ތެލަސީމިއާއަށް ހޭލުންތެރި ކުރުމަށް ޤައުމީ ކެމްޕެއިނެއް މިއަދު ފަށައިފި

01 ފެބްރުއަރީ 2024
ތެލަސީމިއާއަށް ހޭލުންތެރި ކުރުމަށް ޤައުމީ ކެމްޕެއިނެއް މިއަދު ފަށައިފިއެވެ.
ހެލްތު މިނިސްޓްރީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ކެމްޕެއިން ލޯންޗްކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު ޑރ. އަބްދުﷲ ޚަލީލްއެވެ.
ތެލަސީމިއާ އަށް ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕެއިންގެ މަޤްޞަދަކީ، ތެލެސީމިއާ އާއި ގުޅިގެން ލޭއަޅާކުދިން އުފަންވާ ނިސްބަތް ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި 50 އިންސައްތައަށް ދަށްކުރުމެވެ. މީގެ އިތުރުން ޤައުމީ ފެންވަރުގައާއި ފަރުދީ ފެންވަރުގައި ގިނަ ބަޔަކަށް ތެލަސީމިއާ ބެހޭ މައުލޫމާތު ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމްކުރުމާއި، މި ނިޒާމުގެ ދަށުން ރާއްޖޭގެ އާބާދީގެ ގިނަ ބަޔަކަށް ތެލެސީމިއާ އާއި ބެހޭ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ސާނަވީ ތައުލީމު ނިންމާ ހުރިހާ ދަރިވަރުން ތެލެސީމިއާ ޓެސްޓްކުރުން ހިމެނެއެވެ.
މޯލްޑިވިއަން ބްލަޑް ސަރވިސަސް ( އެމް.ބީ.އެސް ) އިން ކުރިއަށް ގެންދާ މި ޤައުމީ ކެމްޕެއިންގެ ދަށުން ހުރިހާ މިނިސްޓްރީތަކާއި އޮފީސްތަކަށް ހޭލުންތެރިކުމުގެ ސެޝަން ކުރިއަށް ގެންދާނެއެވެ. އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަން އާއި ގުޅިގެން ސުކޫލުތަކުގައި ގްރޭޑް 10 ގައި ކިޔަވަމުންދާ ދަރިވަރުންނާއި ބެލެނިވެރިން ތެލަސީމިއާ އަށް ހޭލުންތެރި ކުރުމާއި ދަރިވަރުން ތެލަސީމިއާ އަށް ޓެސްޓްކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިންނާއި ދަރިވަރުންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް މިއަދު ފަށާ، އެ ސްކޫލްގެ ގްރޭޑް 10 ގައި ކިޔާވާ ދަރިވަރުން ތެލަސީމިއާ އަށް ޓެސްޓްކުރުމަށް ވަނީ ހަމަޖެހިފައެވެ.. މީގެ އިތުރުން ކުރިއަށް އޮތް 4 މަސްދުވަހުގެތެރޭގައި ގްރޭޓަރ މާލޭ ސަރަހައްދުގެ ގްރޭޑް 10 ގެ ދަރިވަރުންނަށް ހޭލުންތެރިކުރުމުގެ މައުލޫމާތު ސެޝަންތައް ކުރިއަށް ގެންދެވޭނެއެވެ.
ތެލަސީމިއާ ބަލީގައި 650 ކުދިން މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ފަރުވާ ހޯދަމުންދެއެވެ.