ތެލެސީމިޔާގެ ހިތްދަތިކަން
ތަޙައްމަލުކުރަމުންދާ ފަރާތްތަކަށް ރާއްޖޭގެ ތާރީޚުގައި ވެސް ދެވިފައިނުވާ ފަދަ
އިސްކަމެއް މި ސަރުކާރުން ދެއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ
އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ތެލެސީމިއާ ކުދިންނަށް ދެވޭ
ޚިދުމަތްތައް ހަރުދަނާކުރުމަށް އެކަށައެޅިފައިވާ 10 އަހަރު ދުވަހުގެ ތެލެސީމިއާ
މާސްޓަރ ޕްލޭންގެ ވެލިޑޭޝަން ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު
ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ތެލެސީމިއާ އަކީ ޤައުމީ ބޮޑު މައްސަލަ އަކަށްވާއިރު،
ރާއްޖޭގެ ތާރީޚުގައި ވެސް ދެވިފައިނުވާ ފަދަ އިސްކަމެއް މި ސަރުކާރުން
ދެއްވަމުންދާ ކަމަށެވެ.
އެގޮތުން މިސަރުކާރުން ރާއްޖޭގެ
ތެލެސީމިއާ ކުދިންނަށް ހުރި ގޮންޖެހުންތަކުން އަރައިގަނެ އެކުދިންނަށް ދެވޭ
ޙިދުމަތުގެ ފެންވަރު ކަށަވަރުކޮށް ދެމެހެއްޓެނިވި ނިޒާމެއްގެ ތެރެއިން އެ
ޚިދުމަތްތައް ފޯރޮކޮށްދެއްވަމުން ގެންދަވާކަން ވަނީ ފާހަގަކުރައްވާފައެވެ.
އޭގެތެރެގައި ވޭތުވެދިޔަ 7
މަސްދުވަހުގެ ތެރޭގައި 14 ކުދިން ރާއްޖެއިން ބޭރަށް ބޯންމެރޯ ޓްރާންސްޕްލާންޓޭޝަން
ހެދުމަށް ފޮނުވާފައިވާކަމަށާއި އަދި އޭގެ ތެރެއިން 1 ކުއްޖަކު އެނބުރި ރާއްޖެ
އައިސްފައިވާކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ޑީ.އެން.އޭ ފަދަ
މުހިއްމު ޓެސްޓްތައް ހެދޭނެ މަގު މިސަރުކާރުން މަގުފަހިކޮށްދީފައިވާކަމަށާއި
ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި މެޑިކަލް ކޮންޒިއުމަބަލްސް މުޅިރާއްޖެއަށް
ލުއިފަސޭހަކޮށް ލިބޭނެ އިންތިޒާމްތައް މިސަރުކާރުން ހަމަޖައްސައިދީފައިވާކަން
ފާހަގަކުރެއްވިއެވެ.
މިއާއެކު ތެލެސީމިޔާ ބައްޔަށް ޚާއްޞަ
ޒަމާނީ ހޮސްޕިޓަލެއް ހުޅުމާލޭގައި ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ
މަސައްކަތް ކުރަމުންދާއިރު، މި ހޮސްޕިޓަލަކީ އެންމެ ޒަމާނީ ވަސީލަތްތަކާއި
ފަސޭހަތައް އެކުލެވިގެންވާ މަތީފެންވަރުގެ ހޮސްޕިޓަލެއް ކަމުގައި ވިދާޅުވިއެވެ.
އަދި ތެލެސީމިޔާ ބައްޔާ ގުޅޭ އެކިއެކި ފަރުވާ ލިބިގަތުމުގައި ލުއިގޮތްތައް
އިންތިޒާމުކުރެވިފައިވާ ހޮސްޕިޓަލެއް ކަމަށާއި ފަރުވާ ހޯދަން ހޭދަވާ މުއްދަތުގައި
މާލީ ގޮތުންނާއި އަދި އަދި އެ ނޫންވެސް އެކި ގޮތްގޮތުން އުފުލަން ޖެހޭ
ތަކުލީފުތަކަށް ނިމުމަކަށް އަންނާނެ ކަމަށް މެޑަމް ވިދާޅުވިއެވެ.