ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކޮށް
ބަލިތައް ގިނަވާން ދިމާވާ ހިރާސްތަކުން ރައްކާތެރިވުމާއި ޞިއްޙީ ދުޅަހެޔޮކަން
އިތުރުކުރުމަށް އެޗްޕީއޭ އާއި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ގުޅިގެން " އޯލް
ހޭންޑްސް އޮން ޑެކް" އެން.ސީ.ޑީ އެޑްވޮކަސީ ފޯރަމް ގެ ނަމުގައި 2 ދުވަހުގެ
ބައްދަލުވުމެއް ބާއްވައިފިއެވެ.
އޯގަސްޓް 15 އިން 16 އަށް މާލޭގައި ބޭއްވުނު މި
ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ސަރުކާރުގެ އެކި މުއައްސަސާތަކުންނާއި
އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތައް ހިމެނޭ ގޮތަށެވެ. މި ބައްދަލުވުމުގައި
ގައިންގަޔަށް ނާރާ ބަލިތައް އިތުރުވާތީ އެކަމުން ރައްކާތެރިވުމަށާއި،
ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާ
ކުރެވުނެވެ. މީގެ އިތުރުން ގައިންގަޔަށް ނާރާބަލިތަކުން ރައްކާތެރިވުމަށް އެކުލަވާލެވިފައިވާ
ނޭޝަނަލް މަލްޓިސެކްޓޯރަލް އެކްޝަން ޕްލޭން ތަންފީޛު ކުރުމާބެހޭ މަޝްވަރާތައް
ކުރިއަށް ގެންގޮސްފައި ވެއެވެ.
މި
ފޯރަމްގެ ބޭނުމަކީ ރާއްޖޭގައި ގައިންގަޔަށް ނާރާބަލި ކޮންޓްރޯލް ކުރުމުގައި 2030 އާއި
ހަމައަށް ޙާޞިލުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް،
ދައުލަތުގެ ކަމާބެހޭ އިދާރާތަކާއި، މަދަނީ ޖަމްޢިއްޔާތައް އަދި އަމިއްލަފަރާތްތަކާއި
ގުޅިގެން އެކުގައި މަސައްކަތް ކުރާނެގޮތްތަކެއް ކަނޑައެޅުމެވެ.
މި
ފޯރަމްގައި ބައިވެރިން ވަނީ އެންމެން ގުޅިގެން ގައިންގަޔަށް ނާރާ ބައްޔަށް
އާއްމުން ހޭލުންތެރިކުރުމަށް ކުރާނެ މަސައްކަތްތަކާމެދު މަޝްވަރާކޮށް، ނޭޝަނަލް
މަލްޓިސެކްޓޯރަލް އެކްޝަން ޕްލޭން ގައިވާ ކަންތައްތައް ތަންފީޛު ކުރުމަށް ފޯރަމްގެ
ބައިވެރިން އެހީތެރިވެދެއްވާނެ ކަމަށް އެއްބަސްވެފައެވެ. އަދި މި މަސައްކަތް ތަންފީޛުކުރުމުގައި
ކުރިމަތިވެދާނެ ގޮންޖެހުންތަކާއި، އަދި އެކަންކަމުން އަރައިގަތުމަށް ކަންކަން
ކުރާނެގޮތާމެދުވެސް ވަނީ މަޝްވަރާކުރެވިފައެވެ.
ގައިންގަޔަށް
ނާރާ ބަލިތައް ރާއްޖޭގައި އިތުރުވެފައިވާ މިންވަރަށް ބަލާއިރު ތަފާސް ހިސާބުތަކުން
ފެންނަގޮތުގައި އަހަރެއްގެ މައްޗަށް މަރުވާމީހުންގެ ނިސްބަތުން ގާތްގަޑަކަށް 85
އިންސައްތަ މީހުން މަރުވަނީ ގައިންގަޔަށް ނާރާބަލިތަކުގެ ސަބަބުންނެވެ.
ދެމެހެއްޓެނިވި
ތަރައްޤީގެ އެއް ލަނޑުދަނޑި ކަމުގައިވާ ގައިންގަޔަށް ނާރާބަލިތަކުގެ ސަބަބުން
މަރުވާމީހުންގެ ނިސްބަތް ތިންބައިކުޅަ އެއްބައި 2030 ވަނަ އަހަރުގެ ކުރިން
މަދުކުރުން ހިމެނެއެވެ. ނަމަވެސް މި ލަނޑުދަނޑި ހާސިލްކުރުމުގައި ދިމާވެފައިވާ އެންމެބޮޑު
އެއް ގޮންޖެހުން ގުޅިފައިވަނީ ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއާ އެވެ.
