ސްކްރީން ކުރަން ފަށާފައިވާއިރު މިހާތަނަށް ހދ އަތޮޅުން 76 ދަރިވަރުން ވަނީ ތެލެސީމިއާ އަށް ސްކްރީން ކޮށްފަ އެވެ. އަދި ދ.އަތޮޅުގައި މިހާރުވެސް އަންނަނީ މިޕްރޮގްރާމް ހިންގަމުންނެވެ.
މީގެ އިތުރުން ދައުލަތުގެ އިދާރާތަކުގައިވެސް ތެލެސީމިއާއަށް ހޭލުންތެރިކުރުމާ ތެލެސީމިއާއަށް ސްކްރީން ކުރުމުގެ ޕްރޮގްރާމް ވަނީ ފަށާފަ އެވެ. އެގޮތުން މިހާތަނަށް 4 ވުޒާރާއެއްގައި ސްރީނިންގ ހަރަކާތްވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ތެލެސީމިއާއަށް ހޭލުންތެރިކޮށް ސްކްރީންކުރަން ފެށި ހަރަކާތަކީ ތެލަސީމިއާއަށް ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕޭންގެ ދަށުން ތެލެސީމިއާ ހުންނަ ކުދިން އުފަންވާ ނިސްބަތް ދަށްކުރުމަށް ކުރިއަށް ގެންދާ ހަރަކާތެކެވެ.
ތެލެސީމިއާ ކުދިންނާއި އެކުދިންގެ އާއިލާތަކުގެ ތަކުލީފުތައް ކުޑަކޮށްދެއްވައި އެ ކުދިންގެ ފަރުވާގެ ކަންކަން ފަހިކޮށްދިނުމަށް ޞިއްހީ ވުޒާރާއިން ވަނީ ގިނަ މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް ސަރުކާރުގެ ހަރަދުގައި ތެލެސީމިއާ ކުދިން ބޯންމެރޯ ހެދުމަށް މިހާރު ވަނީ ރާއްޖެއިން ބޭރަށް ފޮނުވާފަ އެވެ.   އެގޮތުން މިއަހަރު މިހާތަނަށް 7 ކުއްޖަކު ވަނީ ބޯންމެރޯ ހެދުމަށް ބޭރަށް ފޮނުވާފައެވެ. އަދި އިތުރު 3 ކުދިން މިއަހަރު ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.