ރާއްޖެއަށް ޔޫރަޕް ކޮލެޓީގެ ބޭސް ގެންނަން ފަށައިފި

28 ޖުލައި 2024
ރާއްޖޭގެ ބާޒާރުގައި ލިބެންހުންނަ ބޭހަކީ ފެންވަރު ރަނގަޅު ރައްކާތެރި ބޭސްކަން ކަށަވަރުކުރުމަށް އެކުލަވާލާފައިވާ ބަލްކްޕްރޮކިއުމަންޓް ސިޔާސަތުގެ ދަށުން ރާއްޖެއަށް ޔޫރަޕް ކޮލެޓީގެ ބޭސް ގެންނަން ފަށައިފިއެވެ.
ބަލްކްޕްރޮކިއުމަންޓް ސިޔާސަތުގެ ދަށުން ކޮލަޓީ ބޭސް ގެނައުމަށް ކަނޑައަޅާފައިވަނީ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ މަރުހަލާގެތެރެއިން ރާއްޖެއަށް ޔޫރަޕް ކޮލެޓީގެ 07 ބޭސް ގެންނަށް ފަށާފައިވާއިރު، އެކި މަރުހަލާތަކަށް ބަހާލައިގެން ރާއްޖެއަށް ބޭނުންވާ އަސާސީ ހުރިހާ ބޭސް މި ނިޒާމުގެ ތެރެއިން ގެނައުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނީ ސަރުކާރުން ތަންފީޒުކުރަން ފެށި ބަލްކް ކޮށް ބޭސް އެތެރެކުރުމުގެ ސިޔާސަތުގެ ސަބަބުން ކޮލިޓީ ރަނގަޅު ރައްކާތެރިބޭސް މެދުނުކެނޑި ލިބެންފަށާނެ ކަމަށެވެ. އަދި މި ސިޔާސަތުގެ ދަށުން ބަލްކްކޮށް ރާއްޖެއަށް ބޭސް އެތެރެކުރުމުގެ ހުރިހާ މަރުހަލާއެއްގައިވެސް ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ޔަގީންކުރުމުގައި އެއޮތޯރިޓީގެ މިންގަނޑުތަކާއި އިންޓަރނޭޝަނަލް ބެސްޓްޕްރެކްޓިސް އަދި ޔޫ އެންޑީޕީގެ ކޮލިޓީ ސްޓެންޑަރޑް ހިފަހައްޓާފައިވާނެ ކަމަށެވެ.
އެގޮތުން މި ސިޔާސަތުގެ ދަށުން ރާއްޖެ އެތެރެކުރުމަށް ހުއްދަދީފައިވާނީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) ލިސްޓެޑް ނުވަތަ ސްޓްރިންޖެންޓް ރެގިއުލޭޓްރީ އޮތޯރިޓީއެއްގައި ރަޖިސްޓްރީ ކޮށްފައިވާ އަދި ޔޫއެންޑީޕީ އާއި އެއޮތޯރިޓީގެ ކުއަލިޓީ މިންގަނޑު ތަކުން ފާސްވެފައިވާ ޕްރޮޑަކްޓް ތަކެއް ކަމަށެވެ.
މީގެއިތުރުން މި ސިޔާސަތުގެ ދަށުން ބޭސް އެތެރެކުރަނީ އިތުބާރު ހުރި ކޮލިޓީ މިންގަނޑުތަކަށް ފެތޭ ސަޕްލަޔަރުން މެދުވެރިކޮށްކަން ވެސް އެއޮތޯރިޓީގެ ފަރާތުން ޔަގީންކޮށްފައިވާއިރު، ބޭސް އެތެރެކުރުމުގެ އެންމެހާ މަރުހަލާތަކުގައި ބޭސް ބަހައްޓަނީ ހުންނަންޖެހޭ ފިނިހޫނުމިނުގައި އަދި ކަނޑައެޅިފައިވާ މިންގަނޑުގައިކަން ވެސް އެއޮތޯރިޓީން ވަނީ ފާހަގަކޮށްފައެވެ.
އެމްއެފްޑީއޭ އިން ބުނީ، މިސިޔާސަތުގެ ދަށުން އެތެރެކުރުމަށް ހުއްދަދެވޭ ބޭސްތައް އެޕްރޫޑްރަގްލިސްޓްގައި ހިމެނިފައިވާނެ ކަމަށެވެ.
އަދި މި ބޭސްތައްވެސް މާކެޓްއަށް ދޫކުރުމަށްފަހު އެއޮތޯރިޓީގެ ޕޯސްޓްމާކެޓް ސަރވައިލަންސް އުސޫލާއިއެއްގޮތައް ރެންޑަމްކޮށް ސާމްޕަލް ނަގައި ޓެސްޓްކޮށް ބޭހުގެ ކޮލިޓީއަށް އެއްވެސް ބަދަލެއްއާދޭތޯ ބަލައި މޮނިޓަރ ކުރަމުންގެންދާނެ ކަމަށެވެ.
ފެންވަރު ރަނގަޅު ބޭސް ދިވެހިރާއްޖެ ރައްޔިތުންނަށް ކަށަވަރު ކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދުގެ ރިޔާސީ ވައުދެކެވެ.
އެހެންކަމުން މިސިޔާސަތާއިއެކު ރައްޔިތުންނަށް ބޭނުންވާ ކޮލީޓީ ބޭސް މެދުނުކެނޑި ފޯރުކޮށްދިނުމަށް ދިވެހި ސަރުކާރުގެ ފަރާތުން ކުރަމުންދާ މަސައްކަތް ތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ.