މޯލްޑިވްސް ހެލްތު ލައިން އިފްތިތާޙްކޮށްފި

05 ސެޕްޓެމްބަރު 2023
ސިއްޙީ ދާއިރާއިންދޭ ހިދުމަތް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މޯލްޑިވްސް ހެލްތު ލައިން އިފްތިތާޙްކޮށް ހޮސްޕިޓަލްތަކަށް ސްޕީޑް ބޯޓް ޙަވާލުކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު (4 ސެޕްޓެމްބަރ 2023) ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ހޮސްޕިޓަލްތަކަށް ސްޕީޑް ބޯޓް ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު އަޙުމަދު ނަސީމްއެވެ.
މޯލްޑިވްސް ހެލްތު ލައިންއަކީ ރައްޔިތުންނަށް ވީހާވެސް ގާތުން ޚިދުމަތް ދިނުމުގެ މަޤްސަދުގައި ތަޢާރަފްކުރެވުނު ނިޒާމެކެވެ. މިނިޒާމްގެ ތެރެއިން އަތޮޅު ހޮސްޕިޓަލްތަކާއި ރީޖަނަލް ހޮސްޕިޓަލްތައް މެދުވެރިކޮށް އަތޮޅުގެ އެހެން ރަށްރަށުގައި ޤަވާއިދުން އައުޓްރީޗް ޕްރޮގްރާމްތައް ހިންގާ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެވިގެންދާނެއެވެ. އަދި ބެޑް ރިޑެން ޕޭޝަންޓުންގެ ގާތަށް ޑޮކްޓަރުން ޒިޔާރަތްކޮށް ގަވާއިދުން ޑޮކްޓަރުންނަށް ދެއްކޭގޮތް ވެގެންދާނެއެވެ.
މީގެ އިތުރަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންއާއި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ އަދި ގުޅުންހުރި ސްޓޭކްހޯލްޑަރސް ގުޅިގެން މުޅި ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑްރޯން ޓެކްނޮލޮޖީ ބޭނުންކޮށްގެން އެއްރަށުން އަނެއްރަށަށް ސާމްޕަލް، އިމަރޖެންސީ މެޑިސިން، އަދި ކޮންސިއުމަބަލްސް ފަދަ ތަކެތި ފޮނުވުމުގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
މިކަމާ ގުޅޭ ދިރާސާތައްކޮށް އަދި ދާއިރާގެ ތަޖުރިބާކާރު ބޭފުޅުން މެދުވެރިކޮށް ގުޅުންހުރި ސްޓޭކްހޯލްޑަރސްއާއި އެކު ވޯރކްޝޮޕްތައް ވަނީ ބޭއްވިފައެވެ. މީގެ މަޤްސަދަކީ އެންމެ ފަހުގެ ޓެކްނޮލޮޖީތައް ބޭނުންކޮށްގެން ޞިއްޙީ ދާއިރާ ހަރުދަނާކޮށް ދެވޭ ޚިދުމަތްތައް ފަސޭހައިން އަވަސް ގޮތެއްގައި ފޯރުކޮށްދިނުމެވެ. މިގޮތުން މިހާރު ވަނީ އެއް ޑްރޯން ގެނެވިފައެވެ. އަދި ދެވަނަ ޑްރޯން މިމަސް ތެރޭގައި ގެނެވޭނެއެވެ.
މޯލްޑިވްސް ހެލްތު ލައިންގެ މަޝްރޫޢު ނިމޭއިރު ޖުމްލަ 20 އަތޮޅަށް މިޚިދުމަތް ފުޅާކުރެވިގެންދާނެއެވެ. މިމަޝްރޫޢު ނިމިގެންދާއިރު 55 މިލިއަން ރުފިޔާ ހަރަދުވާނެއެވެ.