ތެލަސީމިއާއަށް ހޭލުންތެރި ކުރުމަށް ފެށި ޤައުމީ ކެމްޕެއިންގެ ދަށުން މިހާތަނަށް މާލެއާއި އަތޮޅުތެރެއިން 3170 ދަރިވަރަކު ސްކްރީންކޮށް 57 އިދާރާއަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ހިންގައިފިއެވެ.
ތެލަސީމިއާއަށް ހޭލުންތެރި ކުރުމުގެ ޤައުމީ ކެމްޕެއިން ފަށާފައިވަނީ އެޕްރީލް މަހުގައެވެ.
ތެލަސީމިއާއަށް ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕެއިންގެ މަޤްޞަދަކީ، ތެލެސީމިއާ އާއި ގުޅިގެން ލޭއަޅާކުދިން އުފަންވާ ނިސްބަތް ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި 50 އިންސައްތައަށް ދަށްކުރުމެވެ. މީގެ އިތުރުން ޤައުމީ ފެންވަރުގައާއި ފަރުދީ ފެންވަރުގައި ގިނަ ބަޔަކަށް ތެލަސީމިއާ ބެހޭ މައުލޫމާތު ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމްކުރުމާއި، މިނިޒާމުގެ ދަށުން ރާއްޖޭގެ އާބާދީގެ ގިނަ ބަޔަކަށް ތެލެސީމިއާ އާއި ބެހޭ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ސާނަވީ ތައުލީމު ނިންމާ ހުރިހާ ދަރިވަރުން ތެލެސީމިއާ އަށް ޓެސްޓްކުރުމެވެ.
މޯލްޑިވިއަން ބްލަޑް ސަރވިސަސް ( އެމް.ބީ.އެސް ) އިން ކުރިއަށް ގެންދާ މި ޤައުމީ ކެމްޕެއިންގެ ތެރެއިން ހުރިހާ މިނިސްޓްރީތަކާއި އޮފީސްތަކަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދާނެއެވެ. އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަން އާއި ގުޅިގެން ގްރޭޑް 10 ގައި ކިޔަވަމުންދާ ދަރިވަރުން ތެލަސީމިއާއަށް ޓެސްޓްކުރުމާއި ހޭލުންތެރިކުރުން ހިމެނެއެވެ.