ޤާނޫނު ނަންބަރު 2010/15 (ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނު)ގެ ދަށުން އިލެކްޓްރޯނިކް
ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އެފަދަ އާލާތްތަކާއި އެ އެއްޗެއްސާއެކު
ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ދިވެހިރާއްޖެއަށް
އެތެރެކުރުމާއި، ވިއްކުމާއި، ހިލޭ ބެހުމާއި، އެ ތަކެތި ބޭނުންކުރުން މިރޭ 00.00 ފެށިގެން
މަނާވާނެ އެވެ.
މީގެ އިތުރުން، މިރޭގެ 00.00އިން ފެށިގެން އަންނަނިވި ކަންކަން ވެސް
މަނާވާނެއެވެ.
- ދައުލަތުގެ އެންމެހައި އިދާރާތައް ހިންގާ އިމާރާތްތަކާއި އެ ތަންތަނުގެ
ގޯތިތެރޭގައި ދުންފަތުގެ އިސްތިޢުމާލުކުރުން
- ވިޔަފާރިއެއް ނުވަތަ ޚިދުމަތެއް ފޯރުކޮށްދޭ ތަންތަނުގައި ހުއްދައާ ޚިލާފަށް
ދުންފަތުގެ އިސްތިޢުމާލުކޮށްފި ނަމަ، އެކަން ކުރި ފަރާތާއި، އެ ތަނެއްގެ
ވެރިފަރާތް ނުވަތަ އެ ތަނެއް ހިންގާ ފަރާތް ޖޫރިމަނާކުރުމާއި، އެ ތަނެއްގައި
ދުންފަތުގެ އިސްތިޢުމާލުކުރުމަށް ދޫކޮށްފައިވާ ހުއްދަ ބާޠިލުކޮށް، އެ ތަނަކަށް
ދޫކޮށްފައިވާ ވިޔަފާރިކުރުމުގެ ހުއްދަ ވަގުތީގޮތުން ހިފެހެއްޓުން
- 21 އަހަރުން ދަށުގެ މީހުންނާއި ކުޑަކުދީންނަށް ދުންފަތުގެ އެއްވެސް
ބާވަތެއް ނުވަތަ ދުންފަތުން އުފައްދައިފައި ހުރި އެއްވެސް އެއްޗެއް ވިއްކުން
ނުވަތަ ވިއްކުމުގެ މުޢާމަލާތެއްގައި 21 އަހަރުން ދަށުގެ މީހަކު ނުވަތަ
ކުޑަކުއްޖަކު ބައިވެރިކުރުން
- ދުންފަތުގެ ބާވަތެއް ގަންނަ މީހަކީ 21 އަހަރު ވެފައިވާ މީހެއްކަން ނުވަތަ
ކުޑަކުއްޖެއްކަން ނޫންކަން ޔަގީންކޮށް، އެ ފަރާތެއްގެ ކާކުކަން އަންގައިދޭ ކާޑު
ނުވަތަ އުމުރު އަންގައިދޭ ޞައްޙަ ރަސްމީ ލިޔުމެއް ދެއްކުމަށް އަންގައި، އެ ލިޔުން
ދެއްކުމަށްފަހު މެނުވީ އެއްވެސް ފަރާތަކަށް ދުންފަތުގެ ބާވަތެއް ވިއްކުން
-ދުންފަތުގެ އެއްވެސް
ބާވަތެއް އެ ވިއްކާ ފަރާތަކުން އިސްތިހާރުކުރުން
-ދުންފަތުގެ
ބާވަތްތައް ވިއްކާ ތަނެއްގައި ދުންފަތުގެ އެއްވެސް ބާވަތެއް ނުވަތަ ދުންފަތުގެ
ބާވަތެއް އެކުލެވޭ ފޮށި ނުވަތަ ކާޓަން ނުވަތަ އެނޫންވެސް އެފަދަ ތަކެތި
ބަންދުކޮށްފައި ހުންނަ އެއްޗެއް، އާންމުންނަށް ފެންނާނޭހެން ބެހެއްޓުމާއި، އެފަދަ
