އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް އާއި
ސޮސައިޓީ އޮފް އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖިސްޓްސް އޮފް މޯލްޑިވްސް (އެސް.އޯ.ޖީ.އެމް) ގުޅިގެން
ރާއްޖޭގައި ފުރަތަމަ ފަހަރަށް ގައިނޮކޮލޮޖިކަލް ސާޖިކަލް ވޯކްޝޮޕެއް ފަށައިފިއެވެ.
މި ވޯކްޝޮޕް ފައްޓަވާދެއްވީ މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޘިމް އިބްރާހިމްއެވެ.
މި ވޯކްޝޮޕް ފައްޓަވާދެއްވާ މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ދިވެހި ރާއްޖޭގައި ގައިނެކޮލޮޖީގެ
ފަރުވާ ކުރިއެރުވުމަށް މި ހަރަކާތުގެ މުހިއްމުކަން ވަނީ ފާހަގަ
ކުރައްވާފައެވެ.
މި
ވޯކްޝޮޕްގައި ގައިނެކޮލޮޖިސްޓުންނާއި އޮޕަރޭޓިންގ ރޫމް ނަރުހުންނަށް ޢަމަލީ ތަމްރީނު ދިނުމަށް ހަމަޖެހިފައިވާއިރު، ހުޅުމާލެ
ހޮސްޕިޓަލާއި، ޓްރީޓޮޕް ހޮސްޕިޓަލާއި، އޭޑީކޭ
ހޮސްޕިޓަލް އަދި މެޑިކާ ހޮސްޕިޓަލްގެ 7 ގައިނެކޮލޮޖިސްޓުން މި ވޯކްޝޮޕްގައި ވަނީ ބައިވެރިވެފައެވެ.
މި ވޯކްޝޮޕްގެ ސަބަބުން ދިވެހިރާއްޖޭގައި މިހާރުވެސް އަންހެނުންގެ ޙާއްސަ ބަލިތަކުގެ
ފަރުވާއަށް ލިބެންހުރި ޚިދުމަތްތައް އިތުރަށް ފުރިހަމަވެގެންދާނެއެވެ. އަދި އަންހެނުންގެ ބަލިތަކަށް ހާއްސަ ދިވެހި ސާޖަނުންނަށް މުހިންމު
ތަޖުރިބާތަކެއް ލިބިގެންދާނެއެވެ. އަދި
މިކަމަކީ އަންހެނުން ބާރުވެރި ކުރުމުގެގޮތުން އެ ކަނބަލުންގެ ސިއްހަތަށް
އަހަންމިޔަތުކަން ދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
ވޯކްޝޮޕް ކުރިއަށް ގެންދިއުމަށް ޗައިނާގެ
ބެއިޖިންގައި މަސައްކަތްކުރައްވާ ތަޖުރިބާކާރު ޕްރޮފެސަރ ޑރ ޝިއައުމިންގް
ގޮންގް ވަނީ ރާއްޖެ ވަޑައިގެންފައެވެ. ޕްރޮފެސަރ ޑރ. ޝިއައުމިން
ގޮންގް އަކީ މިނިމަލް
އިންވޭސިވް ގައިނަކޮލޮޖިކް ސަރޖަރީ (އެމް.އައި.ޖީ.އެސް) ގެ ރޮނގުގައި
ފާހަގަކޮށްލެވޭ ދުނިޔޭގެ ފެންވަރުގެ މާހިރެކެވެ.
ޕްރޮފެސަރ ގޮންގް އަކީ ރަހިމުގެ ފައިބްރޮއިޑް އެބްލޭޝަން
ތެރަޕީގެ އައު މަގެއް ހުޅުވާލި ފަރާތެކެވެ. އަހަރަކު 500 އަށްވުރެ ގިނަ ސަރޖަރީ
ހައްދަވާއިރު، އޭގެ
ތެރެއިން 95% އަކީ މިނިމަލީ އިންވޭސިވް އުކުޅުތައް ބޭނުންކުރައްވައިގެން ހަދާ
ސަރޖަރީތަކެވެ. އޭނާއަކީ ސިންގަލް-ޕޯޓް ލެޕޮރޮސްކޯޕިކް ސާޖަރީ، ވީ-ނޯޓްސް ސަރޖަރީ އަދި ލިންސް ހިސްޓަރޮސްކޮޕިކް
ރިސެކްޝަން ޓެކްނިކް ފަދަ ޕްރޮސީޖަރތައް ޗައިނާއަށް ތަޢާރަފުކުރި ފަރާތެވެ.
2009 ވަނަ
އަހަރުން ފެށިގެން ރަހިމުގެ ފައިބްރޮއިޑްސް އަދި އެޑިނޯމައޯސިސް ފަރުވާއަށް
ހައި-އިންޓެންސިޓީ ފޯކަސްޑް އަލްޓްރާސައުންޑް (އެޗް.އައި.އެފް.ޔޫ)، އަދި މައިކްރޯވޭވް ރޭޑިއޯފްރީކުއެންސީ ޓެކްނިކްތައް
ބޭނުންކޮށްގެން ކުރި މަސައްކަތްތަކުން މި ދާއިރާއަށް އެބޭފުޅާ ވަނީ ގިނަ ކުރިއެރުންތަކެއް ހޯދަދީފައެވެ.