އާންމު ސިއްހަތަށް
ނުރައްކާވާގޮތަށް ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު
އަޅަމުން ގެންދާނެ ކަމަށް ސިއްހަތާ ބެހާ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ގަވާއިދާ ޚިލާފަށް
އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ޓާސްކް ފޯސް އެއް އުފައްދާ
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސިއްހަތާ ބެހޭ ވަޒީރު ޑރ. އަބްދުﷲ
ޚަލީލް ވިދާޅުވީ މި ޓާސްކްފޯސްގައި ސިއްހަތާ ބެހޭ ވުޒާރާގެ މައިގަނޑު
މަސައްކަތަކަށް ވާނީ ރަޖިސްޓަރީނުކޮށް ހިންގާ ސިއްހަތާގުޅުން ހުރި ތަންތަން ބަލާ،
ގަވާއިދާ ހިލާފަށް ކާބޯތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކާ މެދު ފިޔަވަޅު
އެޅުން ކަމަށެވެ.
ވަޒީރު ވިދާޅުވީ
ގަވާއިދާ ހިލާފަށް ކާބޯތަކެތި ތައްޔާރުކޮށް ވިޔަފާރި ކުރާ ފަރާތްތަކާއި މެދު
ފިޔަވަޅު އަޅާނެ ކަމަށާ އެފަދަ ތަންތަން ބަންދު ކުރާނެ ކަމަށެވެ. ރައްޔިތުންނަށް
ރައްކާތެރި ކާނާ ލިބޭނެ ކަން ކަށަވަރުކުރަމުން ގެންދާނެ ކަމަށްވެސް ވަޒީރު
ވިދާޅުވި އެވެ.
އަދި ރައްޔިތުންގެ
ސިއްހަތު ކޮމްޕްރޮމައިޒް ނުކުރާނެ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
މާދަމާ އަމަލުކުރަން ފަށާ ކާބޯތަކެތީގެ
ސަލާމަތާ ބެހޭ
ޤާނޫނާއިއެކު މޯލްޑިވްސް
ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަށް ބޮޑެތި ބާރުތަކެއް ލިބިގެންދާކަން ފާހަގަ
ކުރައްވާ ވަޒީރު ވދާޅުވީ ކާބޯތަކެތި ރައްކާތެރިކުރުމުގެ ޤާނޫނު ތަންފީޒްވަމުންދާނެކަމަށާ
އެ ޤާނޫނުގެ ދަށުން އެމްއެފްޑީއޭ އަށްވެސް ހާއްސަ ބާރުތަކެއް ލިބިގެންދާނެ
ކަމަށެވެ.
ވަޒީރު ވިދާޅުވީ މިގާނޫނުގެ ދަށުން
ގޭގޭގައި ތައްޔާރުކޮށް ފިހާރަތަކުގައި ވިއްކާ ކާބޯތަކެތިވެސް މީގެ ފަހުން
ޓްރެކްކުރެވޭނެ ކަމަށެވެ. އެއީ މިގާނޫނުގެ ދަށުން ގޭގޭގައި އުފައްދާތަކެތިވެސް
ލޭބަލް ކުރަން ޖެހޭނެ ކަމަށް ވަޒީރު ވިދާޅުވި އެވެ. އަދި ސިއްހަތަށް
ނުރައްކާވާގޮތަށް ރައްކާތެރިނޫންގޮތަށް ކާބޯތަކެތި ވިއްކާތަންތަން ބަންދު ކުރުމުގެ
ބާރުވެސް އެމްއެފްޑީއޭ އަށް މިގާނޫނުގެ ދަށުން ލިބިގެންދަނެ ކަމަށް ވަޒީރު
ވިދާޅުވި އެވެ. އެހެންވީމާ މިކަމުން ރައްޔިތުންނަށް ލިބެނީ ރައްކާތެރި ކާނާކަން
ކަށަވަރުވެގެންދަނެ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.