އެއްޗެއް އާންމުންނަށް ފެންނާނޭހެން އެއް ތަނުން އަނެއް ތަނަށް އުފުލުމާއި،
އެގޮތަށް މުދާ ބަހައްޓައިފި ނަމަ ނުވަތަ އުފުލައިފި ނަމަ، އެއީ އިސްތިހާރުކުރުން
ކަމުގައި ބެލެވޭނެ
-ދުންފަތް ހެއްދުމާއި ދުންފަތާއި ދުންފަތުގެ ބާވަތްތައް އުފެއްދުން މަނާކުރާ
މާއްދާގެ ދަށުން، ދުންފަތުގެ އެއްވެސް ބާވަތެއްގެ ގަހެއް، އެއްވެސް މިންވަރަކަށް
ހެއްދުން ނުވަތަ ދިވެހިރާއްޖޭގައި އެއްވެސް މިންވަރަކަށް ދުންފަތް އުފެއްދުން
- ދުންފަތް ގަހާއި، ދުންފަތުގެ ގަހުގެ އޮށް ހިމެނޭހެން، ދުންފަތް ގަސް
ހެއްދުމަށް ބޭނުންކުރެވިދާނެ އެ ގަހުގެ އެ ނޫންވެސް ބައެއް ދިވެހިރާއްޖެއަށް
އެތެރެކުރުމާއި، ދިވެހިރާއްޖޭގައި ދުންފަތުގެ އެއްވެސް ބާވަތެއްގެ އުފެއްދުން
- ޤާނޫނާ ޚިލާފަށް ދުންފަތުގެ ބާވަތްތައް
އިސްތިހާރުކުރުމާއި، ސްޕޮންސަރކުރުމާއި، ޕްރޮމޯޓުކުރުން
- ޤާނޫނާއި ގަވާއިދާ ޚިލާފަށް
އެއްވެސް ފަރާތަކުން ދުންފަތް ނުވަތަ ދުންފަތުގެ އެއްވެސް ބާވަތެއް
ދިވެހިރާއްޖެއަށް އެތެރެކުރުން ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރުން ނުވަތަ
ދިވެހިރާއްޖޭގައި ބެހުން ނުވަތަ ވިއްކުން
މީގެ އިތުރުންވެސް އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ
އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް
ދިވެހިރާއްޖެއަށް އެތެރެކުރުމާއި ވިއްކުން މަނާކޮށް، ޤާނޫނާ ޚިލާފުވެއްޖެ ނަމަ،
ޖޫރިމަނާކުރެވޭނެ އަދަދުތަކެއް ވަނީ ކަނޑައަޅައިފައެވެ.
އެގޮތުން ވޭޕް ކުރަން ބޭނުންކުރާ އާލާތްތަކާއި އެކަމަށް ތައްޔާރު ކޮށްފައިވާ
އުފެއްދުންތައް ރާއްޖެ އެތެރެކޮށްފި ނަމަ 50،000ރ. އަދި އެތެރެކުރާ ކޮންމެ
އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް އާލާތަކަށް 10،000ރ.ގެ މަގުން ޖޫރިމަނާ
ކުރާނެ އެވެ.
ދުންފަތް ބޭނުންކުރަން އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކައިފި ނަމަ
ޖޫރިމަނާ ކުރާނީ 20،000ރ. އިންނެވެ. ވިއްކި ކޮންމެ އެއްޗަކަށް 10،000ރ. ގެ
ޖޫރިމަނާއެއްގެ އިތުރުން ހިލޭ ބަހައިފި ނަމަ 10،000ރ. ގެ ޖޫރިމަނާ ކުރާނެ ކަމަށް
ގާނޫނުގައި ބަޔާންކޮށްފައި ވެ އެވެ. އެފަދަ އެއްޗެއް ވިއްކީ ކުޑަކުއްޖަކަށް ނަމަ
އެ މީހެއްގެ ޖޫރިމަނާ 50،000ރ. އަށް ބޮޑުވާނެ އެވެ