ރާއްޖޭގެ ހުރިހާ ރަށެއްގައި އިމަރޖެންސީ ހާލަތުގައި ފަރުވާ ދިނުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިދަނީ ވަމުން – މިނިސްޓަރ

18 މާރިޗު 2024
ރާއްޖޭގެ ހުރިހާ ރަށެއްގައި އިމަރޖެންސީ ހާލަތުގައި ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށް މިނިސްޓަރ އޮފް ހެލްތު ޑޮކްޓަރ އަބުދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ ރަށްރަށުގެ އިމަޖެންސީ ޙާލަތްތަކުގައި ފަރުވާދިނުމަށް ބޭނުންވާ ސާމާނު ބައެއް ރަށްރަށަށް މިހާރުގެންގޮސްފައިވާ ކަމަށެވެ.
ޞިއްޙީ މަރުކަޒުތަކަށް ބޭނުންވާ އާލަތްތައް ހޯދުމަށްވެސް ސްޓޮކް އެނަލިސިސްއެއް ހަދަމުންދާ ކަމަށާއި، މިއާއެކު ރަށްރަށަށް ބޭނުންވާ އާލަތްތައް ދެނެގަނެވި އެތަކެތި ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ޞިއްޙީ ޚިދުމަތްދޭތަންތަނަށް ބޭނުންވާ ނަރުހުންނާއި ޑޮކްޓަރުން ހޯދުމުގެ މަސައްކަތް ކުރައްވަމުންގެންދާވާ ކަމަށްވެސް ވިދާޅުވިއެވެ. އިމަޖެންސީގައި ބަލިމީހުން ގެނައުމަށް ލޯންޗު އެމްބިއުލާންސްގެ ޚިދުމަތްވެސް ރަށްރަށުގައި ފުޅާ ކުރުމަށް މަސައްކަތްކުރައްވަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިހާރު މިނިސްޓްރީން ފަށާފައިވާ ލެބޯޓްރީގެ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެކަމަށް ބޭނުންވާ ސާމާނުތައް ރާއްޖެއަށް ގެނައުމުގެ މަސައްކަތްކުރެވެމުންދާ ކަމަށް މިނިސްޓަރ ޚަލީލު ވިދާޅުވިއެވެ. މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ޚަލީލު ވިދާޅުވީ މަސައްކަތް ލަސްވާ ހޮސްޕިޓަލްތަކާއި، ޞިއްޙީ މަރުކަޒުތަކުގެ ކޮންޓްރެކްޓަރުންނާއި ވާހަކަދެކެވެމުންދާކަމަށާއި، އެކަށީގެންވާ ގޮތަކަށް މަސައްކަތް ކުރިއަށް ނުދާނަމަ އެކަމަށްވެސް ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.