2020-2021 ގައި ރާއްޖޭގައި ހަދާފައިވާ ސްޓެޕްސް ސަރވޭ ގެ ނަތީޖާ
ދައްކާގޮތުން:
· ރާއްޖޭގެ އާބާދީގެ
25.7 އިންސައްތަ (ކޮންމެ 4 މީހަކުން 1 ) ދުންފަތުގެ އިސްތިއުމާލު ކުރެއެވެ.
އޭގެ ތެރެއިން 7.6 އިންސައްތަ މީހުންނަކީ އަންހެނުން އަދި 35.6 އިންސައްތަ
މީހުންނަކީ ފިރިހެނުންނެވެ. ސާރވޭ އިން ލިބުނު މަޢުލޫމާތަށް ބަލާއިރު، ދުންފަތުގެ
އިސްތިޢުމާލުކުރަން ފަށާ އެންމެ ހަގު އުމުރަކީ 8 އަހަރެވެ.
· ރާއްޖޭގެ އާބާދީގެ %80 މީހުން ( ކޮންމެ 5 މީހުންގެ
ތެރެއިން 4 މީހުން )ދުފައެވެ. މީގެ ތެރެއިން ކޮންމެ 2 މީހަކުން އެކަކު (%56.2 )
މީހުންނަކީ ކޮންމެ ދުވަހަކު ދުފާ މީހުންނެވެ.
· ރާއްޖޭގެ އާބާދީގެ ކޮންމެ 5 މީހަކުން 2 މީހުން، ލޮނު
ހިމެނޭ ސޯސް، ކެއުމުގައި ބޭނުން ކުރެއެވެ. އަދި ކޮންމެ 5 މީހަކުން އެކަކު (%20
މީހުން)، ކެއުމުގައި އިތުރަށް ލޮނު އަޅައެވެ.
· ރާއްޖޭގެ އާބާދީގެ %54 މީހުން،
ލޮނު ގިނައިން ހުންނަ ޕްރޮސެސްޑް ކާނާ ކައެވެ.
· ދުވާލަކު 3-2 ސާރވިން މޭވާ ކާން ޖެހޭއިރު ރާއްޖޭގެ
އާބާދީގެ ކޮންމެ 10 މީހަކުން 6 މީހަކު ކަނީ މޭވާގެ އެންމެ ސާރވިންއެކެވެ.
· ދުވާލަކު ކެއުމުގައި 5-2 ސާރވިން ތަރުކާރީ ކާން ޖެހޭއިރު
%85.2 މީހުން ކަނީ އެންމެ ސާރވިންއެއްއެވެ.
· ރާއްޖޭގެ އާބާދީގެ %65 މީހުން ކަސްރަތު ލިބޭ (މެދުމިނުގެ
ކަސްރަތު ) ކޮންމެވެސް ޙަރަކާތެއްގައި ބައިވެރިވެއެވެ.
· އާބާދީގެ 2 ބައިކުޅަ 1 ބައި މީހުންނަކީ (%52.1)
ޞިއްޙީގޮތުން ބަލާއިރު، އިސްކޮޅާ އެކަށީގެން ނުވާ ވަރަށް ބަރު ނުވަތަ ފަލަ
މީހުންނެވެ. މީގެ ތެރެއިން %46.3
މީހުންނަކީ ފިރިހެނުންނެވެ. %58.8 އަކީ އަންހެނުންނެވެ. ފިރިހެނުންގެ %10 އަދި އަންހެނުންގެ
%20 މީހުންނަކީ ޞިއްޙީ މިންގަނޑުން ބަލާއިރު އާދަޔާ ޚިލާފަށް ބަރު ނުވަތަ ފަލަ
މީހުންނެވެ.
މި ބައްދަލުވުން ނިންމުމުގެ
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު
އާދިލް ވިދާޅުވި ގޮތުގައި މިކަމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިގެން
ދާނެކަމުގެ ޔަގީންކަން ދެއްވަމުން މި މަސައްކަތަށް ސަރުކާރުން ދެއްވާ
އަހައްމިއްޔަތުކަން ފާހަގަކުރެއްވިއެވެ.