ތެލަސީމިއާ ސެންޓަރު ހޮސްޕިޓަލެއްގެ ގޮތުގައި ހިންގަން ބޭނުންވާ ކަންކަން ފަހިކުރަން ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސުލްޖުމުހޫރިއްޔާ މިއަދު ވަނީ ތެލެސީމިއާ ސެންޓަރު މިހާރު ހިންގަމުންދާ ނޭޝަނަލް ބްލަޑް ސަރވިސް ސެންޓަރާއި އެތަން ވީރާނާނެ ހަލާކުވެފައިވާތީ އެތަން ހިންގަން މިހާރު ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާ ''އޮރެންޖް ހިޔާ" ވެސް ބައްލަވާލައްވާފައެވެ.
އެ ދެތަނަށް ޒިޔާރަތް ކުރެއްވުމަށް ފަހު މިއަދު ރައީސް އޮފީހުން އާއްމުކުރެއްވި އިންޓަވިއުއެއްގައި އެމަނިކުފާނު ވިދާޅުވީ ތެލެސީމިއާ ސެންޓަރު ހޮސްޕިޓަލެއް ގޮތަށް ހިންގުމަށް ބޭނުންވާ މުވައްޒަފުންނާއި އެހެނިހެން ކަންން ހަމަޖެއްސުމަށް މިހާރު އަންގާފައިވާނެކަމަށެވެ. ރައީސް ގެ އަރިހުގައި ފިނޭންސް މިނިސްޓަރ އަދި ހެލްތު މިނިސްޓަރ ވެސް ބައިވެރިވަޑައިގެންނެވިއެވެ.
''ފައިސާގެ ގޮތުން އެއްވެސް ކަމަކަށް ދަތިނުވާނެ ގޮތަކަށް ކަންކަން ހަމަޖެއްސުމަށް އަންގާފައި އޮންނާނީ އިންސްޓްރަކްޝަން ދީފައި. އަދި މުހުލަތުތަކެއްވެސް ދީފައި އޮންނާނީ އެންމެންގެ މަޝްވަރާއާއި އެކީގައި" ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
އެތަނަށް ބޭނުންވާ ވަސީލަތާއި މުވައްޒަފުން ހޯދުމަށް ކަނޑައަޅައި، އެ ސެންޓަރުގެ ހުރި މައްސަލަތައް ވަކި މުއްދަތެއްގެ ކުރިން ޙައްލުކުރުމަށް އަންގަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. ތެލަސީމިއާ ކުދިންނަށާއި، ސެންޓަރުގެ ދަތިތައް ހައްލުކުރެއްވުމުގެ މަސައްކަތް ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެދަށުން ކުރިއަށްގެންދިއުމަށް އެމަނިކުފާނު ވަނީ ނިންމަވާފައެވެ.
ތެލެސީމިއާ ސެންޓަރ 2017 ވަނަ އަހަރުން ފެށިގެން ހިންގަނީ ޑިރެކްޓަރ ޖެނެރަލް އެއް ނެތިކަން ފާހަގަކުރައްވާ ރައީސް ވަނީ އެކަން ވަގުތުން ހަމަޖެއްސުމަށް އަންގަވާފައެވެ. މީގެ އިތުރުން އެތަނުގެ ލެބޯޓްރީގެ ޚިދުމަތް ރަނގަޅުކުރުމާއި ، ނަރުހުންނާއި ސީނިއަރ ފިޒީޝަނެއްގެ އިތުރުން އެހެނިހެން އިދާރީ މުވައްޒަފުން ހޯދުމުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތް ކަނޑައަޅުއްވާ އެކަންކަން ހަމަޖައްސަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.