ތެލަސީމިއާ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތު ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ

09 މޭ 2024
ބައިނަލްއަޤްވާމީ ތެލަސީމިއާ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތު ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
ސޯޝަލް ސެންޓަރުގެ ހޯލުގައި ރޭ އޮތް ރަސްމިއްޔާތުގައި، ތެލަސީމިއާ ޚިދުމަތްތައް ފުޅާކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ޖަމްޢިއްޔާ ޖަމާއަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދެއްވި ހަނދާނީ ފިލާ ލިބިލެއްވި ދެ ފަރާތަށާއި، ތެލަސީމިއާ ޚިދުމަތްތައް ފުޅާކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ތިން ފަރާތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނދާނީ ފިލާ ޙަވާލުކޮށްދެއްވާފައެވެ.
އެ ފަރާތްތަކަކީ ، މެޑަމް ނަސްރީނާ އިބްރާހީމް، ޑރ. ނާއިލާ އިބްރާހީމް މުޙައްމަދު ދީދީ އަދި އަލްމަރުހޫމާ ޑރ. ފަރުޒާނާ ޚާތޫން އެވެ.  ޖަމްޢިއްޔާ ޖަމާޢަތްތަކުން ސޮސައިޓީ ފޯރ ހެލްތު އެޑިޔުކޭޝަން ( ޝީ ) އަދި މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީ އެވެ.
މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މޯލްޑިވިއަން ބްލަޑް ސަރވިސަސްއަށް 20 އަހަރު ދުވަހަށްވުރެ ދިގު މުއްދަތަށް ޚިދުމަތްކުރައްވާފައިވާ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދެއްވި ހަނދާނީ ފިލާ 6 ފަރާތަކަށް ޙަވާލުކޮށްދެއްވާފައެވެ.
މި ރަސްމިއްޔާތުގައި، ތެލަސީމިއާ ދުވަހާއި ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއްގެ އިތުރުން ތެލަސީމިއާ ޚިދުމަތްތައް ފުޅާކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ޖަމްޢިއްޔާ ޖަމާއަތްތަކާއި ފަރާތްތަކުގެ މަސައްކަތްތަކާގުޅޭ ވީޑިއޯ ރިޕޯޓެއް ދައްކާފައިވެއެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރ އޮފ ހެލްތު ޑޮކްޓަރ އަބުދުﷲ ޚާލީލު އަދި މިނިސްޓްރީގެ އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ.