ރީޖަނަލް ޑިރެކްޓަރ ސައިމާ ވާޒިދް ރާއްޖެ ވަޑައިގެންފި

15 އޮކްޓޯބަރު 2024
ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ރީޖަނަލް ޑިރެކްޓަރ ސައިމާ ވާޒިދް، މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
އެކަމަނާ ރީޖަނަލް ޑިރެކްޓަރގެ މަޤާމަށް ހޮވިފައިވަނީ 2023 ވަނަ އަހަރު އިންޑިޔާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވުނު ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ 76 ވަނަ ރީޖަނަލް ކޮމިޓީ ބައްދަލުވުމުގައި ކުރިއަށް ގެންދެވުނު އިންތިހާބުންނެވެ. މިމަޤާމަށް އެކަމަނާ އައްޔަނުކޮށްފައިވަނީ 01 ފެބުރުވަރީ 2024 ވަނަ ދުވަހުއެވެ.
މިޒިޔާރަތަކީ އެކަމަނާ ރީޖަނަލް ޑިރެކްޓަރގެ މަޤާމަށް އައްޔަނުކުރުމަށްފަހު ދިވެހިރާއްޖެއަށް ކުރާ ފުރަތަމަ ރަސްމީ ދަތުރަށްވުމާއެކު، މި ޒިޔާރަތަކީ ވަރަށް ޙާއްސަ ޒިޔާރަތެއް ކަމުގައި ވެގެންދާނެއެވެ. އެގޮތުން، މި ޒިޔާރަތުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުﷲ ޚަލީލްއާއި، މިނިސްޓަރ އޮފް ހެލްތު އަލްފާޟިލް ޢަބްދުﷲ ނާޡިމް އިބްރާހީމްއާއި މިނިސްޓްރީ އޮފް ހެލްތުގެ އިސްބޭފުޅުންނާ ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ކ. ގުރައިދޫގައި ޤާއިމުކޮށްފައިވާ ޙާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތްކުރުމާއި ފ. އަތޮޅަށް ޒިޔާރަތްކުރައްވާ، ދިވެހިރާއްޖޭގައި އިބްތިދާއީ ޞިއްޙީ ފަރުވާ ހިދުމަތް ހަރުދަނާކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ލިބިފައިވާ ތަޖުރިބާ އަދި ކާމިޔާބީ ޙިއްސާ ކުރުމަށް ބާއްވާ ހަފްލާ ޝަރަފުވެރިކޮށްދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި "ތެލަސީމިއާ މާސްޓަރ ޕްލޭން" ލޯންޗުކުރުމުގެ ޙަފުލާގައި ބައިވެރިވެ ވަޑައިގަތުމުގެ އިތުރުން "ޑަބްލިޔު.އެޗް.އޯ – މޯލްޑިވްސް ކަންޓްރީ ކޯޕަރޭޝަން ސްޓްރެޓަޖީ 2024-2029" އިފްތިތާހުކުރުމަށްވެސްވަނީ ހަމަޖެހިފައެވެ.